ޓެނިސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު ޓެނިސް އޯޕެން" މިއަދު ފަށައިފި އެވެ.
މިއަދު ހަވީރު ގައުމީ ޓެނިސް ސެންޓަރުގައި ބޭއްވި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސްކަން ކުރައްވަމުން އަންނަ މުހައްމަދު ނަޝީދު (އަންނި) އެވެ. އެ ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމް (ބޮޑު ހީނާ) އަދި ޓެނިސް އެސޯސިއޭޝަނުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. މިއީ މި މުބާރާތް ބޭއްވޭ ދެވަނަ އަހަރެވެ.

"ދިރާގު އޯޕެން ޓެނިސް" ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ޓެނިސް އެސޯސިއޭޝަން
މިފަހަރުގެ މުބާރާތް ބާއްވަނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގައި ތިބި ޒުވާން ޓެނިސް ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އިތުރުކޮށް ޓެނިސް ކުޅުމުގެ ރޫހު އިތުރުކޮށް ބައިނަލް އަގުވާމީ ކުޅުންތެރިންނާ އެކު ކުޅުމުގެ ތަޖުރިބާ ކުޅުންތެރިންނަށް ހޯދައިދިނުން ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެ އެވެ.
އެގޮތުން މިފަހަރުގެ އެ މުބާރާތުގައި އެކި ކެޓަގަރީތަކަށް ބަހާލައިގެން ރާއްޖޭގެ 94 ކުޅުންތެރިއަކު ބައިވެރިވާ އިރު ސްރީ ލަންކާއަށް ނިސްބަތްވާ ޖުމްލަ 10 ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
މި މުބާރާތުގެ ކުޅުން މިއަދު ހެނދުނު ރަސްމީކޮށް ފަށާފައިވާ އިރު މިހާތަނަށް ވާދަވެރި މެޗުތަކެއް ވަނީ ކުޅެފަ އެވެ.
ޓެނިހަކީ ޒަމާނުއްސުރެ ރާއްޖޭގައި ފޯރިއާ އެކު ކުޅެމުން އައި ކުޅިވަރެއް ނަމަވެސް ފަހަކަށް އައިސް މި ކުޅިވަރުގެ އަޑު ވަނީ ބައިނަލް އަގުވާމީ މުބާރާތް ތަކުން ފަނޑުވާން ފަށައިފަ އެވެ.