ވެހިކަލް ސްމަގުލް މައްސަލައިގައި ކަސްޓަމްސްގެ ދެ އޮފިސަރުން ސަސްޕެންޑްކޮށްފި

ކަސްޓަމްސްއިން ހިފެހެއްޓި ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލުތަކެއް: 16 ސައިކަލާއި، ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭން ހިފަހައްޓާފައިވޭ--

އޮޅުވާލައިގެން ގަވައިދާ ހިލާފަށް އެއްގަމު އުޅަނދުތަކެއް އެތެރެކުރަން އުޅުނު މައްސަލާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެ އޮފިސަރަކު ސަސްޕެންޑް ކޮށްފި އެވެ.

އެ މައްސަލައިގައި އޮފިސަރުން ސަސްޕެންޑު ކުރި ކަން ކަސްޓަމްސް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އަދިވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ އޮފިސަރުން ސަސްޕެންޑު ކުރި ތާރީހު ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެ އެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ދެ އޮފިސަރުން ސަސްޕެންޑް ކޮށްފައި ވަނީ މައްސަލަ މުޅިން ތަހުގީގުކޮށް ނިމެންދެން ކަމަށެވެ.

އަދި މައްސަލަ މިހާރުވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮޅުވާލައިގެން، ގަވައިދާ ހިލާފަށް އެތެރެ ކުރަން އުޅުނު ކަމަށް ބެލެވޭ އެއްގަމު އުޅަނދުތަކެއް ކަސްޓަމްސް އިން ހިފެހެއްޓީ މިދިޔަ އޯގަސްޓު މަހުގެ ފަހުކޮޅު އެވެ.

ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 16 ސައިކަލު ވަނީ ފެނިފަ އެވެ.

ކަސްޓަމްސް އިން ބުނީ އެ އުޅަނދުތަކަކީ ލަކުޑި އެތެރެ ކުރަން ކަމަށް ބުނެ ގެނައި ދެ ކޮންޓެއިނަރެއްގައި ގެނައި އުޅަނދުތަކެއް ކަމަށެވެ.

މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިިން ބުނެފައި ވަނީ މިހާތަނަށް ބެލި ބެލުމުން މި މައްސަލާގައި އެ ކުންފުނީގެ އެއްވެސް އިހުމާލެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އެ ދެ ކޮންޓެއިނަރަކީ މުދަލާ އެކު ކޮންޓެއިނަރު ހުރިގޮތަށް ކޮންސައިނީގެ ސައިޓަށް ގެންގޮސް ކޮންޓެއިނަރުން މުދާ ހުސްކުރުމަށް ހަމަޖެހިފައިވާ ދެ ކޮންޓެއިނަރު ކަމަށް ވެސް ޕޯޓުން ބުންޏެވެ. ކޮންޓެއިނަރުތައް ދޫކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައި ވާނީ މުދާ ދޫކުރުމުގައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަ ކުރުމަށްފަހު ކަމަށް ޕޯޓްސް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް