ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ އުފައްދަނީ އިންޑިއާއިން: ޕާކިސްތާން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން --

މުޒައްފަރުއާބާދު (ސެޕްޓެމްބަރު 14) : ހައްދުފަހަނައަޅައި ދިޔުން އަދި ޓެރަރިޒަމްގެ އަމަލުތަކަށް މަގުފަހިކުރަނީ އިންޑިއާއިން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންހާން ވިދާޅުވެއްޖެ އެވެ.

ކަޝްމީރުގެ ޕާކިސްތާން ފަޅިކަމަށްވާ އާޒާދެ ކަޝްމީރުގެވެރިރަށް މުޒައްފަރުއާބާދުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އިމްރާންޚާން ވިދާޅުވީ ހައްދުފަހަނައަޅައި ދިޔުމާއި ޓެރަރިޒަމްގެ އަމަލުތަކަށް މަގުފަހިކުރާފަދަ ހަރުކަށި އެތަށް އަމަލުތަކެއް ކަޝްމީރުގެ އިންޑިއާ ފަޅިކަމަށްވާ ޖަންމޫ ކަޝްމީރުގައި އިންޑިއާ ހިންގަމުން ގެންދާކަމަށެވެ. މީގެތެރޭގައި ޖަންމޫ ކަޝްމީރުގެ ކުށެއްނެތް އާންމުން މެރުމާއި އަންހެނުން ރޭޕްކުރުމާއި ޖަލުތަކުގައި އަނިޔާކުރުމާއި އިންސާނީ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރައިގަތުންފަދަ ކަންކަން ހިމެނޭކަން އިމްރާންޚާން ފާހަގަ ކުރެއްވިއެވެ.

އިމްރާން ވިދާޅުވީ ބާރުގެ ބޭނުންކޮށްގެން ޖަންމޫ ކަޝްމީރު އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށްޓަކައި ލާއިންސާނީ ޖަރީމާތައް އެސަރަހައްދުގައި އިންޑިޔާ ސިފައިންނާއި ސަލާމަތީ ބާރުތަކުން ހިންގަންފެށުމުން ދިރިހުރުމަށްވުރެ މަރުވުންވެސް ރަނގަޅު ކަމަށް މީހުންނަށްހީވެ އަމިއްލައަށް މަރުވެގެން ބޮންގޮއްވުންފަދަ ހަރުކަށި އަމަލުތައް ހިންގަންފެށިކަމަށާ އެކަމުގެ ޒިންމާ އުފުލަންޖެޙޭނީ އިންޑިއާ ކަމުގައެވެ.

ކަޝްމީރުގެ މިނިވަންކަމާމެދު ގޮތެއްނިންމުމުގެ ފުރުސަތު އެސަރަހައްދުގެ ރައްތިތުންނަށް ނުދީ އެސަރަހައްދުގައި އިންޑިޔާ ގެ އިސްތިއުމާރުގެ ދަށުގައި ބޭއްވުމަށްޓަކައި އިންޑިއާ ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޖަންމޫ ކަޝްމީރު މިއަދު ވަނީ އިންސާނީ ކާރިސާއެއްގައި ކަމަށް އިމްރާންޚާން ވަނީ ސިފަކުރައްވާފައެވެ.

ކަޝްމީރުގެ ހަގީގަތް އިންޑިއާއިން އޮޅުވާލުމަށް އިންޑިޔާ ސަރުކާރާއި އިންޑިއާގެ މިޑއާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން އިމްރާންޚާން ވިދާޅުވީ އެއީ އިންޑިއާގެ ޔުނިޔަން ޓެރަޓޮރީ އެއްކަމަށް ގަދަބާރުން ހެދިނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ 1.2 ބިލިއަން މުސްލިމުންދަނީ ކަޝްމީރުގެ މަސްރަހު ބަލަމުންކަމަށާ އަދި ކަޝްމީރުގެ ހަގީގަތް މުސްލިމުންނަށް އޮޅުޥާނުލެވޭނެ ކަމުގައެވެ. މިހާ ލާއިންސާނީކޮށް ޖަންމޫ ކަޝްމީރުގައި އިންޑިއާ އަމަލުކުރަމުންދާއިރު ކަޝްމީރުގައި ހައްދުފަހަނައަޅައި ދިޔުމާ އަދި ޓެރަރިޒަމްގެ އަމަލުތައް އުފެދޭ ވާހަކަ ދައްކަން އިންޑިއާގެ މަސްއޫލުވެރިން ލަދުގަންނަންޖެހޭނެ ކަމަށްވެސް އިމްރާންޚާން ވިދާޅުވިއެވެ.

އިމްރާންޚާންވަނީ ކަޝްމީރުގައި ދާދިފަހުން އިންޑިއާގެ މައި ސަރުކާރުން ހިންގަންފެށި މީހުން ހައްޔަރު ކުރުމާއި ފޯންކަނޑާލުމާއި މަގުތަކަށް ނުކުމެ އުޅުންމަނާކުރުންފަދަ ހަރުކަށި އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި އިންޑިއާގެ އެފަދަ އަމަލުތަކުގެ ސަބަބުން ހައްދުފަހަޅާ ދިއުމުގެ ފިކުރުގައި ޖަންމޫ ކަޝްމީރުގެ އެ ބަޔަކު ޖެހެމުންދާއިރު ޓެރަރިޒަމަށް މަގުފަހިކުރަނީ އިންޑިއާގެ އަމިއްލަ އަމަލުތަކުގެ ސަބަބުންކަން އިންޑިއާއަށް ނޭންގެނީތޯ އިމްރާންޚާންވަނީ ސުވާލުކުރައްވާފައެވެ.

ކަޝްމީރުގެ އިންޑިއާ ފަޅިކަމަށްވާ ޖަންމޫ ކަޝްމީރަކީ އިންޑީޔާގައި ޚާއްސަ އިމްތިޔާޒްތަކެއް ލިބިގެންވާ ސަރަހެއްދެއްކަމަށް އިންޑިއާގެ ގާނޫނު އަސާސީގައި ޒަމާނުއްސުރެ އޮތްއޮތުން ނިމުކަކަށްގެނަސް އެކަމާބެހޭ މާއްދާ އިންޑިއާގެ ގާނޫނު އަސާސީން އުނިކޮށް ޖަންމޫ ކަޝްމީރު އިންޑިއާގެ މައިސަރުކާރުގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށަށްގެންދިޔައީ މިދިޔަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. އެކަމާދެކޮޅަށް ޖަންމޫ ކަޝްމީރުގެ އާންމުން ނުކުތުމުން އިންޑިއާގެ ސަލަމާތީ ބާރުތަކުންވަނީ އެސަރަހައްދުގެ އާންމުންގެ 4000 އަށްވުރެގިނަ މީހުން ހައްޔަރުކޮށްފައެވެ. މިއާއެކު ޖަންމޫ ކަޝްމީރުގެ އާންމުންނާ ދެކޮޅަށް އިންޑިއާ ސިފައިން ހިންގާ އަނިޔާކުރުމާއި ލާއިންސާނީ ޖަރީމާތަކުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

ނަމަވެސް ޖަންމޫ ކަޝްމީރުގައި އިންޑިޔާ ހިންގާ ހަރުކަށި އަމަލުތައް ދިފާއުކުރައްވައި ބޮޑުވަޒީރު ނަރަންދުރަ މޯދީ މިދިޔަ ހަފްތާގައިވަނީ ޓެރަރިޒަމްގެ މޫ އޮތީ ޕާކިސްތާނުގައި ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. އަދި ޖަންމޫ ކަޝްމީރަށް ޓެރަރިޒަމް އެކްސްޕޯޓްކުރަނީ ޕާކިސްތާނުން ކަމަށްވެސް މޯދީ ވަނީ ތުހުމަތު ކުރައްވާފައެވެ.

ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާޚިލީ މައްސަލައެއްކަމަށް އެގައުމުން ބުނާއިރު އެންމެފުރަތަމަ އެއީ ބައިނަލްއަގްވާމީ މައްސަލައެއްކަމަށް ހަދައި 1947 ވަނަ އަހަރު ކަޝްމީރުގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅީވެސް އިންޑިއާއިންނެވެ.

އެއަށްފަހު 1972 ވަނައަހަރު އިންޑިއާގެ ސިޔާސަތުބަދަލުވެ ކަޝްމީރުގެ މައްސަލައަކީ އިންޑިއާއާއި ޕާކިސްތާނުގެ މައްސައެއްކަމަށް އިންޑިޔާ ނިންމިއެވެ. އެއަށްފަހު ޖަންމޫ ކަޝްމީރަކީ އިންޑީޔާގައި ޚާއްސަ އިމްތިޔާޒްތަކެއް ލިބިގެންވާ ސަރަހެއްދެއްކަމަށް އިންޑިއާގެ ގާނޫނު އަސާސީގައި ޒަމާނުއްސުރެ އޮތްއޮތުން މިދިޔަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ނިމުކަކަށްގެނަސް އެކަމާބެހޭ މާއްދާ އިންޑިއާގެ ގާނޫނު އަސާސީން އުނިކޮށް ޖަންމޫ ކަޝްމީރު އިންޑިއާގެ މައިސަރުކާރުގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށަށްގެންދިޔުމަށްފަހު އިންޑިއާވަނީ ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާޚިލީ މައްސަލައެއްކަމަށް އިއްލާންކޮށްފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު