ހާލެއް ގޮވާ މައްސަލަ ފްރާންސުގެ ކޯޓަކަށް ހުށަހެޅުމުން، ކޯޓުން ނިންމީ ހާލާ އެއްކޮޅަށް

ކޮރިން ފެސޯ ބުނި ގޮތުގައި މޮރިސްގެ ނަން ދީފައިވާ އޭނާގެ ހާލަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައި -- ފޮޓޯ: ރޮއިޓާސް

ފްރާންސުގެ ރަށެއް ކަމަށްވާ އޮލެރޮންގެ ހާލަކަށް ވަނީ އާދަޔާ ހިލާފު ސަމާލުކަމެއް ލިބިފަ އެވެ. އެއީ ކޮންމެ ދުވަހަކު ހެނދުނު، މޮރިސް ކިޔާ އެ ހާ ގޮވާ އަޑުން އުނދަގޫވެގެން އަވަށްޓެރިންތަކެއް އެމައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ. އަދި އެމައްސަލަ ކޯޓުން މޮރިސްއާ އެއްކޮޅަށް ނިންމުމުންނެވެ.

މޮރިސްގެ މައްސަލަ 2017 ވަނަ އަހަރު ކޯޓަށް ހުށަހެޅީ އޮލެރޮންގައި ޗުއްޓީ ހޭދަ ކުރުމަށް ޓަކައި، އެރަށުން ގެޔެއް ގަނެފައިވާ ދެމަފިރިންނެވެ. އަދި އެދެމަފިރިން ވަނީ މޮރިސްގެ ސަބަބުން އުނދަގޫވާ ކަމަށް ބުނެ، އެ ހާ އެމީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ގެންދިޔުމަށް އެދިފަ އެވެ.

ނަމަވެސް މޮރިސް ދިރިއުޅޭ ކޮށީގެ ވެރިޔާ، ކޮރިން ފެސޯ ވަނީ ރަށްފުށުގައި ހާލު ގޮވާ އަޑު އިވޭނެ ކަމަށާއި، އަދި އެތަނަށްދާ މީހުން އެއަޑަށް އާދަވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އަދި މުޅި ފްރާންސުގައި ވެސް އެމައްސަލައާ ބެހޭ ގޮތުން ބަހުސެއް އުފެދި، އެއީ ސިޓީތަކުގައި ދިރިއުޅޭ މީހުން ރަށްފުށަށް ދިޔުމުން ރަށްފުށުގައި ދިރިއުޅޭ މީހުންނާ ޖެހޭ މައްސަލަތަކުގެ މިސާލަކަށްވެފަ އެވެ.

މީގެ އިތުރުން ކޯޓުގައި އެ މައްސަލަ ކުރިއަށްގެންދިޔަ އިރު، މޮރިސް ސަލާމަތް ކުރުމަށް އެދި ހަދާފައިވާ އޮންލައިން ޕެޓިޝަނެއްގައި 140،000 މީހުން ސޮއި ކުރި އެވެ. އަދި މޮރިސްގެ އަޑު ކަނޑުވާނުލުމަށް ގޮވާލާފައިވާ ޓީޝާޓުތައް ޕްރިންޓުކޮށް، ހާ ގެންގުޅޭ އެހެން މީހުންގެ ތާއިދު އޮތްކަން ދެއްކުމަށް އެމީހުންގެ ހާ ގޮވައިގެން ކޯޓު ކައިރިއަށް ވެސް ދިޔަ އެވެ.

އެމައްސަލަ ނިމުނު އިރު މޮރިސްއަށް ވަނީ މައްސަލަަ ބެއްލެވި ފަނޑިޔާރުގެ ތާއިދުވެސް ލިބިފަ އެވެ. އަދި ހާ ގޮވުން ހުއްޓުވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ފަނޑިޔާރު ވަނީ ނިންމަވައިފަ އެވެ.

އެ މައްސަލަ މޮރިސްއާ ދެކޮޅަށް ނިންމި ނަމަ ފެސޯއަށް ޖެހޭނީ މައްސަލަ ހުށަހެޅި އަވަށްޓެރިން ދިރިއުޅޭ ގެޔާ ދުރު ތަނަކަށް ބަދަލުވާށެވެ. ނުވަތަ އެހެން ގޮތަކަށް މޮރިސްގެ އަޑު ކަނޑުވާލާށެވެ.

އެހެންނަމަވެސް އެފަދަ ގޮތަކަށް މައްސަލަ ނުނިމި، ކޯޓުން ވަނީ އެމައްސަލަ ހުށަހެޅި ފަރާތްތަކުން ފެސޯއަށް 1،100 ޑޮލަރު ދިނުމަށް އަންގައިފަ އެވެ.

comment ކޮމެންޓް