ޝަރުއީ ނިޒާމު އިސްލާހު ނުކުރެވިއްޖެނަމަ މަންޒަރު ވަރަށް އަނދިރި: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ހަރުކަށި ފިކުރުތަކުން އަރައިގަތުމަށް ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރަން ޖެހޭ ކަމަށާއި، އެކަން ނުކުރެވިއްޖެނަމަ، ކުރިއަށް ފެންނަން އޮތީ ވަރަށް އަނދިރި މަންޒަރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރޭ ފެށި ކޯޓު އެޑްމިނިސްޓްރޭޓާސް ވޯކްޝޮޕް ޝަރަފުވެރިކޮށްދެއްވައި ރައީސް ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރުތަކުގެ ސަބަބުން ރާއްޖެ ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައިވާ ކަމަށެވެ.

އަދި މި ހާލަތަށް ގައުމުގެ ކަންކަން ގޮސްފައިވަނީ ރާއްޖޭގެ ވެރިކަމުގެ ބާރުތައް ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުން އަމަލުކުރަމުން ދިއުމުގެ އިތުރުން ސުޕްރީމު ކޯޓު އިމުން ބޭރުވެފައިވާ މިންވަރުގެ ބޮޑުކަމުން ކަމަށެވެ.

އެގޮތުން ދަންނަ ބޭކަލުންގެ ހެދުމުގައި ތިބޭ މީހުންގެ ނިންމުންތައް ތަންފީޒު ކުރަނީ މާލޭ މަގުމަތީގައި ގޭންގުތަކުން ކަމަށާއި، ގޭންގުތައް އެކަން ކުރަނީ ދައުލަތުގެ ބާރުތަކާ ގުޅިގެންކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެނަށް މިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ނުކުރެވިއްޖެނަމަ އަޅުގަނޑުމެންނަށް ފެންނާން އޮތް މަންޒަރު އަޅުގަނޑަށް ފެންނަނީ ވަރަށް އަނދިރި. އިންސާފު ގާއިމުކޮށްދިނުމުގެ ނިޒާމު ފެށިގެން މިއަންނަނީ ފުލުހުންގެ މަސައްކަތުން، ނިމެނީ ފަނޑިޔާރުންގެ މަސައްކަތުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، ވެރިކަން ދަމަހައްޓާނީވެސް ރައްޔިތުންކަން ގާނޫނުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް 2012 ފެބުރުއަރީ ހަތްވަނަ ދުވަހު އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތަށް އަލިއަޅުވާލައްވަމުން ނަޝީދު ވަނީ އެކަން ދިޔައީ ރައްޔިތުންގެ ނިންމުމާ ހިލާފަށްކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަދައްކަވައިފައެވެ.

"އެކަމުގެ ތަފާތު އެންމެ ބޮޑަށް އެނގޭނެ އެއް ބަޔަކީ ޝަރުއީ ދާއިރާގެ ބޭފުޅުން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތަކީ އިދާރީ ހިންގުމުގެ ކަންކަން ކުރުން ނޫންކަމަށާއި، ފަނޑިޔާރުންގެ ވަޒީފާއަކީ ފަނޑިޔާރުކަން ކުރުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އައިއެސް ޖަމާއަތާ ގުޅިގެން ހަނގުރާމައަށް ދިޔަ މީހުން، ރާއްޖޭގައި އެޖަމާއަތުގެ ތަފާތު ހަރަކާތްތަކެއް ހިންގައިގެން ދިވެހި ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް އުފައްދައި އެ އަނދިރި ދައުލަތުގެ ބާރު ދިވެހި ދައުލަތުގެ މައްޗަށް ގަދަކުރަމުން ދިޔަ ކަމަށެވެ.

comment ކޮމެންޓް