އިންޑިއާއިން އާ ހަތިޔާރުގަނެ އަސްކަރީ ބާރުގަދަ ކުރަނީ

ނިއުދިއްލީ (ސެޕްޓެމްބަރު 10): އިންޑިޔާގެ ސިފައިންގެ ލަޝްކަރުތައް ޒަމާނީކޮށް މިހާރަށްވުރެ ގާބިލްކަން އިތުރު ކުރުމަށްޓަކައި 130 ބިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮގްރާމެއް ކުރިޔަށްގެންދަން ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރުން ނިންމައިފި އެވެ.

މި ޕްރޮގްރާމުގައި އިސްކޮށް އުޅުއްވާ މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މިއީ ފަސް އަހަރާއި ހަތް އަހަރާދެމެދުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކުގެ ދަށުން އިންޑިއާގެ ލަޝްކަރުތަކުގައި ހިމެނޭ އެއްގަމު ސިފައިންނާއި، ކަނޑުގެ ސިފައިނާ އަދި ވައިގެ ސިފައިންގެ ހަތިޔާރުތައް ޒަމާނީކުރުމުގެ އިތުރުން ތަމްރީންތައްވެސް ވަރުގަދަ ކުރާނެ އެވެ.

މި މަޝްރޫއުތަކުގެ ދަށުން އައު ކުރުމަށް ހަމަޖެހިފައިވާ ހަތިޔާރުގެ ތެރޭގައި މިހާރު އިންޑިއާގެ ވައިގެ ސިފައިން ބޭނުންކުރާ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ބައު ހަތިޔާރުތަކުގެ ބަދަލުގައި އެމެރިކާ، ރަޝިއާ، އަދި ފަރަންސޭސިވިލާތުގައި އުފައްދާ އެންމެ ޒަމާނީ ފައިޓާޖެޓްތައް ގަންނާނެ އެވެ. އަދި އެންމެފަހުގެ ޓެކްނޮލޮޖީގައި އުފައްދާފައިވަ ސަބްމެރިން އާއި ހަނގުރާމަމަތީ މަނަވަރުތައްވެސް ގަންނާނެ އެވެ.

އިންޑިއާ ސިފައިންގެ ލަޝްކަރުތައް ޒަމާނީކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ދަށުން އެންމެ ބޮޑު ޚަރަދެއް ކުރަން ހަމަޖެހިފައިވަނީ ކަނޑުގެ ސިފައިންނަށެވެ. ކަނޑުގެ ސިފައިން ޒަމާނީ ކުރުމަށް 200 އުޅަނދާއި، 500 އަސްކަރީ މަތިންދާބޯޓާއި، 24 ސަބްމެރީން އިތުރަށް ހޯދުމަށްވަނީ ހަމަޖެހިފައެވެ.

މިހާރު އިންޑިޔާގެ ކަނޑުގެ ސިފައިން ބޭނުންކުރަނީ ކަނޑުގެ އެކިބާވަތުގެ 132 އުޅަނދާއި، 220 އަސްކަރީ އެކި ބާވަތުގެ މަތިންދާބޯޓް (ފައިޓާޖެޓްނޫން) އާއި 12 ސަބްމެރިން އެވެ. އިންޑިއާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެގައުމުން އެންމެ ބޮޑު އިސްކަންދޭ އެއްކަމަކީ އެއްގައުމުގެ ލަޝްކަރުތަކުގެ ގާބިލްކަމާއި ކެރިފޯރުން އިތުރުކުރުމެވެ.

އިންޑިއާގެ އެއްގައުމު ލަޝްކަރުތަކަށް މިވަގުތަށް ބޭނުންވާ 2600 އުޅަނދާ އަދި އޭގެއިތުރުން މުސްތަގުބަލަށް އަމާޒުކޮށްގެން 1700 އުޅަނދު ގަތުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ވައިގެ ސިފައިން ވަރުގަދަ ކުރުމަށް އިތުރަށް އެންމެ ޒަމާނީ 110 ފައިޓާޖެޓް ގަތުމަށްވެސް ވަނީ ރާވާފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު