އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުން އިއްޔެ ހަވީރު ކަރަންޓު ކެނޑި، ދިމާވި މައްސަލައަށް ހައްލެއް ހޯދައި، ރޭގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް އަލުން އިޔާދަކޮށްދީފިއެވެ.
އިއްޔެ ކަރަންޓު ކެނޑުނީ ފޭދޫގެ އިތުރުން މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫއިންނެވެ.
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އައްދޫ ކަރަންޓަށް ދިމާވި މައްސަލައަށް ހައްލެއް ގެނެސް މިހާރު އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދީފައިވާ ކަމަށެވެ.
"ކަރަންޓުގެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެ ހައްލު ވަނީ ގެނެވިފައި. އިތުރަށް ބަލަންޖެހޭ ކަންތައް އަޅުގަނޑުމެންގެ ޓެކްނީޝަނުން ދަނީ ބަލަމުން،" ސައީދު ވިދާޅުވިއެވެ.
އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް "ސަން"އަށް ވިދާޅުވީ އެ އަވަށްތަކަށް ކަރަންޓު އަލުން ލިބުނީ ރޭ 10:30 ހާ އިރު ކަމަށެވެ.
"ފަހަރަކު ޓްރާންސްފޯމަރަކުން ދެމުން ދިޔައީ، ފޭދޫއިން ފެށިގެން ހިތަދޫއަށް. ރޭ ކަރަންޓު ދިން ފަހުން އަދި މައްސަލައެއް ދިމާއެއް ނުވޭ،" ޔަސްރިފް ވިދާޅުވިއެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް މި އަހަރު 1.2 މެގަވޯޓާއި 800 ކިލޯ ވޯޓުގެ ދެ ޖަނަރޭޓަރު ސެޓު ވަނީ ފޮނުވާފައެވެ.