ރިލްވާންގެ މައްސަލައިގައި ފުލުހުން ފިޔަވަޅު އަޅާކަން ކަށަވަރު ކުރާނަން: އިމްރާން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރު އިމްރާން އަދި ސީޕީ ހަމީދު -- ފޮޓޯ: މަޖިލިސް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ މަރާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާކަން ކަށަވަރުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިލްވާންގެ މައްސަލަ ތަހުގީގު ކުރަނީ ރިޔާސީ ކޮމިޝަނުން ކަމަށާއި، އެ ތަހުގީގަށް ބިނާކޮށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.

"އެކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން އަޅަންޖެހޭ ފިޔަވަޅު އަޅާކަން ކަށަވަރު ކުރާނަން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ އިންޓެލް ދެ ފުލުހުންނަށް ޖިނާއީ ދައުވާ ކުރެވޭފަދަ ހެކިތަކެއް ލިބިފައި ނުވާތީ މައްސަލައާ ގުޅިގެން އެ ދެ ފުލުހުން ހައްޔަރުކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ދެ ފުލުހުން ކަމުގައިވާ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) މިހާރު ވަނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުން ދުރުކޮށްފައެވެ.

އަދި ޖިނާހުއާއި ރިފްއަތުގެ މައްސަލަ އިދާރީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، ފުލުހުން ބުނީ މުވައްޒަފުންގެ އިދާރީ މައްސަލަތައް ބަލާ ތަހުގީގު ކުރަން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މައްސަލަ ބަލާ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ހަމައެއާއެކު ރިލްވާންގެ މައްސަލައިގައި ފުލުހުންގެ އިންޓެލިޖެންސުން މީގެ ކުރިން ހިންގާފައިވާ އޮޕަރޭޝަންތަކާއި ގުޅޭ ކަންކަން ވެސް މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ފުލުސް އޮފިސަރެއް ކަމުގައިވާ މުހައްމަދު ފަޔާޒް މަރު ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް ހުރުމުން އެކަން އިތުރަށް ތަހުގީގު ކޮށްދިނުމަށް ވެސް އެ ކޮމިޝަނުން އެދިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް