އޭސީސީން އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ އަސްލު އަގު ހޯދަނީ

ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީ ސަރުކާރުން އިމާރާތް ކުރި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އަގު ކުރުމަށް އިވެލުއޭޝަނެއް ހަދަން ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފި އެވެ.

އެ ކޮމިޝަނުން އިއްޔެ އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކޮށްގެން އެކަން ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާ ގުޅުންހުރި މައްސަލައިގެ ތަހުގީގުގެ ވަރަށް ބޮޑު ބައި ވަނީ ނިމިފައި. މިހާރު ވަރަށް ޓެކްނިކަލް މަސައްކަތެއް ކުރުމަށްޓަކައި އޭސީސީ އިން ވަނީ ނިންމާފައި. އެއީ މި އިމާރާތުގެ އިވެލުއޭޝަން އެއް ހެދުމަށްޓަކައި، އަގު ކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާ އެކީގައި އޭސީސީ އިން ވަނީ މަޝްވަރާ ކުރުމަށް ނިންމާފައި،" މުއައްވިޒް ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވީ އެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހަރަދެއް ހިނގި ނަމަވެސް، އޭސީސީން އެކަން ކުރަން ނިންމާފައިވާ ކަމަށެވެ.

އޭސީސީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ފަންސަވީސް ބުރީގެ އިމާރާތުގެ އަސްލު އަގު ހޯދުމަށް އޭސީސީން ނިންމާފައި ވަނީ އެ އިމާރާތް ހެދުމަށް ހަރަދުވާ އަގަށް ވުރެ ބޮޑު އަގެއްގައި ބަޔަކާ މަސައްކަތް ހަވާލު ކޮށްފައިވާކަމަށް ބުނެ ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ބިޑް ކުރުމެއް ނެތި ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަން އަށް އެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 142 މިލިއަން ޑޮލަރަށެވެ.

ހަމައެއާއެކު އިމާރާތުގެ މެޑިކަލް ސަޕްލައި އާއި އިކުއިޕްމަންޓް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލައެއް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ.

މުއައްވިޒް ވިދާޅުވީ މިހާރު އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި، ސަރުކާރުގެ ކުންފުނިތަކުން ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ 184 މައްސަލަ ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ 44 މައްސަލައެއް ހިމެނެއެވެ. މުއައްވިޒް ވިދާޅުވީ ފެނަކައިގެ މައްސަލަތަކުގެ ތަހުގީގު މިހާރު ކުރިއަށްދާ އިރު، އެކުންފުނީގެ ފަރާތުން ތަހުގީގަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފައިނޭންޝަލް އެސެސްމެންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން އަންދާޒާ ކުރަނީ މިއަހަރުގެ ތެރޭގައި މި މަސައްކަތްތައް ނިންމާލެވޭނެ ކަމަށް،" މުއައްވިޒް ވިދާޅުވި އެވެ.

ދައުލަތުގެ ކުންފުނިތަކަށް ނިސްބަތްވާ ބައެއް މައްސަލަތައް:

  • މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ތިން މައްސަލަ. އެއީ ސިޔާސީ ޕާޓީއެއްގެ މަސައްކަތްތަކެއް ކުރުމަށް 1.9 މިލިއަން ރުފިޔާ ހަރަދުކުރި މައްސަލައަކާއި ބަރެސްދޫ ޕްރޮޖެކްޓަށް ހަރަދުކުރުމުގައި އުސޫލާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ބޭރުގެ ބަޔަކަށް އެކުންފުނީގެ ޕްރޮޖެކްޓެއް ދިނުމާ ގުޅޭ މައްސަލައެއް
  • ދެހާސް ފަނަރަ އަދި 2016 ވަނަ އަހަރު އެސްޓީއޯ އިން ހައުސިން މިނިސްޓްރީ މެދުވެރިކޮށް ވެހިކަލްތަކެއް ގަތުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ
  • އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކުރުމެއް ނެތި ކްލާސްރޫމްތަކެއް އެޅުމަށް ވަކި ބަޔަކާ ހަވާލު ކުރި މައްސަލަ
  • މިނިވަން 50ގެ ހަރަކާތްތަކާ ގުޅޭ މައްސަލަ
  • މާފަރު އެއާޕޯޓް ހެދުމުގެ މަޝްރޫއާ ގުޅޭ ތިން މައްސަލައެއް
  • ހުޅުމާލެގައި ގާއިމުކުރާ 300 ހައުސިން ޔުނިޓާ ގުޅޭ މައްސަލައެއް
  • ކަރެކްޝަންސްގެ 2018 ވަނަ އަހަރުގެ ކޮމްޕްލެއިންސް އޮޑިޓުން ފާހަގަ ކުރެވުނު 10 މައްސަލައެއް
  • ކަސްޓަމްސް އާ ގުޅޭގޮތުން ފާހަގަ ކުރެވުނު މައްސަތަކެއް
  • ހުޅުމާލެ ހޮސްޕިޓަލާއި އާސަންދަ ކުންފުންޏާ ގުޅުންހުރި މައްސަލަތަކެއް
  • މޯލްޑިވް ގޭސް އަދި ވެމްކޯ އާ ގުޅުންހުރި މައްސަލަތަކެއް
  • ޕަބްލިކް ސާވިސް މީޑިއާ އާ ގުޅޭ މައްސަލަތަކެއް

މި މައްސަލަތަކުގެ ތަހުގީގު މިހާރު މުޅިން ނިމުމާ ކައިރިވެފައި ވާއިރު، މިއީ މުޅިން ވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެކޮމިޝަނުން ބަލަން ފަށާފައިވާ މައްސަލަތަކެވެ.

އަދި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެސެޓް ރިކަވަރީ ކޮމިޝަން އާ ގުޅިގެން އިތުރު ތަހުގީގުތަކެއް ކުރިއަށް ގެންދިއުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން މުއައްވިޒް ވަނީ ފާހަގަކުރައްވައިފަ އެވެ.

މުއައްވިޒް ވިދާޅުވީ އެ ކޮމިޝަނުން ފާއިތުވި ދައުރުގައި ތަހުގީގު ކުރި އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަ ކަމަށެވެ.

comment ކޮމެންޓް