ޔޫއޭއީގައި އިންޑިއަން އެސޯސިއޭޝަނުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސްކޫލެއް އަޅައިފި

ޔޫއޭއީގެ އިންޑިއަން އެސޯސިއޭޝަނުން ހުޅުވި ހާއްސަ އެހީދޭ ސްކޫލު -- ފޮޓޯ: ގަލްފް ނިއުސް

ދޯހާ (ސެޕްޓެމްބަރު 11): ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އިންޑިއަން އެސޯސިއޭޝަން އިން އެގައުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސްކޫލެއް އަޅައިދީފި އެވެ.

ޔޫއޭއީގެ އަލް ސަމްނަންގައި ހުޅުވި އަލް އިބްތިސާމާ ސެންޓަރަކީ ހަރަދު ކުޑަ، ނަން ޕްރޮފިޓް ސްކޫލެއް ކަމަށް އިންޑިއަން އެސޯސިއޭޝަންގެ ރައީސް އީޕީ ޖޯންސަން ވިދާޅުވި އެވެ.

"ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކޯސްތައް މިދެނީ މަހަކު 2،500 ދިރުހަމަށް (680 ޑޮލަރަށް). އެއީ ގިނަ ބެލެނިވެރިން އެހެން ސްކޫލުތަކުގައި ދައްކާ އަގުގެ ދެބައިކުޅަ އެއްބައި،" ޖޯންސަން ވިދާޅުވި އެވެ.

އެސްކޫލުގައި އާއްމު ގޮތެއްގައި ކިޔަވާ ދެނީ ޔޫއޭއީގައި ދިރިއުޅޭ އިންޑިއާ ކުދިންނަށްވީ ނަމަވެސް، އެހެން ގައުމުތަކުގެ ކުދިންނަށް އެސްކޫލަށް ވަދެވޭނެ ކަމަށް ޖޯންސަން ވިދާޅުވި އެވެ. އަދި އެ ސްކޫލު ހުޅުވީ ޔޫއޭއީގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދޭ ސްކޫލުތަކުގެ އަގު ބޮޑުވުމުން ކަމަށާއި، މިހާރު މާލީ ދަތިތަކުގެ ސަބަބުން ކުއްޖާ ސްކޫލަށް ނުފޮނުވާ ހުންނަން ނުޖެހޭނެ ކަމަށް ޖޯންސަން ވިދާޅުވި އެވެ.

އެސްކޫލުން ކިޔަވައިދިނުމުގައި އަމަލު ކުރަނީ އިންޑިއާގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ދަ އެމްޕަވާމެންޓް އޮފް ޕާސަންސް ވިތް އިންޓެލެކްޗުއަލް ޑިސްއެބިލިޓީސްގެ ކަރިކިއުލަމްއާ އެއްގޮތަށެވެ.

އެސްކޫލުގެ ޕްރިންސިޕަލް ޖަޔަނަރާޔަނަން ވިދާޅުވި ގޮތުގައި އެތަނުން އުނގެނުމުގައި ދަތިތައް ހުންނަ، ތިން އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ތަފާތު ކޯސްތައް ހިންގާނެ އެވެ. އަދި ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރެޕީ ފަދަ ހިދުމަތްތައް ވެސް ދޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް