ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަށް ހާއްސަ ގިނަ ހަރަކާތްތަކެއް

ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމުގެ ގޮތުން ގިނަ ފަރާތްތަކާއެކު ޓުއަރިޒަމް މިނިސްޓްރީން އެއްބަސްވެއްޖެއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓުއަރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގެ ގިނަ ކުންފުނިތަކަކާއެކު ޕާޓްނާޝިޕް ހަދާފައެވެ. އޭގެތެރޭގައި އެލިއާ އާއި އެލައިޑް އިންޝިއުރެންސް އާއި އެސްޓީއޯގެ އިތުރުން ކޮކާކޯލާ ފަދަ ކުންފުނިތައް ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ހިސާބުގައި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރާއްވާފައިވާ ހަރަކާތްތަކަކީ

ޖަޒީރާ ކެނޯ ރޭސް: ސެޕްޓެމްބަރު 26
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ހަރަކާތަކީ ފަތުރުވެރިކަމުގެ ދުވަސް ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތް ކަމަށެވެ. އެ ހަރަކާތް ކުރިއަށް ދާނީ ވ. އަތޮޅުގައި ކަމަށާއި އެ މުބާރާތުގައި އަންހެނުންނާއި ފިރިހެނުންވެސް ބައިވެރިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޑިނަރ ނައިޓް: 26 ސެޕްޓެމްބަރު
މި ޑިނަރ ނައިޓްވެސް ކުރިއަށްދާނީ ވ. އަތޮޅުގައެވެ.

ޓުއަރިޒަމް ޖޮބް ފެއަރ: 27 - 30 ސެޕްޓެމްބަރު
އެ ޖޮބް ފެއާ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާތަކާ ގުޅޭގޮތުން، ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ފެއާއެކެވެ.

ޓުއަރިސްޓް ވިޒިޓަރ ސެންޓަރ ބިންގާ އެޅުން: 1 އޮކްޓޯބަރު
ފަތުރުވެރިކަމަށް ހާއްސަ އެފަދަ ސެންޓަރެއް ރާއްޖޭގައި މީގެކުރީން ހުޅުވާފައި ނުވާ ކަމަށާއި އެ ސެންޓަރު އަޅާނީ ރ. އަނގޮޅިތީމުގައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ޓުއަރިޒަމް އޯޕެން ޑޭ: 2 އޮކްޓޯބަރު
ޓުއަރިޒަމް އޯޕެން ޑޭގައި ޓުއަރިޒަމް މިނިސްޓްރީއާ ގުޅޭގޮތުން ސްކޫލުކުދިންނަށް މައުލޫމާތު ދޭނެއެވެ. މާލޭގައި ކިޔަވާ ދަރިވަރުންނަށް، މިނިސްޓްރީގެ އެކި ސެކްޝަންތަކުގައި މަސައްކަތްތައް ހިނގާގޮތް ކިޔައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޑްސް ފުޓްބޯލް ފިއެސްޓާ: 3 އޮކްޓޯބަރު
ސްކޫލުކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެ ފުޓްސަލް މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ވަރުގަދަ އެއް ފިއެސްޓާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް ކޮންފަރެންސް އަދި ގާލާ ޑިނަރ: 4 އޮކްޓޯބަރު
މިނިސްޓަރު ވިދާޅުވީ ޓުއަރިޒަމް ކޮންފަރެންސް އަކީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ބާއްވާ އެންމެ މުހިއްމު އެއް އިވެންޓު ކަމަށެވެ. އެގޮތުން އެ ކޮންފަރެންސްގައި މައިގަނޑު ހަތަރު ސެޝަނެއް ކުރިއަށް ގެންދާނެއެވެ.

އެންމެ މުހިއްމު އެއް ސެޝަނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރައްކާތެރިކަމާއި ސަލާމަތުގެ ކަންތައްތަކާ ގުޅޭގޮތުން ބާއްވާ ކްލޯޒްޑް ޑޯ ސެޝަނެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

comment ކޮމެންޓް