އުސާމާގެ ދަރިފުޅު މަރާލީ އެމެރިކާގެ ހަމަލާއަކުން: ޓްރަމްޕް

އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ވަނީ އެމެރިކާއިން ދިން ހަމަލާއެއްގައި މަރުވެފައި ކަމަށް ވައިޓް ހައުސްއިން ބުނޭ -- ފޮޓޯ: ސީއައިއޭ

ވޮޝިންޓަން (ސެޕްޓެމްބަރު 15): އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން މަރާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ ގޮތުގައި ހަމްޒާ މަރާލާފައި ވަނީ އަފްގާނިސްތާނާއި ޕާކިސްތާނުގައި އެމެރިކާ ސިފައިން ކުރިއަށްގެންދިޔަ ކައުންޓާ-ޓެރަރިޒަމް އޮޕަރޭޝަނެއްގަ އެވެ. އަދި އޭގެ ސަބަބުން އަލް ގައިދާގެ ލީޑާޝިޕްގެ މުހިއްމު ބަޔަކާއި އެޖަމާއަތުގެ ބާނީއާ އެޖަމާއަތާ އަދިވެސް އޮތް ގުޅުން ގެއްލިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ ކޮން އިރަކު ކަމެއް ވައިޓް ހައުސްއިން ހާމަ ނުކުރެ އެވެ.

މިދިޔަ މަހު އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލަކާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ވަނީ ފާއިތުވި ދެ އަހަރު ތެރޭ ހަމްޒާ މަރާލާފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. އަދި އޭނާގެ ވީޑިއޯ މެސެޖެއް އެންމެ ފަހުން އަލްގައިދާއިން އާއްމުކޮށްފައި ވަނީ މާޗް 2018އިގައި ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނާ ގޮތުގައި ހަމްޒާ ދިޔައީ އަލްގައިދާގެ ލީޑަރަށް ވާން ތައްޔާރުވަމުންނެވެ. އަދި އޭނާ ވަނީ އޭނާގެ ބައްޕަގެ މަރުގެ ބަދަލުހިފުމަށާއި އެމެރިކާ އާއި އެހެން ގައުމުތަކަށް ހަމަލާ ދިނުމަށް ގޮވާލާފަ އެވެ.

އެހެންކަމުން މީގެ ދެ އަހަރު ކުރިން އެމެރިކާއިން ވަނީ ހަމްޒާއަކީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އަދި އޭނާއާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް އެއް މިލިއަން ޑޮލަރު ދޭނެ ކަމަށް މިދިޔަ ފެބްރުއަރީ މަހު ބުނެފަ އެވެ.

އެގާރަ ސެޕްޓެމްބަރު 2001ގައި އެމެރިކާގެ ޓުވިން ޓަވަރަށް ދިން ހަމަލާ ރޭވި ކަމަށް އެމެރިކާއިން ބުނާ އުސާމާ ބިން ލާދިން ވަނީ 2011 ވަނަ އަހަރު އެމެރިކާގެ ސްޕެޝަލް ފޯސެސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މަރާލާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް