ސުޕްރީމު ކޯޓްގައި އަންހެން ފަނޑިޔާރުން މައްސަލަ ބައްލަވަން ފައްޓަވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަޒްމިރާލްދާއާއި ޝުޖޫން އައްޔަން ކުރައްވާ މަގާމުގެ ހުވާ ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައެއްގެ ބެންޗުގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން މައްސަލަ ބައްލަވަން މިއަދު ފައްޓަވައިފި އެވެ.

ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަން ކުރައްވާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައި ވަނީ ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދެވެ.

މިއަދު އެ ކޯޓުގައި ތާވަލްކޮށްފައިވާ ދެ މައްސަލައެއްގެ ބެންޗުގައި ޝުޖޫން އާއި އަޒްމިރަލްދާ ހިމެނިވަޑައިގަންނަވަ އެވެ. މިއީ އެ ކޯޓަށް އައްޔަން ކުރެއްވި ފަހުން މައްސަލައެއްގައި ދެ ބޭކަނބަލުން ވެސް ފަނޑިޔާރުކަން ކުރައްވާ ފުރަތަމަ ފަހަރެވެ.

ފަނޑިޔާރު އަޒްމިރަލްދާ އިންނެވީ މިއަދު 10:00 ށް ތާވަލު ކޮށްފައިވާ ވަޒީފާއާ ބެހޭ މައްސަލައެއްގެ ބެންޗުގަ އެވެ. ފަނޑިޔާރު ޝުޖޫން އިންނެވީ މިއަދު މެންދުރު 1:00 ގައި އޮތް ޙަޟާނާތުގެ މައްސަލައެއްގެ ބެންޗުގަ އެވެ.

ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކުން ހަތަކަށް އިތުރު ކުރުމަށް ގެނައި އިސްލާހާއެކު އެ ދެ ބޭކަނބަލުން ސުޕްރީމު ކޯޓަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ޑރ. އަޒްމިރަލްދާއަކީ މީގެ ކުރިން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭކަނބަލެކެވެ. ޝުޖޫން ވަނީ މީގެ ކުރިން ސިވިލްކޯޓުގެ ގާޒީކަން ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ އަރީފް އާއި، ފަނޑިޔާރު އަލްއުސްތާޛް އާދަމް މުހައްމަދު އަބްދުﷲ އާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުހައްމަދު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އެވެ.

comment ކޮމެންޓް