އެމެރިކާ ފާރަލަމުންދިޔަ އީރާނުގެ ޓޭންކަރުގެ ތެޔޮ ސީރިއާއަށް ހުސްކޮށްފި

އީރާނުގެ ޓޭންކަރު

ދިމީޝްގު (ސެޕްޓެމްބަރު 7): އެމެރިކާ އިން ފާރަލަމުންދިޔަ އީރާނުގެ ބިޔަ ތެޔޮ ޓޭންކަރު "އަދްރިޔާން ދަރްޔާ ވަން" ސީރިއާގެ ބަނދަރަކަށް ކައިރިކޮށް އޭގައިވާ 2.1 މިލިޔަން ފީފާގެ ތެޔޮ ހުސްކޮށްފިއެވެ.

މިކަން ކަށަވަރުކޮށްދެމުން އޮން ލައި ނޫހެއް ކަމަށްވާ "މިޑްލް އީސްޓް އައި" އިން ބުނެފައިވަނީ "އަދްރިޔާން ދަރްޔާ ވަން" މެޑިޓަރޭނިއަން ކަނޑުގައި އެތަށްފަހަރަކު އޭގެ މިސްރާބު ބަދަލުކުރުމަށްފަހު އެންމެފަހުން ބުރާސްފަތި ދުވަހުގެ ރޭ ގެ ވަގުތެއްގައި ސީރިއާގެ ބަނދަރަކަށް ކައިރިކޮށް އޭގައިވާ ތެޔޮ އެއްކޮށް ހުސްކުރުމުގައި ކާމިޔާބު ހޯދާފައިވާ ކަމުގައެވެ.

ކަނޑު ދަތުރުކުރާ އުޅަނދުތައް ދަތުރުކުރާ ގޮތް ބަލާ "ރިފިންޓިވް" ކުންފުންޏަށް އީރާނުގެ ޓޭންކަރުގެ ހަރަކާތްތައް އެންމެފަހުން އެނގިފައިވަނީ ސީރިއާއާއި ސައިޕްރަސްއާ ދެމެދު ދަތުރުކުރަނިކޮށް މިދިޔަ ހޯމަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ. އޭގެފަހުން "އަދްރިޔާން ދަރްޔާ ވަން" ގެ ޚަބަރެއް ނުވީ އެ ޓޭންކަރުގެ މިސްރާބު ބެލުމަށް "ރިފިންޓިވް"އިން ބޭނުންހިފާ ސިސްޓަމްތައް ނިއްވާލާފައި ހުރުމުން ކަމަށް "ރިފިންޓިވް"އިން ބުނެފައިވެއެވެ.

ސީރިއާއަށް ތެޔޮ ފޯރުކޮށްދިނުމަކީ ޔޫރަޕުގެ އިއްތިހާދުން ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފު ކަމެއް ކަމަށް ބުނެ ޖިބްރޯލްޓާއިން އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓީ މިދިޔަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭގެ ފަސް ހަފުތާ ފަހުން އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ޖިބްރަލްޓާގެ ސުޕްރީމްކޯޓުން ވަނީ ޓޭންކަރު ދޫކޮށްލާފައެވެ. އެއަށްފަހު އެ ޓޭންކަރު ހިފެހެއްޓުމަށް ނޫނީ ކަނޑުފޭރުމަށް އެމެރިކާ މަސައްކަތްކޮށްފައިވާ ކަމަށް އީރާނުން ބުނެފައިވެއެވެ.

އެމެރިކާއިން ވަނީ އީރާނުގެ ޓޭންކަރަށް ހިދުމަތް ދޭ ކޮންމެ ފަރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފައެވެ. އަދި އެންމެފަހު ގޮތްހުސްވެގެން އެމެރިކާވަނީ އެމެރިކާ ބޭނުންވާ ބަނދަރަކަށް އޭ ޓޭންކަރު ގެންދިޔުމަށްޓަކައި އެޓޭންކަރުގެ ކެޕްޓަނަށް އެތަށް މިލިޔަން ޑޮލަރެއްގެ ރިޝްވަތުވެސް ހުށަހަޅާފައެވެ. ނަމަވެސް އެމެރިކާގެ ރިޝްވަތަށް ބޯލަނބައިގެން އެމެރިކާ ސަރުކާރުން ދޭ ރިޝްވަތުގެ ކަޅުފައިސާގައި ޖެހުމަށް އީރާނުގެ ޓޭންކަރުގެ ކެޕްޓަން ވަނީ ދެކޮޅު ހަދާފައެވެ.

އެމެރިކާއަށް އެ ޓޭންކަރު އަތުލައިގަނެވޭ ފަދަ ބަނދަރަކަށް ޓޭންކަރު ގެންގޮސްފިނަމަ، އޭގެ ކެޕްޓަން އަކިލޭޝް ކުމާރުއަށް އެތައް މިލިއަން ޑޮލަރެއް ދޭން އެމެރިކާ ހުށަހެޅިކަން ނަންހާމަކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކުވެސް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

އެމެރިކާގެ އުދަނގޫ ބޮޑުވުމާއެކު އީރާނުގެ ޓޭންކަރުގެ ކެޕްޓަން ވަނީ އޭނާއާ ގުޅުމަށް އެމެރިކާ ބޭނުންކުރާ ވަސީލަތްތައް ނިއްވާލައި ގުޅުންތައް ކަނޑާލާފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ ތެޔޮ ޓޭންކަރުގައި ހުރި ތެޔޮ ބަޔަކަށް ވިއްކާލާފައިވާތީ ޓޭންކަރު ދާންވީ ތަނެއް އެނގޭނީ އޭގެ ތެޔޮ ގަތް ފަރާތަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއްކަން އީރާނުން ހާމަނުކުރެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް