އިންތިހާބަށް ފަހު ޖޯޑަަން ވެލީ އިސްރާއީލްގެ ބަޔަކަށް ހަދާނަން: ނަތަންޔާހޫ

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ-- ފޮޓޯ: އޭޕީ

ތެލްއަވީވް (ސެޕްޓެމްބަރު 11): އިސްރާއީލްގައި އަންނަ ހަފްތާގައި ބާއްވާ މަޖިލިސް އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އިސްރާއީލްގެ ބަޔަކަށް ހަދާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އިސްރާއީލްގެ ގައުމީ ޓީވީން އިއްޔެ ދެއްކި ތަގުރީރެއްގައި ނަތަންޔާހޫ ވިދާޅުވީ އޭނާގެ ސަރުކާރު ގާއިމު ކުރެވުމާއެކު ޖޯޑަން ވެލީ އާއި ޑެޑް ސީގެ ބައެއް އެގައުމުގެ ބަޔަކަށް ހައްދަވާނެ ކަމަށެވެ.

ޖޯޑަން ވެލީ އާއި ނަދަން ޑެޑް ސީ އަކީ މުޅި ހުޅަނގު އައްސޭރީގެ 30 ޕަސެންޓެވެ. އެސަރަހައްދުގައި ފަލަސްތީނުގެ 65،000 މީހުންނާއި އިސްރާއީލުން ގަވާއިދާ ހިލާފަށް ވަޒަންވެރިކޮށްފައިވާ 11،000 މީހުން ދިރިއުޅެ އެވެ.

އަދި މިދިޔަ ހަފްތާގައި ނަތަންޔާހޫ ވަނީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ހުޅަނގު އައްސޭރީގައި އިސްރާއީލުން މީހުން ވަޒަންވެރިކޮށްފައިވާ ހުރިހާ ސަރަހައްދުތައް އިސްރާއީލްގެ ބަޔަކަށް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެފިޔަވަޅު އެޅޭނީ އެމެރިކާގެ "މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން" އާއްމު ކުރުމުންނާއި އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވިދާޅުވެފަ އެވެ.

ދެހާސްސަތާރަ ވަނަ އަހަރު ޓްރަމްޕް ވަނީ އިސްރާއީލްގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެ، އެގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރަން ނިންމަވާފަ އެވެ. އޭގެ ފަހުން ފަލަސްތީނުން ވަނީ އިސްރާއީލާއެކު ސުލްހައިގެ މަޝްވަރާތައް ކުރުމުގައި މެދުވެރިއަކަށްވުމުގެ ހައްގު އެމެރިކާއަށް ގެއްލިފައިވާ ކަމަށް ބުނެފަ އެވެ.

އިސްރާއީލުން ހުޅަނގު އައްސޭރި ހިފީ 1967ގައި އިސްރާއީލާއި އަރަބި ގައުމުތަކާ ދެމެދު ކުރި ހަ ދުވަހުގެ ހަނގުރާމައިގެ ތެރޭގަ އެވެ. އަދި އިސްރާއީލުން އެސަރަހައްދުގައި އެގައުމުގެ ރައްޔިތުން ވަޒަންވެރި ކުރަމުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށެވެ.

އިސްރާއީލުގައި ވަނީ މިދިޔަ އޭޕްރިލް މަހު ވެސް މަޖިލިސް އިންތިހާބު ބާއްވާފަ އެވެ. އެއިންތިހާބުގައި ނަތަންޔާހޫގެ ލިކުދް ޕާޓީއަށް ގިނަ ގޮނޑިތައް ކާމިޔާބު ކުރެވުނު ނަމަވެސް ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭ ގޮތެއް ނުވި އެވެ. އޭގެ ސަބަބުން މިމަހުގެ 17ގައި އަނެއްކާ ވެސް އިންތިހާބު ބާއްވަން ނިންމީ އެވެ.

އޭޕްރިލްގައި ބޭއްވި އިންތިހާބުގެ ކުރިން އިސްރާއީލުގެ އެޓާނީ ޖެނެރަލް ވަނީ ނަތަންޔާހޫގެ މައްޗަށްކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން މި އަހަރު ތެރޭ އޭނާގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ނަތަންޔާހޫ ބޮޑުވަޒީރުކަމުގައި ހުންނަވަން ބޭނުންފުޅުވަނީ އެދައުވާތަކުން ހިމާޔަތް ހޯއްދެވުމަށެވެ.

އަދި ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއީލްގެ ބަޔަކަށް ހަދާނެ ކަމުގެ ވައުދު ނަތަންޔާހޫ ކުރައްވަނީ ކަނާތު ފިޔައިގެ ޕާޓީތަކުގެ ތާއިދު ހޯއްދަވާ، ކޯލިޝަން ސަރުކާރެއް ހެދޭނެ ކަމުގެ އުއްމީދުގަ އެވެ.

comment ކޮމެންޓް