ގާނޫނަށް ގެނައި އިސްލާޙުތަކާ ގުޅިގެން ޑީޖޭއޭއިން ކޯޓު އެޑްމިނިސްޓްރޭޓަރުންނާ ބައްދަލުކުރަނީ

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ކޯޓުތަކުގެ އެޑްމިނިސްޓްރޭޓުންނާ ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހު 21 ވަނަ ދުވަހުއެވެ. މިމަހު ތިން ވަނަ ދުވަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި އެ ގާނޫނުން، މިހާރު ކޯޓުތަކުގެ އިދާރީ ހިންގުމަކީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ ޒިންމާއެއް ގޮތުގައި ވަނީ ހިމާނާފައެވެ. ކުރިން އެކަން އޮންނަނީ، ކޯޓުގެ އިސްފަނޑިޔާރު ނުވަތަ މެޖިސްޓްރޭޓްގެ އަތްޕުޅުގައެވެ.

ޑީޖޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މުއައްސަސާގެ ތަރުޖަމާނު ފައިސަލް އާދަމް ވިދާޅުވީ، އިސްލާހުތަކާ ގުޅިގެން މާދަމާ ރޭ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންނާއެކު، ބައްދަލުވުމެއް ބާއްވަން ނިންމަވާފައިވާ ކަމަށެވެ. ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ކޯޓުތަކަށް މިހާރު ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ކޯޓު އެޑްމިނިސްޓްރޭޓަރުން ކަރުދާސް ހުށަހެޅުމާއި އެކަންކަމާ ގުޅިގެން ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ހައްލުހޯދުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

"[ބައްދަލުވުމުގައި] ކުރިއަށް އޮތް ދުވަސްތަކުގައި އިދާރީ މަސައްކަތްތަށް ކުރިއަށް ގެންދާނެ ގޮތް ވިލަރެސްކޮށް، ކޯޓުތަކުގެ އިދާރީ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ކުރިމަތިވާ ދަތިތަކާއި އަދި މިހާރު އަޅުގަނޑުމެން ކުރިއަށް ގެންދާ ކޯޓު އޮޓޮމޭޝަންގެ މަސައްކަތުގެ ތެެރެއިން އިދާރީ ހިންގުން ފަސޭހަކޮށް، އަވަސް ކުރުމަށް ހިޔާލު ބަދަލުކުރެވޭނެ،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، މާދަމާ ރޭ 8:30 އިސްލާމީ މަރުކަޒު މާލަމުގައި ބައްދަލުވުން ފެށިގެންދާނެ ކަމަށެވެ.

"މިގައި ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތައް ބައިވެރިވާގޮތަށް، 20 ޖިޑީޝަލް ދާއިރާގެ ކޯޓު އެޑްމިނިސްޓްރޭޓަރުންނާއި މާލޭގެ ގައިމުވެފައިވާ ކޯޓު އެޑްމިނިސްޓްރޭޓަރުން ވަޑައިގަންނަވާނެ." ފައިސަލް ވިދާޅުވިއެވެެ.

ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޯޓުތަކުގެ އިދާރީ ހިންގުމަކީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެހިފައިވާތީ، އެ ބަދަލުތަކާ ގުޅޭގޮތުން ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންނާ އެކު ބައްދަލުވުމެއް މާދަމާ ރޭ ބާއްވަން ނިންމާފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ހަދަން ޖެހޭ ގަވައިދުތަކާއި އުސޫލުތައް ހަދައި، ވަރަށް އަވަހަށް އާންމު ކުރެވޭނެ ކަމަށެވެ.

ޑީޖޭއޭގެ ހިންގުން ޖޭއެސްސީގެ ދަށަށް ބަދަލުވެފައިވާތީ، ޑީޖޭއޭއާ ހަވާލުވެފައި ޒިންމާތައް މިހާރު އަދާކުރަމުން ދަނީ ޖޭއެސްސީގެ ލަފާގެ މަތިން ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި އިންތިގާލީ މަރުހަލާގައި ޑީޖޭއޭ އިން ދެމުން ގެންދާ އެއްވެސް ހިދުމަތެއް މެދުނުކެނޑި ލިބިގެންދާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި އެކަން ޖޭއެސްސީން ފަހިކޮށްދީފައިވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.

comment ކޮމެންޓް