އައިފާ އެވޯޑްސް: އެންމެ މޮޅު ފިލްމަކީ "ރާޒީ"!

އައިފާ އެވޯޑްގެ އެންމެ މޮޅު ފިލްމަކަށް ހޮވުނީ އާލިއާ ބަޓް ލީޑު ރޯލުމް ފެނިގެން ދިޔަ ފިލްމު "ރާޒީ"--- ފޮޓޯ/ ދަ ނޭޝަނަލް

ވިހިވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑުގެ އެންމެ މޮޅު ފިލްމަކަށް އާލިއާ ބަޓް ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު "ރާޒީ" ހޮވިއްޖެއެވެ.

"ރާޒީ"އަށް އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ފިލްމު އަންދާދުން، ބަދާއީ ހޯ، ޕަދުމާވަތު އަދި ސަންޖޫ އާ ވާދަކޮށްގެންނެވެ. ރާޒީއަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް މެގްނާ ގުލްޒާރު ޑައިރެކްޓްކުރި ފިލްމެކެވެ.

"ރާޒީ"އަކީ ހަރިންދަރު ސިއްކާގެ ފޮތް "ކޯލިންގް ސެހްމަތު"ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ޖަންގްލީ ޕިކްޗާޒް އަދި ދަރްމާ ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި އާލިއާ ފެނިގެން ދަނީ "ސެހްމަތު" ކިޔާ އިންޑިއާ އަންހެނެއްގެ ރޯލުންނެވެ.

ފިލްމުގައި އޭނާ އަކީ އިންޑިއާއަށް ޖާސޫސް ކޮށްދިނުމަށް، ޕާކިސްތާނު ފުލުހަކާ ކައިވެނިކޮށްގެން ޕާކިސްތާނަށް ދާ މީހެކެވެ. ފިލްމުގައި އާލިއާގެ ފިރިމީހާގެ ރޯލުން ފެނިގެންދާނީ ވިކީ ކޯޝަލްއެވެ.

އެ ފިލްމަށް ވަނީ ޖުމްލަ ތިން އެވޯޑް ވަނީ ލިބިފައެވެ.

ފާއިތުވި 20 އަހަރު އެންމެ މޮޅު ފިލްމުގެ އެވޯޑް ހާސިލްކޮށްފައިވަނީ ރިތިކް ރޯޝަންގެ "ކަހޯނާ ޕިޔާރް ހޭ" އެވެ. ފާއިތުވި 20 އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުނީ "3 އިޑިއަޓްސް" ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަށެވެ. އަދި ފާއިތުވި 20 އަހަރުތެރެއިން އެންމެ މޮޅު އެކްޓަރުންގެ އެވޯޑް ހޯދި ތަރިންނަކީ ދީޕިކާ ޕަދުކޯން އަދި ރަންބީރު ކަޕޫރެވެ.

އެ ދާއިރާއިން އެންމެ ކާމިޔާބު މިއުޒިކް ޑައިރެކްޓަރުގެ އެވޯޑް ހާސިލްކުރީ ޕްރިތަމް ޗަކްރަބަތީއެވެ. އައިފާ އެވޯޑްސްގެ އެންމެ ހާއްސަ އެއް އެވޯޑް ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބުނީ ކުރީގެ ފިލްމުތަކުގައި ކޮމެޑީ ރޯލުން ފެނިގެންދާ މޫނު ޖަގްދީޕްއެވެ.

comment ކޮމެންޓް