އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުގައި ދިވެއްސަކު ހިމަނައި ފިޔަވަޅު އަޅައިފި

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމަނައިފި އެވެ.

މި ލިސްޓުގައި އެމެރިކާއިން ވަނީ ހަނގުރާމަވެރި ޖަމާއަތްތަކާއި ގްރޫޕުތަކަށް ގުޅުން އޮންނަ އަދި އެފަދަ ޖަމާއަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ 15 ފަރާތެއްގެ މައުލޫމާތު ހާމަކޮށްފަ އެވެ. ލިސްޓުގައި ހިމެނި ފަރާތްތަކަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

މި ލިސްޓުގައި ހިމަނާފައިވަނީ މުހައްމަދު އަމީން ކިޔާ ދިވެއްސެކެވެ. އެމެރިކާއިން ބުނީ އަމީން އަކީ އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މީހެއް ކަމަށެވެ.

އެގޮތުން ފައިސާގެ އެހިތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ހަމައެއާއެކު އޭނާއަކީ ރާއްޖޭގައި ހުރެގެން އައިއެސް އަށް ދިވެހިން ރެކްރޫޓު ކުރާ މީހެއް ކަމަށާއި، އައިއެސް މީޑިއާ ގްރޫޕުގެ މުއާމަލާތްތައް ތަރުޖަމާ ކުރުމަށް، މަހަކު 700 އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ބުނެ، ދިވެއްސަކު އަފްޣާނިސްތާނަށް ފޮނުވަން ހުށަހެޅިކަން އެނގޭ ކަމަށް އޯއެފްއޭސީގެ ނޫސްބަޔާނުގައިވެއެވެ.

އަމީން މި އަހަރުގެ އޭޕްރީލް މަހުގެ ވެސް އައިއެސް އަށް މީހުން ރެކްރޫޓު ކުރުމުގައި ވަރަށް އިސްކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ކޮންމެ ހަފްތާއަކު ވެސް ދީނީ ކްލާސްތަކެއްގެ ނަމުގައި މާލޭގައި 10 ވަރަކަށް ރެކްރޫޓްމަންޓް ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަން އޯއެފްއޭސީން ބުނެ އެވެ.

މި ސެޝަންތައް ކުރިއަށް ގެންދަނީ މާލޭގެ އެކި ތަންތަނުގެ އިތުރުން އަމީންގެ ގޭގަ އެވެ. އަމީން އާއި އޭނާއަށް މަދަދުވެރިވާ ގްރޫޕުން އައިއެސް އަށް ރެކްރޫޓު ކުރަނީ ގޭންގުތަކުގެ މީހުން ކަމަށް އެމެރިކާއިން ތުހުމަތު ކުރެ އެވެ.

އަމީން އަކީ ރާއްޖޭގައި އައިއެސް އަށް މީހުން ރެކްރޫޓު ކުރުމުގައި އެންމެ އިސްކޮށް އުޅޭ އެކަކެވެ. އަމީން ކުރިން މަސައްކަތް ކުރީ ސީރިއާއަށް ހަނގުރާމަވެރިން ފޮނުވާށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުން ދަނީ އަފްޣާނިސްތާނަށް ހަނގުރާމައަށް ފޮނުވާނެ މީހުން ހޯދާށެވެ.

އެނގިފައިވާ ގޮތުގައި އެމެރިކާއިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މުހައްމަދު އަމީން އަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު އެކަކެވެ.

މައްސަލައިގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް އެތެރެވެފަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ.

ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ރުތައް ބަލާ ކޮމިޝަނުން ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައިގައި އެކުލަވާލި ޑްރާފްޓް ރިޕޯޓުގައި ވެސް ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރަކީ، އޭނާ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް