އިރާގުގެ ޝީއީ ހަނގުރާމަވެރި ގްރޫޕުން އަމިއްލަ ވައިގެ ލަޝްކަރެއް އުފައްދަނީ

ހަޝްދު އަލީ ޝާބީ ޕެރަމިލިޓަރީ ހަނގުރާމަވެރިން އިރާނުގެ ކުރީގެ ރޫހީ ލީޑަރު ކޮމެއިނީގެ ފޮޓޯއާއެކު----

އިރާގުގެ ޝީއީ ހަނގުރާމަވެރި ޕެރަމިލިޓަރީ ގްރޫޕް ޙަޝްދު އަލް ޝާބީ (ޕީއެމްއެފް)އިން އަމިއްލަ ވައިގެ ލަޝްކަރެއް އުފައްދަން ނިންމައިފިއެވެ.

ހަޝްދު އަލް ޝާބީ ގްރޫޕަކީ އިރާގުން އައިސިސްއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ސަރުކާރު ސިފައިންނާއެކު އެންމެ އިސް ސަފުގައި ހަނގުރާމަކުރި ގްރޫޕެއްވެސް މެއެވެ. އެ ގްރޫޕަކީ އިރާނުގެ މަދަދު ލިބޭ ޖަމާއަތެކެވެ. އަދި އެ ޖަމާއަތަކީ ސީދާ އިރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ބެލުމުގެ ދަށުން އުފެއްދި ޖަމާއަތެއް ކަމަށްވެސް އަޑުފެތުރިފައި ވެއެވެ.

ޕީއެފްއެމްއިން ބުނީ ވައިގެ ލަޝްކަރު އުފައްދަން ނިންމީ އިސްރާއިލުން އެ ޖަމާއަތާ ދެކޮޅަށް ދޭ ވައިގެ ހަމަލާތަކުން ސަލާމަތްވުމުގެ ގޮތުން ކަމަށެވެ.

މިދިޔަ މަހު އިސްރާއިލްއިން ފުރަތަމަ ފަހަރަށް އިރާގުގެ ސީރިއާ ބޯޑަރު ކައިރީ ހުންނަ ޕީއެމްއެފްގެ ތަނަކަށް ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތައް ދިނީ އިސްރާއިލުންކަންވެސް އެމެރިކާގެ އޮފިޝަލަކުު ވަނީ ފަހުން ޔަގީންކޮށްދީފައެވެ.

ޕީއެމްއެފްއިން އަމިއްލަ ވައިގެ ލަޝްކަރެއް އުފައްދާކަން އިއުލާންކުރިއިރު އިރާގުގެ ސަރުކާރުގެ ތެރޭގައިވެސް ވަނީ އެކަމާމެދު ބޮޑު ކޯޅުންގަނޑެއް އުފެދިފައެެވެ. ހުދު އިރާގުގެ ސަރުކާރުގައި ހިމެނޭ ޝީއީ ލީޑަރު މުގްތަދާ އަލް ސަދުރު ވިދާޅުވީ އެ ލަކަޝްރު އުފައްދަން ހުއްދަ ދީފިނަމަ އިރާގުގެ ސަރުކާރުން ވަކިވާނެ ކަމަށެވެ.

އަލް ސަދުރު މިދިޔަ އަހަރު ވަނީ ސައުދީ އަރަބިއްޔާއަށް ދަތުރެއްވެސް ކުރައްވައިފައެވެ. އަދި މިއީ އިރާގުގެ ޝީއީންގެ ތެރޭގައިވެސް ބައިބައިވަމުންދާކަމުގެ ހެއްކެއްްކަމަށްވެސް މުރާސިލުން ބުނެއެވެ.

އެއާ ހިލާފަށް ޕީއެމްއެފްގެ ޑެޕިއުޓީ ޗެއާމަން އަބޫ އަލް މަހުދީ އަލް މުހަންދިސްއަކީ ވަރަށް ބޮޑަށް އިރާނާ ގުޅުން އޮންނަ ބޭފުޅެކެވެ. މުހަންދިސްއަކީ އެމެރިކާއިން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމެނޭ ބޭފުޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް