އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން


ދެވަނައަށް ވީ ރޭ އާރްޔާއަށް ހޭލެވުނީ ސޯރާ އޭނަގެ ގައިގާ ކޮށްޓާލުމުންނެވެ. އާރްޔާ އުދަގޫގޮތަކަށް ލޯ ހުޅުވާލާފައި ކަންނެތްގޮތަކަށް ވާހަކަދެއްކިއެވެ.

"ސޯރާ ނިދި ނާންނަ ރެއަކީތަ؟ "

"އަހަރެން މިއައީ އޭނަ މަރާލާފައި........" ސޯރާގެ ދެއްލޯ ދިއްލުނެވެ. އާރްޔާގެ ގައިން ހީިބިހިނެގިއެވެ. "އޭނަ"އަކީ ކާކުހެއްޔެވެ؟

ޖަނަވާރެއްގެ ލޯ ރޭގަނޑު ދިއްލިފައި ހުރުމަކާ ތަފާތެއްނެތެވެ. އަނދިރީގެ ތެރެއިން އެ މަންޒަރު ފެނުނު ހިތަކަށް ބިރުވެރިކަން ވަންނާނެއެވެ. އާރްޔާގެ ގައިން ހީިބިހިނެގިއެވެ. "އޭނަ"އަކީ ކާކުހެއްޔެވެ؟

"ޝަހުރޫޝް...." ސޯރާ ވައި އަޑަކުން ކިޔައިލީ ވަށައިގެން ހޯދާލާފައެވެ. އެއާއެކު ވިދުވަރެއްހާ ހަލުވިކޮށް ދޮރުން ނުކުމެފައި އެނބުރިވަންއިރު އަތުގައި އޮތީ ކަނޑިއެކެވެ.

"ސެފްރަންގެ ކަނޑިން އަހަރެން އޭނަ މަރައިލީ. ސެފްރަން ނިދާލާފައި އޮތްވާ އަހަރެން ވަގަށް ނެގީ...." ސޯރާ ބުނެދިނެވެ.

"ކީއްވެތަ.." އާރްޔާގެ ކުރިމަތީގައި މިހިރަ ގާތިލުދެކެ އާރްޔާ ޖެހިލުންވެ ބިރުގަންނަގޮތްވިއެވެ. ފޫހިކަމެއްވެސް އުފެދުނެވެ. ހިތް ނުބައިވީ ހިނދުކޮޅެއް އައެވެ. މީހުން މަރާ މީހުންނާއި އެކުވެރިކަމެއް ނުބޭއްވޭނެއެވެ. ސޯރާއާއި އެކުވެރިވެވުނުކަމަށްޓަކާ އަމިއްލަ ނަފުސަށް ލައުނަތްދިނެވެ. ދެލޯ ބޮޑުކޮށްގެން ބަލަން އިންދާ ސޯރާ ބިންމަތީގައި އިށީދެ އިސްޖެހިއެވެ.

"އެރޭ އަހަރެން ރުއި ސަބަބެއް ނުބުނަމެއް ނު. އެވާހަކަ ބުނަން ލަދުގަތީ. އާރްޔާ ކުޑަކުއްޖެއްވީމަ......"

"އޭނަ މަށާއި ބެހުނީ......"

"އޯ މައި ގޯޑް. ހީ ކިސްޑް ޔޫ ފޯސްފުލީ. އަހަންނަށް އެނގޭ. ސޯރާ ޑޯންޓް ވޮރީ. މަގޭ ފްރެންޑަކަށްވެސް އެކަހަލަ ކަމެއް ދިމާވި..........." އާރްޔާގެ ހިތުގައި އުފެދުނު ފޫހިކަން ވަގުތުން ހަމްދަރުދީއަށް ބަދަލުވެ ސޯރާގެ ގައިގާ ކުޑަކޮށް ބައްދައިލެވިއްޖެއެވެ.

"ރަސްގެފާނަށް މި ޚަބަރު އެނގިލައްވާއިރަށް އަހަރެން ގަތުލުކުރާނެ...އަހަރެން ލޫމާއަށްވެސް ސިއްރުކުރީ ލޫމާ ޝަހުރޫޝް ގަތުލުކުރަން އުޅެ ދެމީހުން ކުރެ ލޫމާ އެކަމުގައި ނިމި ހިނގައިދާނެތީ. ދެމީހުންކުރެން ބާރުގަދައީ ކާކުކަން ޔަގީން ނުވާތީ.." ސޯރާގެ ލޮލުގައި ކަރުނަ ގިނަވިއެވެ.

"އޭނަގެ ފާފައަށް އެކަށީގެންވާ ސަޒާއެއް އެލިބުނީ. އަހަރެން ސޯރާގެ ދިފާއުގައި ވާހަކަދައްކާނަން. ކަންބޮޑުނުވައްޗޭ. މާތް ﷲ ދެރަގޮތެއް މެދުވެރިނުކުރައްވާނެ. އަލިފާނަށް އަޅުކަން ކުރާ މާރިދަކު ނުބައިކަމެއް ކުރަން އުޅުމުން ސޯރާ އަމިއްލަ ނަފުސްގެ ދިފާއުގައި ކުރިކަމެއް ކުރީ. ދެރަނުވައްޗޭ..............................." އާރްޔާގެ ޖަވާބުން ސޯރާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ނަމަވެސް ސޯރާ ބުނެދިނީ މި ރަސްކަމުގެ ކޮއިލުގައި މަރަށް މަރު ހިފަން ރަސްގެފާނު ޖަލްޖާލޫތު ލޯބިކުރައްވާކަމަށާއި އޭނަ ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށެވެ. އާރްޔާ އިރުކޮޅެއްވާންދެން ވިސްނައިލަން އިނެވެ.

"ސޯރާ. އެންޖެލާ މަރައިލީ އަހަރެންގެ އާއިލާއިން ކަމަށްބުނެ އަހަންނަށް ޑެތް ސެންޓެންސް ދީފައި އޮތީ، އެހެންވީއިރު ޝަހުރޫޝް މަރައިލީ އަހަރެން ކަމަށް އަހަރެން އެއްބަސްވާނަން. ސޯރާއަށް ނުހައްގުން އަދަބު ލިބިގެން ނުވާނެ. އެކަން އެހެން ވިޔަކަނުދޭނަން.........................." އާރްޔާ ސޯރާގެ އަތުގައި ހިފާލުމުން ހީފިލާގޮތްވިއެވެ. އެކުއްޖާގެ އަތް އެހާ ހޫނެވެ. އަލިފާން މަޅިއަކާއި ކައިރިވުމެކޭ ތަފާތެއް ނެތެވެ.

"ނޫން ނޫން ނޫން...." ސޯރާއަށް ރޮއިގަނެވުނެވެ.

"އަހަރެން ދުޢާކުރާނަން. އިރާދަކުރެއްވިއްޔާ އަހަރެންގެ ވެރި ރަސްކަލާނގެ އަހަރެން ސަލާމަތްކުރައްވާނެ..." އާރްޔާ ހިނިތުންވެލިއެވެ. އާރްޔާ ފޯނު ހުޅުވާލުމަށްފަހު ގުރުއާންގެ އާޔަތެއް ކިޔަވާފައި ސޯރާއަށް މާނަ ބުނެދިނުމުން ދީނާއި ބެހޭގޮތުން އޭނަ އިތުރަށް އޮޅުންފިލުވިއެވެ. އާރްޔާ އަޅުކަންކުރާ ފަރާތުގެ ކުޅަދާނަކަން މިފަހަރު އެނގިދާނެތާއޭވެސް ބުނެލިއެވެ.

އެދުވަހުން ފެށިގެން ސޯރާގެ ހިތުގައި އާރްޔާއަށް ދެވިފައިވާ އިއްޒަތާއި ގަދަރު ކުރިއަށްވުރެ މަތިވިއެވެ. އެކުވެރިއަކަށްޓަކާ އެހާ ބޮޑުކަމެއް ބޮލުގައި އެޅުމަކީ ކޮންމެ ކޮންމެ މީހަކު ކޮށްފާނެކަމެއް ނޫނެވެ.

***

އާރްޔާ ސްނޯއިން ފުރިފައިވާ އެ މައިދާނަށް ހާޟިރު ކުރެވުނުއިރު އެތައް މާރިދުންނާއި ބެންތިކް ޖިންނިން އެއްވެފައި އޮތެވެ. ހޯބޯލަވާވަރުން ކަންފަތްހަލާކުވާހާ އަޑުގަދައެވެ. މިއޮތް ގަދަ ފިނީގައިވެސް މާރިދުންގެ އުނު ނިވާކުރަން އަނދެފައިވާ ފޮތިކޮޅެއް ފިޔަވާ އެ ބިޔަ ވަރުގަދަ ހަށިތައް ހާމައަށެވެ. އިންތިހާ ދަރަޖައިގެ ބޮޑާކަމާއި ލިބިފައިވާ ބާރަށް ކިބުރުވެރިވާކަން މޫނުމަތިން ފައުޅުވެއެވެ. ދަޅުތައް ފެނިފައިވެސް ހިތްތައް ރޫރޫ އަޅައިގަންނާނެއެވެ. އަޒްކީލްއާއި ސެފްރަން ފިޔަވާ އެހެން ބެންތިކް ޖިންނިންވެސް މިއަދު ތިބީ ހެދުންތައް ނުލާ ހަށިތައް ހާމަކޮށްގެންނެވެ. އިސްކޮޅުން ދިގުވެފައި ބިޔަކަމުން ކަސްރަތީ ވަރުގަދަ ހަށިގަނޑުތައް ލިބިފައިވާ އިންސާނުންވެސް ހަސަދަވެރިކުރުވާހާ ވަރުގަދައެވެ. އިންސާނުންނާއި ތަފާތުވާ އެހެން ސިފައަކީ ހަމަށްއަރާ ދިހުމާއި ކުލައެވެ. އާރްޔާއަށް ފާހަގަވީ އެންމެންވެސް ކަންފަތް ނިވާވާގޮތަށް ސްކާފެއް ނޫނީ ފޮތިގަނޑެއް ނަމަވެސް އޮޅާލައިގެން ތިބޭކަމެވެ. އެހެންތިބޭއިރު ކަންފަތާއި ދިމާލުން ގުނބެއްހެން އުފުލިފައި ހުރެއެވެ.

އެންމެން ހިމޭންވީ ރަސްގެފާނު ޖަލްޖާލޫތާއި ބޮޑުވަޒީރު އަދި ޝާހީ އެހެން ޖިންނިން ފައުޅުވިތަން ފެނިފައެވެ. ވަގުތުން ހިމޭންވެ އެންމެން އިސްތައް ތިރިކޮށްލިގޮތުން ރަސްގެފާނަށް އިހުތިރާމްކުރާވަރު ފެނުނެވެ. ޝަހުރޫޝްފަދަ ރާނީގެ ޚާއްސަ ހަށިފާރަވެރިޔެއްގެ މަރުން އެންމެނަށް ސިހުން ލިބި އިންސާފަކަށް އެދި އެންމެން އެދުނުވަރުން ޝަރީއަތްކުރެވެނީއެވެ. އިރުގަނޑެއްގެ ތެރޭ އާރްޔާއާއި ސުވާލުކުރެވެން ފެށުނެވެ. އެތައް މާރިދުންނާއި ޖިންނިންގެ ސަމާލުކަން ހުއްޓިފައިވާ ގޮތުން ކުޑަ ކުޑަ އާރްޔާގެ ހިތް ފިނިވެލިއެވެ. ނަމަވެސް ދެލޯ މަރާލާފައި ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރިއެވެ.

އިސްއުފުލައިލިއިރު އާރްޔާގެ މޫނުމަތިން ފެނުނީ ހަމަޖެހިފައި ހުރިކަމެވެ. އޭނަ ނެތް ހިތްވަރު ލާފައި ބުނީ ޝަހުރޫޝް މަރައިލީ އޭނަ ސެފްރަންގެ ކަނޑި ވަގަށް ނަގާފައި އެކަނޑިން ކަމުގައެވެ.

"މަރަށް މަރު ނޫނީ ޝަހުރޫޝްގެ ވާރުތަވެރިން ބޭނުންވާ އަދަދަކަށް ރަނާއި ރިހިން އެބައި އަދާކުރަންވީ...." ޖަލްޖާލޫތު އެންގިއެވެ.

"އަހަރެންގެ އަތުގައި އެކައްޗެއްވެސް ނެތް..." އާރްޔާ ކަންބޮޑުވިއެވެ. " ރާނީ ވިދާޅުވެފައިވާ ގޮތުން އަހަންނަށް އަށާރައަހަރު ފުރުނީމަ ގަތުލުކޮށްލާނީ. އަހަންނަށް މިވީ އެންމެ ބާރަ އަހަރު.............."

ޝަހުރޫޝްގެ މައިންބަފައިންނާއި އާއިލާއިން ބޭނުންވީ ގިސާސް ހިފުމަށެވެ. އާރްޔާއަށް ދެއްކެން ނެތިއްޔާ ވަގުތުން ވަގުތަށް އާރްޔާ މަރައިލަން އެ މާރިދުން ރަސްގެފާނު އަރިހު ދެންނެވިއެވެ. މާރިދުންގެ އަދަދު ގިނަކަމާއިހުރެ ރަސްކަމަށް ނުރައްކާވެދާނެތީ އެމާރިދުން ރުއްސައިގެން އުޅެން ރަސްގެފާނަށް ހަތަރުފަރާތުން މަޖުބޫރެވެ. އެ މަންޒަރުދެކެން ހުރި މިރިއަމްގެ ތުންފަތް މަތިން ހިނިތުންވުމެއް ފައުޅުވިއެވެ. ގާތުގައި ހުރި ގޮނޑިއެއްގައި އިން ސެފްރަންގެ ނަޒަރު ހުއްޓިފައިހުރީ އާރްޔާގެ މޫނަށެވެ.

އާރްޔާގެ ޖަވާބަކީ އޭނަގެ އަތުގައި ރަނުގެ އަނގޮޓިއެއްހާ މިންވަރުވެސް ނެތްކަމެވެ.

ޖަލްޖާލޫތުގެ އެންގުމާއެކު ޖައްލާދު އާރްޔާ ގަތުލުކުރަން ތައްޔާރުވިއެވެ. އާރްޔާ އެންމެފަހު ވަގުތުވެސް ލޯ މަރާލައިގެން ހުރެ ދުޢާކުރީ އޭނަ ސަލާމަތްކޮށްދެއްވުމަށެވެ. މަރުވުމުގެ ކުރިން މަންމައާއި ބައްޕައާއި ބައްދަލުކޮށްދެއްވުމަށް އެދުނެވެ. އަލިފާނަށް އަޅުކަންކުރާ މާރިދުންެގެ މައްޗަށް ނަސްރު ދެއްވަން އެދުނެވެ.

"ހުއްޓާލާ..........." ސެފްރަންގެ ބަރު އަޑުން ޖައްލާދުގެ ކަނޑީގައި ހިފާލާފައިވީ އަތުގެ ހަރަކާތަށް ހުއްޓުމެއް އެރިއެވެ.

"އަހަރެން ވާރުތަވެރިން ބޭނުންވާ އަދަދަކަށް ރަނާއި ރިހި ދިފާނަން. އަދި ތިހާ އަވަހަށް އިންސިކުއްޖާ މަރުވެގެން ނުވާނެ.. އެހެންނޫނަސް އަހަންނަށް ހަތިޔާރު ފޮރުވަންޖެހޭގޮތަށް ނުފޮރުވާ ހުރީމަ މި ގަތުލު ހިނގީ. އަމިއްލަ ކުށް އެކަމުގައިވާ ކަމަށް ގަބޫލުކުރެވޭ................" ސެފްރަންގެ ޖުމްލައާއިއެކު އެންމެންގެ ނަޒަރު އޭނައަށް ހުއްޓުނުއިރު އާރްޔާގެ ހިތް ބާރު ބާރަށް ތެޅިގަތެވެ.

އޭނަގެ ސަލާމަތަށް ރަހުމަތެއްފަދައިން ސެފްރަން ފޮނުއްވި ފަރާތަށް ހާސް ޝުކުރު ހުއްޓެވެ. ވާރުތަވެރިން އެއްބަސްވިއެވެ. ސެފްރަން އޭނަގެ ކަރުގައި އޮތް ފަށް ނެގިތަން ފެނިފާ ޖަލްޖާލޫތަށް ކޮޅަށް ތެދުވެވިއްޖެއެވެ. އެއީ ސެފްރަންގެ ހަގީގީ މައިންބަފައިންގެ ހަމައެކަނި ނިޝާނަކަށް ދޫކުރި އަގުނުކުރެވޭފަދަ ފަށެކެވެ. އޭގައިހުރި ޖަވާހިރުގެ އަގު އެހެން އެއްޗަކާއި ނުބައްދަލެވެ. އެފަށް އެހެން މީހަކަށް ނުދައްކަން ޖަލްޖާލޫތުއޮތީ ވަސިއްޔަތްކޮށްފައެވެ.

"ސެފްރަން. ތިއީ ސެފްރަން އާއި ވަކިކުރެވިގެންވާނެ އެއްޗެއް ނޫން. ސެފްރަން ފަހުން ދަރަނި އަދާކުރާގޮތަށް އަހަރެން އެއާއިލާއަށް ދޭންވާ އެއްޗެއްދޭނަން. އިހަށް ތި ފަށް މަގޭ އަތަށް ގެނޭ..............." ޖަލްޖާލޫތުގެ އަމުރަށް ސެފްރަން އެފަށް ރަސްގެފާނުގެ އަތަށް ލެއްވިއެވެ. މިރިއަމްގެ ލޮލުން ދުން ނުކުންނަފަދައެވެ. ނޭފަތް ގުރުޑުކޮށްލަމުން ބުމަ ކައިރިކޮށްލައިގެން އާރްޔާއަށް ބަލަން ހުރެ ފުންނޭވައެއް ދޫކޮށްލިއެވެ. ސެފްރަން އެހާވަރުން އާރްޔާ ސަލާމަތްކުރީ ހަމަ ހިތާވީހެއްޔެވެ؟ ސެފްރަންގެ ނަސްލު އިންސީންނާއި ގުޅިފައިވެދާނެކަމަށް އޭނަގެ މަންމަ ގަންދީޝާ އަބަދު ޝައްކުކުރެއެވެ. ޖިންނިންނާއި މާރިދުންނަށް ލިބިފައިވާ ބާރު ސެފްރަންއަށް ބޭނުން ނުކުރެވުނަސް އެ އާއިލާއިން އެހެން މާރިދުންނަށް އެކަން ސިއްރުކޮށްފައިވަނީ ސެފްރަންގެ ރައްކަލަކަށެވެ.

ގަންދީޝާއާއި އަޒްކީލް ސެފްރަންގެ އެ ނިންމުމަށް މަރުހަބާކިއެވެ. އެހާ އަވަހަށް އެންޖެލާގެ ގާތިލުއަށް މަރުގެ އަދަބުދޭން އެ ޖިންނިންވެސް ނޭދެއެވެ. ދެރައީ އާރްޔާގެ ބިރުވެރިކަން އެހެން މާރިދުންނަށް ފޯރަންފެށިކަމެވެ. އާރްޔާ އެހާ ކުޑައިރުވެސް ބިރެއްނެތި މާރިދުންނަށް ހަމަލާދެނީހެއްޔެވެ؟ ކުޑަޔަސް ހިތްވަރެއް އެބަހުއްޓެވެ.

ޖިންނިން އާރްޔާއަށް ބަލަން ތިބިއިރު އެކި މޫނުތަކުގައިވީ އެކި އަސަރުތަކެވެ. ރުޅިވެރިކަމާއި ހައިރާންކަން އަދި ނުރުހުމާއިއެކު މަދު މޫނުތަކުން ހިނިތުންވުންވެސް ފެނުނެވެ. މާރިދުންގެ ލޯތަކުން އޭނަ އަންދައިފާނެކަހަލައެވެ.

އާރްޔާ ކުއްލިއަކަށް ފައި ރޫރޫއަޅައިގަތްގޮތަށް ރޮމުން ބިންމައްޗަށް ތިރިވެވިއްޖެއެވެ. އެހާ އިރުވަންދެން އޭނަ އެންމެނަށް ބޭރުފުށުން ދައްކައިލީ ދަޅައެކެވެ. ބިރުން ހަލާކުވޭވޭ ހުރެވެސް އޭނަ ކުޅަދާނަކަން ހާމަކުރީއެވެ. ނަމަވެސް ކުޑަކުއްޖަކަށް ކެތްކުރެވޭނީ ވަކި ވަރަކަށެވެ. ބިރުނުގަންނަކަމަށް ހެދުނަސް ހުރިހާ ޖިންނިންތައް ވަށާލާފައިވާތަން ފެނި ހުރިހާ ހިތްވަރެއް ފެނަށް ވެއްޖެއެވެ. އާރްޔާއަށް ވީގޮތް ފެނި ސޯރާއަށް އަސަރުތަކެއް ކުރިއެވެ. އާރްޔާ ބިރުންހުރެވެސް އޭނައަށްޓަކާ އެކަންތައްތަކާ ކުރިމަތިލީއޭ ހިތަށް އެރިއެވެ.


"އޭ މިހިރަ ގޮތްކުޑަ އިންސި. ސެފްރަން ހަމްދަރުދީ ހޯދަން ރޯނެކަމެއް ނެތް. ސެފްރަން ކަލޭ ސަލާމަތްކުރީ އެހެން މަގުސަދެއްގައިކަން...." މިރިއަމް ކައިރިއަށް ޖެހިލާފައި ހަމައެކަނި އާރްޔާއަށް އިވޭވަރަށް ބުނެލިއިރު އެއަޑުން އާރްޔާއަށް މިރިއަމްގެ ނަފްރަތު އިހުސާސްވިއެވެ. ވިހަ ބެލުމެކެވެ. މިރިއަމް އެހާ ނަފްރަތުކުރާ ސަބަބު އެނގެއެވެ. އެންޖެލާގެ ގާތިލުކަމަށް ހީކުރެވިފައިވުމެވެ. އޭނަގެ ބައްޕަ އެންޖެލާ މަރައިލަންވީ ކީއްވެހެއްޔެވެ؟

***

އާރްޔާ ކިޑިކީއިން ބޭރަށް ބަލައިލިއިރު އައްސޭރިފަށުގައި އަލިފާންގަނޑެއް ރޯކޮށްލައިގެން ސެފްރަންއާއި ބެންތި ޖިންނިއަކު މަސްފިހެން ތިއްބެވެ. ޖެހިލުން ކުޑަކަމާއި ބާރުގަދަކަން އެމީހުން ގައިން ފައުޅުވެއެވެ. ރޫހާނީ މަޚުލޫގުން ވިއްޔައެވެ. އަލިފާންގަނޑުގެ އަލި އެމޫނަށް އެޅި ދެލޮލުގެ ކުލަ ވަރަށް ރީތިވާނެއޭ އާރްޔާގެ ހިތަށް އެރިއެވެ. ތަންކޮޅެއް ދުރުކަމުން ރަގަޅަށް ނުފެނުނަސް ޚިޔާލަށް އެ މަންޒަރު ގެނެވުނެވެ. ސެފްރެން އޭނަ ސަލާމަތްކޮށްދިން ކަމުގެ ބަދަލުގައި އިހުސާންތެރިވެދޭން އާރްޔާވެސް ބޭނުމެވެ.

"އާރްޔާ. ބުނެބަލަ އަހަރެން މުޅި އުމުރު އާރްޔާގެ ޚިދުމަތުގައި ހުއްޓަސް އެކަމުގެ ބަދަލު ނުދެވޭނެ. ލޫމާވެސް ހުރީ އާރްޔާއަށްޓަކާ ޖާނާއި ފުރާނަވެސް ގުރުބާން ކުރަން...އާރްޔާ ބުނި ކޮންމެކަމެއް ކޮށްދޭނަން. އާރްޔާ ބޭނުންވާނީ އިންސާނުންގެ ތެރެއަށް ދާންކަން އެނގޭ. ލޫމާ އެކަންވެސް ކޮށްދީފާނެ. ލޫމާއަށްވެސް އެކަމުން އޭނައަށް ކުރިމަތިވާނެ ނުރައްކާ އެނގުނަސް އޭނަ އެހެރީ މަރުވާން ތައްޔާރަށް....................." ސޯރާ މި ދެދުވަހު އޭނަ ކައިރީ ޝުކުރުވެރިވެ ވާހަކަދެއްކި އަދަދެއްވެސް ނޭގެއެވެ.

"ނޫނޭ ސޯރާގެ ލޯބިވެރިޔާ މަރުވުމުން ސޯރާއަށް ހިތާމަ ލިބޭނެ. އެހާ އަމިއްލަ އެދުން ބޮޑުމީހަކަށް އަހަރެން ނުވާނަން.." އާރްޔާ ހިނިތުންވެލިއެވެ.

"ހާދަ ރަގަޅޭ....."

"އަލްޙަމްދުލިﷲ. މާމައާއި ދޮންތަގެ ސަބަބުން މިފަދަ ސިފަތައް ލިބުނީ. އެހެންނޫންނަމަ ދީނަށް ލޯބިކުރާ ކުއްޖަކަށްވެސް ނުވާނެ. އަދި ބޭޑް އެކްސްޕީރިއެންސެއް ކުރެވުނީމަ މާތް ﷲގެ މަތިން ބޮޑަށް ހަދާންވެ ސްޕިރިޗުއަލް ކަނެކްޝަނެއް އުފެދުނީ. އަހަރެން އުއްމީދުކުރަނީ ސޯރާއަށްވެސް ހިދާޔަތް ލިބި މުސްލިމެއްގެ ގޮތުގައި ވުން. އެކަމަކު އަހަރެން ބޭނުން ރަށަށް ދާން..މިތާ އެބައޮތް ސެފްރަން ގެންގުޅޭ ޑިންގީ. އެ ކަނޑަށް ނެރެވިއްޖެއްޔާ އެކަނިވެސް ކައިރި ރަށަކަށް ދެވިދާނެ. އަދި އިހަށް މަޑުކޮށްލާ. ވަރަށް ވިސްނުންތެރިކަމާއެކު ޕްލޭންކުރަންވާނީ.................." އާރްޔާ ކިޑިކީ ކައިރީ ހުއްޓި ބޭރަށް ބަލަންފެށިއެވެ. ސޯރާވެސް ފަހަތުން ގޮސް ހުއްޓުނެވެ.

"ސެފްރަން މަސް ފިހޭ މަންޒަރު ބަލައިގެން އުފާވަނީތަ؟ " ސޯރާ ސަމާސާއަޑަކުން ދިމާކޮށްލުމުން އާރްޔާ ދެލޯ ބޮޑުކޮށްލިއެވެ.

"ދެން މިތާ އެހެން ކޮންކަމެއް ކުރާނީ. ވީޑިއޯއެއް ނެގިދާނެ ދޯ. ސެފްރަންމެން ޖިންނިން މިރަށުގައި ކޮންކަހަލަ ކަމެއް މުނިފޫހިފިލުވަންކޮށް އުޅެނީ؟ ޖިންނިން ޓެކްނޮލޮޖީގެ ގޮތުން މާ ކުރިއަރާފައިވާކަމަށް އަހަރެމެން އިންސާނުން ގަބޫލުކުރީ އެކަމަކު މިތަނުން މިފެންނަނީ އިހުޒަމާނުގައި ގެންގުޅޭ ފާނޫޒުތަކާއި އަލިފާން އަނދާތަން އަދި ކަރަންޓު ބޭނުމެއްނުކުރޭ.............." އާރްޔާ އުޅަބޮށި ކިޑިކީގެ ދާރައިގާ އަޅުވައިލިއެވެ.

"އެހެން ޕްލެނެޓްގައި ތިބޭ އަހަރެމެންނަށްވުރެ ކުރީގައި އުޅޭ ޖިންނިން. އަހަރެމެން އިންސާނުން ތެރޭ ވަޒަންވެރިވީމަ ތިބުނާހެން ތަންކޮޅެއްފަހަތުގައި އުޅެވެނީ. އެކަމަކު އާރްޔާ ކަނޑުއަޑިއަށް ދިޔައިމަ ވިސްނޭނެ. ވަރަށް ފުރިހަމަ. އެ ޝަހަރުގައި ފައި ޖައްސާލުމަށްފަހު އެނބުރި އަންނާކަށް ބޭނުމެއްނުވާނެ.....

"ސެފްރަންމެން ފޫހިފިލުވަން މަސްބޭނުން ޝިކާރަކުރުން އަސްދުއްވުން ތާސްކުޅުން ބެރުޖެހުމާއި ނެށުން ފަދަ ހަރަކާތްތައް އޮވޭ. ގިނަފަހަރު ޖިންނިން މިބުނާ ހުރިހާ ހަރަކާތްތައް އޮންނަނީ ކަނޑު އަޑީގައި. ނަމަވެސް މިހާރު މާރިދުން މިރަށުގައި ވަޒަންވެރިވާން އަންނާން ފަށައިފި. ފަޅުކަން މަޑުމަޑުން ނެތެމުން މިދަނީ. ގިނަ މާރިދުން ސިހުރުގެ ކަންތަކަށް ބޮޑުވާނެ. އަދި އިންސީން މަރިދުންގެ އެހީތެރިކަން ހޯދާ............" ސޯރާ ސިއްރެއް ބުނާފަދައިން ބުނެލިއެވެ. އާރްޔާ ޝައުގުވެރިވިއެވެ.

އޭނަ ވީޑިއޯއިން ސެފްރަން މަސްފިހޭ މަންޒަރު ނެގިއެވެ.

މަންޒަރުތައް ނަގާ ނިމިގެން އޭނަ ބަލައިލިއިރު ދެން ހުރި ޖިންނި އަރާފައެއް ނެތެވެ. އެއީ ކޮންކަހަލަ ޖިންނިއެއް ހެއްޔެވެ؟

***

ސެފްރަން ބޭރަށް ނުކުތީ އަޑުގަދަވެގެންނެވެ. ތަންކޮޅެއް ދުރުގައި އަލިފާން ރޯކޮށްލައިގެން އެޖަހާ ސަކަރާތެއް ބަލަން ކައިރިވުމުން އެމާރިދުން އަލިފާނަށް އަޅުކަންކުރަނީކަން ޔަގީންވެ ރުޅިންގޮސް މޫނަށް ރަތްކުލަވެރިވިއެވެ. މާރިދުންގެ ބިރުވެރި ސިފައަށްވާ މޫނުތައް ވަކިން ބިރުވެރިކޮށް ފެންނަނީ އެއޮތް ޖައްސާ ހުތުރުވައްތަރުންނާއި ލައްވާ ނުބައި އަޑުތަކުންނެވެ. އެކިޔާ އެއްޗިއްސަކީ ސެފްރަންއަށް އަޑުއަހަން އުދަގޫވާ ޖުމްލަތަކެވެ. ކަންފަތަށް ތިމަރަ ވިރުވާ އަޅާފަދައެވެ. ބޮލުގައި ރިހުމެއް ހިފައިލިއެވެ. އޭނަގެ ކަމަރުގައިވާ ކަނޑިން ހުރިހާ މާރިދުންތައް ގަތުލުކޮށް ޖަހަންނަމަށް ފޮނުވައިލަން ހިތަށް އަރާފައިވެސް ރަސްގެފާނުގެ ނަސޭހަތްމަތިން ހަދާންވިއެވެ. ޖަލްޖާލޫތު ބޭނުންވަނީ ހުރިހާ ދީނެއްގެ މީހުން އެއްކޮށް ސުލްހައިގާ އުޅޭށެވެ. ނަމަވެސް ސެފްރަން ދެކޭގޮތުން އޭނަގެ ވިސްނުންދަނީ "ހަރުކަށި" ދިމާލަށެވެ. މިހުރިހާ ދުވަހު އަލިފާނަށް އަޅުކަންކުރާ މަދު މާރިދުންތައް އުޅުނަސް ދިމާލަށް ފައުޅުގައި އަޅުކަން ކޮށެއް ނަހަދައެވެ.

"މާތް ﷲ ގެ ދީން މިތާ އޮންނާނީ. އަހަރެން ރަސްގެފާނާއި ވާހަކަދައްކާނަން....." ސެފްރަން ވިސްނައިލިއެވެ. މިމާރިދުން މައިތިރިކުރެވޭނީ ތަންކޮޅެއް ހަރުކަށި މީހަކު ވެރިޔަކަށް ހުރެގެންނެވެ. އޭނަ ރަސްކަމަށް އާދެވިގެންނެވެ. މިރިއަމްއާއި ކައިވެނިކުރުމަށްފަހު ރަސްކަމަށް އަރަން ސެފަރަން ހިތާހިތުން ވައުދުވިއެވެ. އަމިއްލަ ނަފުސަށްޓަކައެއް ނޫނެވެ. ބެންތިކް ޖިންނިންނަށް މާރިދުންގެ ނުބައިކަމުން ސަލާމަތްވެ މިނިވަންވާނެ އެނޫންގޮތެއް ނެތްކަމަށް އޭނައަށް ފެންނާތީއެވެ.

***

ސެފްރަން އަލިފާންގަނޑެއް ރޯކޮށްލުމަށްފަހު ގާގަނޑެއްގެ މަތީގައި އިށީދެ އަތުގައި އޮތް ފޮތެއް ހުޅުވާލައިގެން ކިޔަންފެށިއެވެ. ދުވަސްވުމުގެ ސަބަބުން މުށިކުލަ އަރާފައިވާ އެ ފޮތަކީ މިރިއަމް ގެނެސްދިން ފޮތެކެވެ. ޝައުގުވެރިކުރުވާފަދަ ފޮތެކެވެ. ފޮތަށް ގެއްލިފައި އިންދާ މީހަކު އަންނަހެން ހީވެ ބަލައިލިއިރު ފަނޑު އަލިކަމުގެ ތެރެއިން ހަނދެއްފަދަ ދޮންމޫނެއް ފެނުނެވެ. ހަނދުވަރުގެ މަޑު މަޑު އަލިކަމެއް އެމޫނަށް ވެރިވެފައިވާއިރު ފެންނަލެއް ރީތިކަމުން އަޖައިބުވާހާވެއެވެ. އިންސީންނަކީ އެންމެ ރީތި ސިފައިގާ ހައްދަވާފައިވާ މަޚުލޫގެވެ. ރީއްޗަސް ޖިންނިންނަށް ނުރައްކާކޮށްލާ ދަރިކޮޅެކެވެ. އެންޖެލާގެ ޚިޔާލުތައް ސިކުނޑީގައި ހިނގައިގަތުމުން ސެފްރަންގެ މޫނުން ނުރުހުމުގެ ކުލަވަރު ފެނުނެވެ.

"އައްސަލާމް އަލައިކުމް..." އާރްޔާ ދެތިންފޫޓޫ ދުރުގައި ހުއްޓުނުއިރު އެމޫނަށް އަލިފާނުގެ އަނގުރުކުލަ ވެރިވެއްޖެއެވެ.

"ވައަލައިކުމުއްސަލާމް...." ސެފްރަން ޖަވާބުދިނީ ރީތިކޮށެވެ. އިތުރު ވާހަކަ ދައްކަން ބޭނުންނުވާފަދަ ގޮތަކަށް ފޮތަށް ނަޒަރު ހުއްޓައިލިއެވެ.

"އަޅުގަނޑު ބޭނުން ވާހަކަދައްކާލަން....."

"އަހަރަން މިއިނީ މަސައްކަތެއްގައި ކަން ނުފެނޭތަ؟ "ސެފްރަން އިސްއުފުލާނުލާ ބުނެލީ ރުންކުރުވެފައިވާފަދަ ގޮތަކަށެވެ.

(ނުނިމޭ...)

https://sun.mv/124104

comment ކޮމެންޓް