ރިލްވާން މައްސަލައިގެ ރިޕޯޓުގައި މުޅިންވެސް ހުރީ ފުލުހުން ދިން މައުލޫމާތު: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް --- ފޮޓޯ/ މަޖިލިސް

ނޫސްވެރިޔާ ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓަކީ ފުލުހުން ދިން މައުލޫމާތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ރިލްވާން ގެއްލުވާލުމާ ގުޅޭ ތަހުގީގު ރިޕޯޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ރިޕޯޓުގެ 50 ވަނަ މާއްދާ ފާހަގަކުރައްވައިފައެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮމިޝަނުން އެދުމުންވެސް ފުލުހުންގެ އިންޓެލް ޑިޕާޓްމެންޓުން ކޮމިޝަނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ވާހަކައެވެ. ނަޝީދު އިއްޔެ އިތުރަށް ވިދާޅުވީ، ކޮމިޝަނުން މަޖިލީހަށް ރިޕޯޓު ދިނީ ފުލުހުންނާއި ކޯޓުތަކުގެ ކިބައިން ރިލްވާންގެ މައްސަލައިގައި ލިބޭނެ އިތުރު ކުރިއެރުމެއް ނުލިބޭނެތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެކަމާ ގުޅޭގޮތުން، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ފުލުހުންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އެކަމުގެ ހަގީގަތް މަޖިލީހުގެ ރައީސަށް އޮޅޭ ގޮތަށް ބޭފުޅަކު އައިސް ދެއްކި ވާހަކަތަކާ ގުޅިގެން މިތާގައި ފުލުހުންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް މަޖިލީހުގެ ރައީސް އިންނަވައިގެން ވާހަކަފުޅުދެއްކެވޭނެ އުސޫލެއް އޮތުމަކީ އެއްގޮތަކަށްވެސް ޖަމަޖެހޭ ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޮމިޝަނުން މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުނުވާ ކަމަށެވެ. އެކަމަކު ކޮމިޝަނުން ތަހުގީގު ނިންމާފައި ވަނީ ފުލުހުންގެ އެއްބާރުލުން ދީގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމް އެދިވަޑައިގަތީ ފުލުހުންގެ ވެއްޓޭ ގޮތަށް މެމްބަރުން ވާހަކަފުޅު ނުދެއްކެވުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިން ފުލުހުން ގޯސްކޮށް ކަންތައްކޮށްފައި ހުއްޓަސް ކޮމިޝަނުން ތަހުގީގު ނިންމާފައި ވަނީ ފުލުހުންގެ ބައިވެރިވުން އޮވެގެންކަން ކަށަވަރެވެ.

"ކިހިނެއްތޯ ތަހުގީގު ކުރުމުގެ އެއްވެސް ކަހަލަ ގާބިލުކަމެއް ކެޕޭސިޓީއެއް ނެތް ބަޔަކު ފުލުހުން ކުރެއްވި އެ މަސައްކަތް އެގޮތަށް ކޮށްގެން މިއަދާ ހަމައަށް އައި އިރު އެވަރުގެ ރިޕޯޓެއް އެއް މަސް ދުވަސް ނުވަތަ ދޮޅުމަސް ކުރިން މަޖިލީހުގެ ރައީސްގެ އަތްޕުޅަށް އަރުވާނީ. އެއީ ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ހުރީ މުޅިންވެސް ފުލުހުން ހޯދާފައި ހުރި މައުލޫމާތު ކަމަށެވެ.

"މި ދެންނެވި ރިޕޯޓުގައި މުޅިންވެސް ހިމެނިފައި ހުރީ ފުލުހުން ހޯދާފައި ހުރި މައުލޫމާތު. ފުލުހުން ދީފައި ހުރި އެއްޗެހި. ކުރިން ކަމެއް ގޯސްކޮށް ހިނގާފައި ނެތް ވާހަކަ އަޅުގަނޑު ނުދަންނަވަން. އެކަމަކު އެއީ މިއަދުގެ ފުލުހުންގެ ބޮލުގައި އެކަން އަޅުވަން ޖެހޭ މައްސަލައެއް ކަމަށް އަޅުގަނޑު ނުދެކެން،" ގާސިމް ވިދާޅުވިއެވެ.

ވަކި މުއައްސަސާއެއް ކުށްވެރިކޮށް ވާހަކަ ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ މަޖިލީހުގައި ބަހުސް ކުރައްވަމުން ބައެއް މެމްބަރުންވެސް ވަނީ ފުލުހުންގެ މުއްސަސާއިން ހައްދުފަހަނައަޅާ ދިޔުމާ ދެކޮޅަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ފުލުހުންނާ ބެހޭގޮތުން މެމްބަރުން ކަންބޮޑުވުން ފާޅުކުރާ އިރު، ރިލްވާން މައްސަލައިގެ ރިޕޯޓުގައި ބުނެފައި ވަނީ ފުލުހުންގެ އިންޓެލްގެ ދެ މީހަކު ރިލްވާން ސީރިއާގައި މަރުވި ކަމަށް ދައްކަން މަސައްކަތް ކުރި ކަމަށެވެ. އަދި ފުލުހުންގެ އިންޓެލް ޑިޕާޓްމެންޓުން ރިލްވާން ގެއްލުނު މައްސަލައިގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދުވެސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް