"ހުވާ"ގެ ފަހު އެޕިސޯޑް ބެލުންތެރިން ބަލަމުން ދިޔައީ ހިތުގެ ކަނަކުން ރޮމުންނެވެ. ވަރުގަދަ ސީރީޒް ނިމެން އުޅޭތީ އެވެ.
ނަމަވެސް ސީރީޒްގެ ފަހު އެޕިސޯޑް ނިންމާލަމުން "ޓު ބީ ކޮންޓިނިއު" އެރިތަން ފެނުމުން ގިނަ ބަޔަކު އުފަލުން ފޮޅުނެވެ. ހިތްހަމަޖެހުނެވެ.
"ހުވާ"ގެ ދެވަނަ ސީޒަނެއް ފެންނާނެ އެވެ. ހުވާގެ ފުރަތަމަ ބައި ނިންމާލި ހިސާބުން ދެވަނަ ބައެއް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ޑައިރެކްޓަރު ފާތިމަތު ނަހުލާ ވަނީ ދީފަ އެވެ.
ސަން އަށް ދިން އިންޓަވިއުއެއްގައި ނަހޫ ބުނީ ދެވަނަ ބައިގެ ވާހަކަ މިހާރު ލިޔަމުންދާ ކަމަށާއި ބެލުންތެރިންނަށް ސީރީޒް ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.
ގިނަ އަދަދެއްގެ ކާސްޓުންތަކެއް ހުވާއިން ފެނިގެން ދިޔައިރު ދެވަނަ ބައިގައި ވެސް އެ ހުރިހާ ކާސްޓުން ފެންނާނެތޯ ސަން އިން ސުވާލުކުރުމުން ނަހޫ ބުނީ ގާތްގަނޑަކަށް ހުރިހާ ތަރިންވެސް ފެނިގެންދާނެ ކަމަށެވެ. އަދި "ނުކުޅޭ މީހަކު ނުކުޅުނަސް ހުވާ ދާނީ ކުރިއަށް" ކަމަށް ވެސް ނަހޫ ބުންޏެވެ.
ފޭސްބުކްގައި ނަހޫ ކުރި ޕޯސްޓެއްގައި ބުނީ ހުވާ ނިމުމާއެކު އޭނާގެ އިންބޮކްސް ފުރުނީ ހިތާމަވެރި މޫނު ދައްކައިދޭ އިމޯޖީތަކުން ކަމަށެވެ. އަދި އެރޭ ފަތިހު ހަތަރެއް ޖަހަންދެން ހޭލާ އިންނަން ޖެހުނު ކަމަށްވެސް އޭނާ ބުންޏެވެ.
"މި ވަރެއްނުވޭ ފިލްމެއްގެ ޕްރިމިއާ ނައިޓެއްގައި ވެސް،"
"ހުވާ" އަކީ އެންމެންގެ ލޯބި ހޯދަމުން އަންނަ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ވާހަކައަކަށް އޭނާ އާއި ފައިސަލް ޑައިރެކްޓްކޮށްފައިވާ ސީރީޒްއެކެވެ.
އެ ސީރީޒަށް އެއްވެސް އުނިކަމެއް އަންނާނެ ކަމަކަށް ލަފައެއްނުކުރެވެ އެވެ. އަދި އިތުރު ކާސްޓުންނާއެކުވެސް ހުވާ ވަރުގަދަވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ނަހުލާގެ "ހުވާ" ނުނިމެއެވެ. އަދި އޮތީ ކުރިއަށެވެ. އެކަމަކު ބެލުންތެރިންޖެހޭނީ އިންތިޒާރެއްކޮށްލާށެވެ. ހަމަޔަގީނުންވެސް ހުވާގެ ދެވަނަ ސީޒަނެއް ފެންނާނެއެވެ. ބެލުންތެރިން ހެއްވާލާފައެވެ.
ބައިސްކޯފު އަކީ އެންޓަޓެއިންމަންޓްގެ ހުރިހާ ދާއިރާތަކެއް ހިމެނިފައިވާ އެޕްލިކޭޝަނެކެވެ. އޯޑިއޯ، ވީޑިއޯ އަދި ދިވެހި ފިލްމު ތަކާއި ގިނަ އަމިއްލަ ސީރީޒްތައްވެސް ބައިސްކޯފު އެޕްލިކޭޝަނުން ބަލައިލެވެއެވެ. އަދި ޓޯކް ޝޯފަދަ ޝޯތަކާއެކު އެންޓަޓެއިންމަންޓް ދާއިރާގައި ހިމެނޭ ދިވެހި ހުރިހާ ފަންނާނުންގެ މައުލޫމާތުތަކާ ހުރިހާ މަސައްކަތެއް ވެސް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ އެވެ.