ކްރިމިނަލް ކޯޓުން ކަތުރު ފަނި ނައްތާލާތީ އަޑުއެހުންތައް ކެންސަލް

ކުރިމިނަލް ކޯޓު ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކްރިމިނަލް ކޯޓުން ކަތުރު ފަނި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާތީ އެ ކޯޓުގައި މިއަދު ތާވަލުކޮށްފައި ހުރި މައްސަލަތައް ކެންސަލްކޮށްފި އެވެ.

ސަަންއަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން ކަތުރު ފަނި ނައްތާލުމަށް ވަނީ ބޭސް ޖަހާފައެވެ. އެތަނަށް ބޭސް ޖެހީ ބުރާސްފަތި ދުވަހުގެ ރެއެވެ.

މިއަދުވެސް އެ އިމާރާތުގައި ކަތުރުފަނި ބޭހުގެ އަސަރު ހުރުމާއެކު، ބަންދު އަޑުއެހުންތައް ފިޔަވައި މިއަދު ހުރިހާ އަޑުއެހުމެއް ކެންސަލްކޮށްފައިވާކަން ވަނީ އެނގިފަ އެވެ.

އެ ކޯޓުގައި މިއަދު ތާވަލުކޮށްފައި ހުރި ބޮޑެތި މައްސަލަތަކަށް ބަލާއިރު، ޓާމިނަލް ކެފޭ ތެރޭގައި މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލަ އާއި، އެމްއެމްއޭ ކައިރީގައި މަރާލި އިބްރާހިމް އާގިލްގެ މަރުގެ މައްސަލަ އާއި، އޮޓޯ ގަރާޖު ކައިރީގައި 14 އަހަރުގެ އިސްމާއިލް ސައްފާނު މަރާލި މައްސަލަވެސް މިއަދަށް ތަވާލުކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓަކީ މީގެ ކުރިންވެސް ކަތުރު ފަނި އެޅުމުގެ މައްސަލަ ދިމާވެފައިވާ ތަނެކެވެ. އެތަނުން ކަތުރު ފަނި ނައްތާލަދޭނެ ބަޔަކު ހޯދަން ދާދި ފަހުން އިއުލާނުވެސްކޮށްފައިވެ އެވެ.

comment ކޮމެންޓް