ދައުލަތުގެ ވުޒާރާތަކުން މާލިޔަތު ގާނޫނަށް ފުރިހަމައަށް އަމަލު ނުކުރޭ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެންގުންތަކަށް ސަރުކާރުގެ ވުޒާރާތަކުން އަމަލު ކުރާ މިންވަރު ދެނެގަތުމުގެ ދިރާސާ ރިޕޯޓު ނެރެދެއްވުން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ދައުލަތުގެ ބައެއް ވުޒާރާތަކުން މާލިޔަތު ގާނޫނަށް ފުރިހަމައަށް އަމަލު ނުކުރާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ދިރާސާއަކުން ދައްކައިފި އެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ ދިރާސާތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ އިދާރާތަކަށް ދިނުމަކީ އޭސީސީގެ މައްޗަށް ގާނޫނުން ލާޒިމު ކުރާ ކަމެކެވެ.

އެގޮތުން އެ ކޮމިޝަނުން ދައުލަތުގެ އެކި ވުޒާރާތަކަށް އަންގާފައިވާ އެންގުންތަކަށް އެ ވުޒާރާތަކުން އަމަލު ކުރަމުންދާ މިންވަރު ދެނެގަތުމަށް ވަނީ ދިރާސާއެއް ކޮށްފައެވެ. އެ ދިރާސާގައި ބަލާފައި ވަނީ 2017 ވަނަ އަހަރު އަންގާފައިވާ އެންގުންތަކަށެވެ.

އޭސީސީ އިން ބުނީ 2017 ވަނަ އަހަރު އެ ކޮމިޝަނުން ސަރުކާރުގެ 11 ވުޒާރާއަކަށް 73 އެންގުމެއް އަންގާފައިވާނެ ކަމަށެވެ. މީގެ ތެރެއިން ފިޔަވަޅު އަޅާ ނިމިފައި ވަނީ 35 އެންގުމަކަށް ކަމަށާއި، 10 އެންގުމަކަށް އަމަލު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 20 އެންގުމަކަށް އަމަލުކޮށްފައި ނުވާ ކަމަށާއި، އަށް އެންގުމަކަށް ޖަވާބެއް ލިބިފައި ނުވާކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި ދިރާސާގައި މައުލޫމާތު ނެގުނު 11 ވުޒާރާގެ ތެރެއިން އެއްވެސް ވުޒާރާއަކުން މާލިއްޔަތު ގަވާއިދަށް ފުރިހަމައަށް އަމަލުކޮށްފައި ނުވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު ގިނަ ވުޒާރާތަކުން ލިޔެކިޔުން އެކަށީގެންވާ ގޮތުގައި ބަލަހައްޓާފައި ނުވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ. އޭސީސީ އިން ބުނީ ދައުލަތުގެ ވުޒާރާތަކުން އެ ކޮމިޝަނަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ވެސް ނުލިބުނު ކަމަށެވެ.

އިއްޔެ އޭސީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެންގުންތަކަށް ސަރުކާރުގެ ވުޒާރާތަކުން އަމަލު ކުރާ މިންވަރު ދެނެގަތުމުގެ ދިރާސާ ރިޕޯޓު ވަނީ ނެރެފައެވެ. އެ ރިޕޯޓު ނެރެދެއްވީ ކޮމިޝަނުގެ ނައިބު ރައީސް އާމިނަތު މިންނާ އެވެ.

އިއްޔެ އޭސީސީ އިން ވަނީ ފާއިތުވި ފަސް އަހަރު ތެރޭގައި އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތައް ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް