ފުވައްމުލަކު ޗަކަ މަގުތައް ހަމަ އެންމެ ފޮޓޯއަކުން!

ފުވައްމުލަކު މަގުމައްޗަށް ގަނބައިގަނެފައި އޮތް ސައިކަލު -- ފޮޓޯ: ފޭސްބުކް

މަތީގައިވާ ފޮޓޯއިން ފެންނަނީ ފުވައްމުލަކަށް އިއްޔެ ވެހުނު ވާރޭކޮޅަކާ އެކު އެ ސިޓީގެ މަގުތަކުގައި ފެންބޮޑުވެ ސައިކަލެއް މަގަށް ގަނބައިގަނެފައިވާ މަންޒަރެކެވެ.

މިއީ އެ ސިޓީގައި ދިރިއުޅޭ މީހުންނަށް މާ އާދަޔާ ހިލާފު ކަމަކަށް ނުވެދާނެ އެވެ. އެ މީހުން މިހާލެއްގައި އުޅޭތާ މި ވީހާ ދުވަހެއް ވެއްޖެ އެވެ. އެކަމަކު މި ފޮޓޯ ސޯޝަލް މީޑިއާގައި އެނބުރެން ފެށުމުން އެ ސިޓީއިން ބޭރު ގިނަ ބަޔަކަށް މިއީ ވަރަށް ވެސް ބޮޑު މައްސަލައަކަށް ވެއްޖެ އެވެ.

މި ފޮޓޯ އާއެކު ގިނަ ބަޔަކު ކުރި ސުވާލަކީ އަހަރީ ފީ އާއި ރޯޑް ވާދިނަސްގެ ފީތަައް ދައްކައިގެން އުޅަނދު ދުއްވާ މީހުންނަށް ހައްގު މިންވަރަކީ މިއީ ހެއްޔެވެ؟ ވާރޭވެހި، ހެދިފައިވާ ކިސަނޑު ގަނޑެއްގެ ތެރެއަށް ސައިކަލެއް ގަނބައިގަނެފައި އޮތީ ވަރަށް ވެސް ބޮޑަށެވެ.

ފުވައްމުލަކު ކުރީގެ ހޮސްޕިޓަލް ކުރިމަތިން ހިނގި އެ ހާދިސާ އާއި ގުޅޭގޮތުން އެ ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ ރަށުގެ މަގުތަކުގެ ހާލަތު ދަށް ކަމަށެވެ. ހާއްސަކޮށް އެކި މަސައްކަތްތައް ކުރުމަށް އަބަދު ބިންގަނޑު ކޮންނަން ޖެހޭތީ ބިންގަނޑުގެ ހަރުކަން ގެއްލިފައިވާކަން ފަލާހު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ފެންބޮޑުވާ ކޮންމެ ފަހަރަކު ފެންގަނޑުތައް ހިންދަން މަގުތަކަށް މަތި މައްޗަށް ފަސް އަޅަން ފެށުމުން ވެސް އެ މައްސަލަ ކުރިމަތިވެ އެވެ.

"އާންމުކޮށްވެސް އަޅުގަނޑުމެން ރަށުގެ ވެލިމަގުތައް އޮންނަ އުސޫލެއްގެ ތެރެއިން މަރާމާތު ކުރަން. އެކަމަކު މަގު ހެދިޔަސް ބިންގަނޑުގެ ހަރުކަން ދިޔައީމާ މިފަދަ ހާދިސާތައް ދިމާވަނީ،" ފަލާހު ވިދާޅުވި އެވެ. އެނާ ވިދާޅުވީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން ނޫނީ މިފަދަ މައްސަލަތައް ހައްލު ނުވާނެ ކަމަށެވެ.

ސައިކަލު ގަނބައިގަތް ހާދިސާ އާއި ގުޅޭގޮތުން ފަލާހު ވިދާޅުވީ އެ ހާދިސާ ހިނގީ ކަރަންޓްގެ މަސައްކަތެއް ކުރުމަށް މަގު ކޮނެ، ފަސް އަޅާފައިވަނިކޮށް ބިންގަނޑު ހަމަނުޖެހި އޮއްވާ، ވާރޭ ވެހުމުން ކަމަށެވެ.

"އާންމުކޮށް މަގު ކޮނުމަށް ހުއްދަ ދޭއިރުވެސް އަޅުގަނޑުމެންގެ އުސޫލުތައް ވަރަށް ހަރުދަނާވާނެ. ބިންގަނޑު ހަމަޖެހެންދެެން އެ ސަރަހައްދު ފާހަގަ ކޮށްފައި އޮންނަންވާނެ. އެކަން ނުކޮށް އޮއްވާ ވާރޭ ވެހިގެން ހާދިސާ ދިމާވެފައި އޮތްކަމަށް ބެލެވެނީ،" ސައިކަލު ގަނބައިގަތް ހާދިސާގައި މީހަކަށް ގެއްލުން ނުވިޔަސް ސައިކަލަށް ވަނީ ގެއްލުން ވެފައެވެ.

ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް އެކި ފަހަރުމަތިން ކުންފުނިތަކާ ހަވާލުކުރި ނަމަވެސް އެ މަސައްކަތްތައް ކުރިއަކަށް ނުދެ އެވެ. ރަށުގެ ވަށައިގެން އޮންނަ ރިންގު ރޯޑުގެ މަސައްކަތް މިހާރު އެމްޓީސީސީ އިން ކުރިއަށްގެންދާއިރު އެ މަސައްކަތް ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުންޏެވެ.

އެ މަސައްކަތަށްފަހު ރަށުގެ ވެލިމަގުތައް ހަދަން ފެށޭނެކަމަށް އުއްމީދު ކުރައްވާކަމަށް ސިޓީ ކައުންސިލްގެ މޭޔަރު ވިދާޅުވި އެވެ. އެއީ އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އުންމިދު ކުރާ މަޝްރޫއެވެ.

ސަބަބަކަށް ވަނީ، ވާރޭ ކޮޅެއް ވެހިލާއިރަށް މުޅި ރަށުގައި ފެންބޮޑުވެ، ދުއްވާ އެއްޗިހި ނުދުއްވޭ ވަރަށް މަގުތަކުގެ ހާލަތު ގޯސްވެފައި ވުމެވެ. މަގުތަކުގައި އަޑިގުޑަންތައް ބޮޑުވެ ދުއްވާ އުޅަނދުތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވުމެވެ.

"ވިއްސާރަ ވެއްޖިއްޔާ މި ޖެހެނީ ބޮޑެތި ފެންގަނޑުތައް ތެރެއިން ސައިކަލް އެއްޗިހި ދުއްވަން. އެހާ އަޑިގުޑަންތައް ބޮޑު. އެތައް ސައިކަލެއް ހަލާކުވެފައި ވެސް އެބަހުރި. މި ހާލެއްގައި އަބަދު އުޅެން މިޖެހެނީ،" ފުވައްމުލަކު ރައްޔިތަކު އޭނާގެ ޝުއޫރު ފާޅުކުރި އެވެ.

comment ކޮމެންޓް