އަންނަ އަހަރު ތެރޭ ސްމާޓު މީޓަަރު ތައާރަފުކޮށް ކަރަންޓު ބިލަށް އަރަމުންދާ މިންވަރު ވަގުތުން ބަލާލެވޭނެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯ އަށް 70 އަހަރުވުމާގުޅިގެން ހާއްސަ ލޯގޯއެއް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ ޓެކްނޮލަޖީގެ އެހީގައި ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުޅާކުރުމަކީ ކުންފުނީގެ ވިސްނުން ކަމަށެވެ.
"އަޅުގަނޑުމެން މިދޭ ހިދުމަތްތައް ޓެކްނޮލަޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ގޮތް ގާއިމުކުރަމުން އެބަދަން. އަންނަ އަހަރު ތެރޭގައި ސްމާޓް މީޓަރިން ޓެކްނޮލަޖީ އިންސްޓޯލްކޮށް، އެޕްލިކޭޝަނެއް މެދުވެރިކޮށް ރިއަލްޓައިމްކޮށް ގޭގެ މީޓަރަށް އަރާ މިންވަރު ބަލާލައި، ކުރިއަށް އޮތްތަަނުގައި ޑިމާންޑު ދާނެގޮތުގެ ކަލްކިއުލޭޝަނެއް ހެދުމުގެ ހިދުމަތް ފުރުސަތުވެސް ލިބިގެންދާނެ،" މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ އެޕްލިކޭޝަން މެދުވެރިކޮށް ރިއަލް ޓައިމްކޮށް ބިލް ބަލާލެވޭނެ ހިދުމަތާއެކު ޕްރީޕެއިޑް ޕޭމެންޓުގެ ހިދުމަތް ތައާރަފު ކުރުމަށްވެސް ވިސްނާފައިވާ ކަމަށެވެ. އެކަމަށް ކުރަންޖެހޭ އިންވެސްޓުމެންޓުތައް އެބަހުރި ކަމަށާއި އެ ޓެކްނޮލަޖީ ހުރި ކުންފުނިތަކާއެކު މަޝްވަރާކޮށް ކަމާބެހޭ ދިރާސާތައްވެސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަމަލީ މަސައްކަތް ފެށިގެންދާނެ މިއަހަރުގެ ފަހުކޮޅާއި އަންނަ އަހަރުގެ ކުރީކޮޅު،" މުޣުނީ ވިދާޅުވިއެވެ.
"އަންނަ އަހަރު ލިބިގެންދާނެ، ކޮންމެ ތަނެއްގައި އިނދެގެންވެސް ގޭގެ ކަރަންޓުބިލަށް ކިހާވަރެއްތޯ އަރަމުންދަނީ. އަނެއްކާ ޕްރެޑިކްޓު ކޮށްލެވޭނެ މިހާރު މިވެނި ވަރެއް އަރައިފިޔޭ، އެހެންވީމާ އިތުރަށް ބަލައިގެން ބޭނުންކުރަން. އެޕްލިކޭޝަން މެދުވެރިކޮށް މީޓަރުވެސް އޮފް ކޮށްލެވޭނެ،" ސްޓެލްކޯއަށް ގެންނަން ނިންމާފައިވާ ބައެއް ޓެކްނޮލޮޖީގެ އީޖާދުތަކުގެ މައުލޫމާތު އޭނާ ދެއްވިއެވެ.
"ކުރީގައި ހަރުކޮށްފައި ހުރި މީޓަރުތަކަކީ އަޅުގަނޑުމެންގެ އޮފީހާ ކޮމިޔުނިކޭޓު ކުރެވޭނެ މީޓަރުތަކެއް ނޫން. މީޓަރުތަކާ ސީދާ ސްޓެލްކޯއަށް ކޮމިޔުނިކޭޓު ކުރެވެން އެބަޖެހޭ. ސްމާޓް މީޓަރު އިންސްޓޯލް ކުރީމާ އަޅުގަނޑުމެންގެ ސޮފްޓްވެއާއާއި ކޮމިޔުނިކޭޓުކޮށްފައި އެބަ އަންގައިދޭޭ ކިހާވަރެއްތޯ މިހާރު ކަރަންޓު ބޭނުން ކުރަނީ،"
މުޣުނީ ވިދާޅުވީ ބިލަށް އަރާފައިވާ މިންވަރާއި މަސްނިމޭ އިރު ބޭނުންކުރެވޭ މިންވަރު އަދި ބިލަށް ދައްކަންޖެހޭ މިންވަރުވެސް އެނގޭނެހެން ހިދުމަތް ދޭނެކަމަށެވެ.
މީގެ އިތުުރުން ސޯލާ ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ މަސައްކަތް އިތުރަށް ފުޅާކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.