ސެފްރޯން - 5

އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

އަޒްކީލްގެ ބިންމަތީގައި ހުންނަ ގަނޑުވަރު ހުންނަނީ އާކްޓިކް ކަނޑުގެ އައްސޭރިފަށުގައެވެ. އެތަނަކީ އޭނަގެ ލޯބިވެރިޔާއަށް ހަދާފައި ހުރި ބިނާއެވެ. ކަނޑުގެ އަޑީގައި އުޅުމުގައި ދަތިތައް ހުރުމުން އެހެން ގޮތެއް ނެތީއެވެ.

"އައްސަލާމް އަލައިކުމް....." އަޒްކީލް އިސްލާމީ ރީތި ސަލާމުން ސަލާމް ގޮވައިލަމުން ގަނޑުވަރުގެ ދޮރުން އެތެރޭގައި ފައި އެޅިއެވެ. ފުރިހަމަ އަންހެންވަންތަ އަޑަކުން ޖަވާބު ދިނުމާއެކު ފައުޅުވި ޕަރީއެއްފަދަ އަންހެންކުއްޖާ ފެނި އާޝޯޚުވާނެއެވެ. ކުޑަ ދެ ފިރިހެންކުދިން އެކަކު އަނެކަކާ އަރައިރުންވަމުން ތޮޅެމުން އައިގޮތަށް އަޒްކީލް އުރަށް އެރިއެވެ. ބުޅި އިސްތަށިގަނޑާއި ކުދި ވަރައިން ވައްތަރުވަނީ ކުރެހުންތަކުގައި ސިފަކޮށްދޭ ކުޑަ "އެންޖެލް" ތައްހެންނެވެ. އަޒްކީލް އެކުދިންގެ މޫނުން އެތައް ފަހަރު ދޮން ނެގިއެވެ.

"ބައްޕަގެ ޗެރަބިމް އާއި ސެރަފިމް ކޮންކަމަކާ ތޮޅެނީ. ކޮބާ މާކިއަން........." އަޒްކީލް އަންހެނުންގެ ނިތްކުރީގައި ބޮސްދެމުން އަންހެނުންގެނެސް މޭގައި ޖައްސާ ފޮރުވާލައިފިއެވެ.

"އަސް ދުއްވަން ބެކްޔާޑުގައި...."

މިހާ ރަގަޅު އާއިލާއެއް ލިބުމުން އޭނަ މާތް ﷲއަށް ހަމްދުކުރިއެވެ. ނަމަވެސް އޭނަ ލޯބިވާ އަންހެނުންނަށް އޭނަގެ އެހެން އަނބިންނާއި އެތައް ޖާރިޔާއިން ގެންގުޅޭކަން ފަޅާ އަރާ ދުވަހަކުން މި ލޯބި ހަމަ މިގޮތަށް ދެމި ހުންނާނެ ބާވައޭ ހިތަށް އަރާ ފަހަރުވެސް މަދެއްނޫނެވެ. ޒޭބްގެ ކޫސަނި ރުޅިގަނޑެއް ހުންނަކަން އަޒްކީލް ދަނެއެވެ. ޒޭބް ދެކޭގޮތުން އަޒްކީލްއަކީ ހަމައެކަނި އޭނަގެ މިލްކެކެވެ. އެ ހަށިގަނޑުގައި ބީހިލަން ކީއްކުރަން އެހެން އަންހެންކުއްޖަކު ބަލައިލަންވެސް ޒޭބް ނޭދެއެވެ. ވަފާތެރިކަމާއި ތެދުވެރިކަމުގެ މިސާލެއްނެތްފަދަ ލޯބިވެރިންކަމުގައި ޒޭބް ހީކުރެއެވެ. ޒޭބް އަޒްކީލްގެ ލޯބީގައި މޮޔަވެ އަމިއްލަ އާއިލާވެސް ދޫކޮށްލާފައި މި ގަބީލާއާއެކު އައުމަށްފަހު އޭނަގެ ހުރި ހަމަ އެކަނި މީހަކީ އަޒްކީލްއެވެ.

***

ސެފްރަންގެ ގަނޑުވަރުގެ ދޮރުމައްޗަށް އަރާ ބަލައިލިއިރު ސްނޯ ބޯކޮށް ފައިބާ މަންޒަރު ފެނުނެވެ. މެންދުރުގަޑީގައިވެސް އުޑުމަތީގައި ފިޔަޖަހާ ތަރިތައް މިއަދު ފެންނާކަށް ނެތެވެ. މޫސުމް ތަންކޮޅެއް ގޯހީކަން ނޭގެއެވެ. ފިނިމޫސުމްގައި އެމީހުން ވޭތުކުރަން ޖެހެނީ ކަނު އަނދިރީގައެވެ. އެހެން މާރިދުން އެކަމާއި ގަޔާވިޔަސް ސެފްރަން އަނދިރިކަމަށް ނަފްރަތުކުރެއެވެ. އޭނަ އަމުރުކޮށްފައި އޮންނަނީ އޭނަގެ ގަނޑުވަރު ދިއްލާފައި ބޭއްވުމަށެވެ. އޭނައަށް ވެވެންޏާ ހުރިހާ މަގުތަކެއްވެސް ހުޅުދާން ކުރާނެއެވެ. އޭނަ ލޯބިކުރަނީ ހޫނު މޫސުމަށެވެ. އަލިކަމަށެވެ. ސްނޯއިން ފޮރުވިފައިވާ ފަރުބަދަމަތިން ސެފްރަން ތިރިއަށް ފޭބީ އޭނަ ގެންގުޅޭ ޕޯލާބެއާ "ބޫ" ގޮވައިގެންނެވެ. ލައިގެން ހުރި ބޯ ހެދުންތަކުގެ މަތިން ކޯޓެއްލައިގެންނެވެ. ޖަލްޖާލޫތު އަންގާފައިވަނީ އޭނަގެ ވަރަ ފޮރުވައިގެން ހުރުމަށެވެ. އެހެން މާރިދުންނަށް އޭނަގެ އަސްލު އެނގެން ބޭނުން ނުވަނީއެވެ. އޭނަ އާޓިކްޓިކް ކަނޑުގެ އައްސޭރިފަށާއި ދިމާލަށް މިސްރާބުޖެހީ އެންމެ ބޭނުމެއްގައެވެ. ބޫއަށް ޝިކާރަ ކުރަން ދަސްކޮށް ދިނުމަށެވެ. ބެރީތަކާއި ކެލްޕް އަދި މަސްކޮޅެއް ދިނުމުންވެސް ބޫ ބަނޑުނުފުރުނީއެވެ.

ސެފްރަން ބޫ ކުޑައިރު އެއްލާލާފައި އޮތްވާ ގެނެސް އަޅާލަން ފެށީ އޭނަފަދަ ޔަތީމަކަށް ބޫ ވީމައެވެ. އެކަނިވެރިވެ ބަނޑުހައިކަން މަތީ އޮތްވާ އޭނަ ކާންދީ ބޫ އޭނައަށް އޮޅުވެފައިވާވަރު ބޫ އޭނަގެ ފައިގާ އޮޅުލާފައި އުޅޭގޮތުން އަންގާދެއެވެ.

އާކްޓިކް ކަނޑުގެ އައްސޭރިފަށަށް ނުކުމެވުމުން ބޫ އުފާވިކަން އަންގަން ފުންމައިގެން ސެފްރަންގެ އުރަށް އެރިއެވެ. އެއާއެކު ދެމީހުން އެއްކޮށް ގަނޑުފެންތަކުގެ މައްޗަށް ޖެހުނެވެ. ސެފްރަން އާއި ސަމާސާކުރަން އޮވެލާފައި ދުއްވައިގަތީ ކަނޑާއި ދިމާލަށެވެ.

"މާ ދުރަށް ނުދައްޗޭ އަހަރެން ކަނޑަށް އެރެން ނުޖައްސައްޗޭ. އެ މޮންސްޓާ މިޔޫކީ އާ އެއްގޮތަށް ނޫޅޭތި............" ސެފްރަން ގޮވައިލިއެވެ. ކުއްލިއަކަށް ގަނޑުފެން ގަނޑެއް އަުން ޖަހާ ބުރުއްސާލާފައި ކަނޑުގެ ފެންގަނޑުތެރެއިން މިރިއަމް އެރިތަން ފެނިފައި ސެފްރަން ދެލޯ ބޮޑުކޮށްލިއެވެ. އޭނަ ސަމާސާގޮތަކަށް ގަނޑުފެންތައް ސެފްރަަންގެ މޫނަށް ބުރުއްސާލުމަށްފަހު އެއްގަމަށް އެރިއެވެ. ލައިގެން ހުރި ހެދުން ތެމުނަސް ފަރުވާލެއް ނެތް ފަދައެވެ.

"ސަލާމް ސެފް. އަބަދު މީތި ގަނޑު ފޫހިފިލުވަން ތިއިންނަނީ؟ " މިރިއަމްގެ ފެހި ދެލޯ އަނދިރީގެ ތެރެއިން ވިދައިލިއެވެ.

"ޖޭވީތަ؟ " ސެފްރަންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި އެހާ އަވަހަށް ގެއްލުނެވެ.

"ޖޭވީވަރުންގޮސް ބޫ ތެލުލައިގެން ކާލާ ވަރުވެފައި...." މިރިއަމް އަނގަ ހަދައިލިތަން ފެނުމުން ސެފްރަން އިނީ މަޖާވެފައެވެ.

"އެހެންމީހުން އުޅޭހެން ދުރަށް ދަތުރުކޮށް އުފާކުރުމުގެ ނަސީބެއް ނެތިއްޔާ އެހެން ދިރޭ ފުރާނައެއް އުފާކޮށްދިނުމުން އަމިއްލަ ނަފުސަށްވެސް ހިތްހަމަޖެހުން ލިބިދާނެ.............................." ސެފްރަން މަޑުމަޑުން ބުނެލިއެވެ. އެ ކްރިމްސަން ލޮލުން އިތުރު ޝުއޫރެއް ނުފެނުނަސް ހިތަށް ތަދުވާނެކަން މިރިއަމްއަށް އެނގުނެވެ. ސިއްރުން ފުރިފައިވާ ދެލޮލުން މޮޅިވެރިކަމެއްވެސް އޭނަ ދެކެއެވެ.


"ސެފްއަށް އެނގޭތަ؟ މަންމަމެން ވަރުގަދަ ކަމެއް ކުރުވަން އެބައުޅޭ........"

"އަހަންނަށް އެނގޭ...." ސެފްރަން އަށް އެ ވާހަކަ އަޑުއަހަން ފަސޭހައެއް ނުވިއެވެ. އަމިއްލަ ނުކުޅެދޭކަން ހިތަށް އަރާފައި ހިތްދަތިކަމެއް އިހުސާސްވިއެވެ. މަޖުބޫރީ ހާލަތަށް އިންސާނާ ވެއްޓެނީ ހީވެސް ނުކުރާފަދަ ގޮތެއްގައެވެ.

"އަހަރެން ބުނެފިން ނޫނެކޭ...." މިރިއަމް ކިޔައިލިއެވެ.

"ރަގަޅު...." ސެފްރަން ކޮޅަށް ތެދުވެ މިރިއަމްއާއި އަތާ އަތް ޖަހައިލިއިރު ސިކުނޑިން އެތައް ޓަނެއްގެ ބުރަދަން ލުއިވެގެން ދިޔަހެން ހީވިއެވެ. ނަމަވެސް މިރިއަމްގެ މޫނުމަތިން ފެނުނު ކުލަވަރުން އޭނަގެ ހިތް ބިރުގަނެއްޖެއެވެ. ލޯ ކުޑަކޮށްލީ ސުވާލު އުފެދިފައިވާ ގޮތަކަށެވެ.

"އެކަމަކު ދެރައީ ސެފްރަން މި ގަބީލާއިން ބޭރުކޮށް ޑޮމިނާރިއާއަށް ފޮނުވާލާނެކަމަށް މަންމަ އިންޒާރުކޮށްފި. ސެފް މާރިދުންގެ ބަޔަކު މަރާލާފައިވާތީ އެކަމުގެ ސަޒާއެއްގެ ގޮތުން އެމީހުންނާއި ހަވާލުކުރާނީއޯ..." މިރިއަމް މޮޅިވެރިގޮތަކަށް ބުނެލިއިރު ސެފްރަން ވިސްނާނެގޮތަކާއިމެދު ކަންބޮޑުވިއެވެ. ލަދުވެސް ގަތެވެ. ސެފްރަންއާއިމެދު ހަމްދަރުދީވެ އެހީއެއްވެވޭނެ ގޮތެއް ހޯދަން ހިތް އެދުނެވެ.

"ސެފް. އަހަންނަށް ސެފްމެންގެ ސިއްރެއް އެނގޭ. އެންޖެލާ މަރުވުމުގެ ކުރިން ކިޔައިދިނީ. އެންޖެލާއާއި ސެފް ކައިވެނިކުރިއިރުވެސް އެންޖެލާގެ އެހެން ލޯބިވެރިޔެއް ހުރި. ސެފްއާއި އެންޖެލާ އެކީ އުޅުނީ ނަމެއްގައި..................." މިރިއަމްގެ ޖުމްލައިން ސެފްރަންއަށް ސިހުމެއް ލިބި ވަށައިގެން ބަލައިލެވުނެވެ. އިތުރު އެއްެވެސް ކަންފަތަކަށް އެ އަޑު އިވިގެން ނުވާނެއެވެ. ސެފްރަން ތުންފަތުގައި އިނގިލި ޖައްސައިލަމުން"ޝްޝްޝް" އޭ ބުނެލުމުން މިރިއަމް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"އަހަރެމެންނަށް އެހެން އުޅެވިދާނެ..ސެފް ބޭނުމިއްޔާ. ނަމެއްގައި ކައިވެނިކޮށްގެން.........................."

މިރިއަމްގެ އެ ހުށަހެޅުމާއިމެދު ވިސްނަން އިންއިރު ސެފްރަން އަމިއްލަ މަޖުބޫރީ ހާލަތާއިމެދު ވިސްނިއެވެ. ހުރިހާވެސް މައްސަލައަކީ އޭނަގެ ހަގީގީ އާއިލާއާއި ވަކިވެ އެހެން ނަސްލަކައި އެކު އުޅެން ޖެހިފައިވާކަމެވެ. އޭނަގެ ވަރަ އެހެން މީހުންނަށް ދެއްކުން މަނަލެވެ. ބެންތިކް ޖިންނިން އަދި މާރިދުންނަށް އޭނަ ފަދައިން ވަރައެއް ލިބިފައެއް ނެތެވެ. ޖަލްޖާލޫތު ބުނާގޮތުން ސެފްރަން ނިސްބަތްވަނީ "ޖާން" މެންގެ ތެރެއިންނެވެ. އެމީހުންގެ ތެރޭ ރީތިކަން ހުސްކޮށްފައިވާ "ޕަރީ" އިންތައް ވެއެވެ. ޚުސްރޫގެ ގަބީލާފަދައިން ހުރިހާ ޖާންއިން ވަޒަންވެރިވީ އެހެން ޕްލެނެޓެއްގައެވެ. އެމީހުން ދުނިޔެއަށް ފައިބާ އުޅުނަސް އެ ޕޯޓަލް ބޭނުންކުރާނީ މަދު ފަހަރެއްގައެވެ. ސަބަބަކީ އެތައް އަލި އަހަރެއްގެ ދުރު މިނެއްގައި އެމީހުން އުޅެން ޚިޔާރުކުރިކަމެވެ. އަޖައިބަކީ ސެފްރަންއަށް އެއް ވަރަ ލިބުމާއިއެކު އުދުހުމުގެ ގާބިލުކަމެއް ނެތުމެވެ. އޭނަގެ ބާރާއިމެދު ޖަލްޖާލޫތު އަށް ޝައްކުވެއެވެ. ސެފްރަންގެ ޅަ ކަމުން ނޫނީ ބައްޔެއްގެ ސަބަބުން ވެގެން އުޅޭ ކަމެއްބާވައޭ ހިތަށް އެރިއެވެ. ގަނޑުވަރުގެ ހަކީމުންގެ ލަފާ ހޯދަން ނުކެރެނީވެސް އޭނަ ސެފްރަންގެ ހަގީގަތް ބެންތިކް ޖިންނިންނަށްވެސް ސިއްރުކުރާތީއެވެ.


ބެންތިކް ޖިންނިން އިންސާނުންނާއި ކޮންމެވެސް ވަރަކަށް ސިފަ އެއްގޮތްވިޔަސް އެމީހުންގެ ބިޔަކަމާއި ލިބިފައިވާ ބާރާއި ސްޕީޑްފަދަ ކަންތައްތައް އަދި ކަނޑުގެ އަޑީގައާއި ގަދަ ފިނީގައި އުޅުމުގެ ހުނަރު މާރިދުންނެކޭ ތަފާތެއް ނެތެވެ. ސެފެރުއަށް އެ ހުނަރުތައް ލިބިފައިވާލެއް ކުޑައެވެ. އެހެން ޖިންނިންތަކާއި ބަލާއިރު އޭނަ ހުންނަލެއްވެސް ތަންކޮޅެއް ކުޑައީއެވެ.

***

ޗާޖުކޮށްފައިވާ ފޯނު އާރްޔާގެ އަތަށް އަރާއިރަށް އެންމެ ކުރިންވެސް އޭނަގެ ޝައުގު ގުޅިފައިވާ ނޫސްވެރިކަން ހޭލައިގަތެވެ. ވީޑިއޯއަށް ލުމަށްފަހު އޭނަ އެ ހޮހަޅައިގެ އެތެރެ ވީޑިއޯ ކޮށްލަމުން އެތަނުގައި އޭނަ އުޅެމުންދާ ހާލު ކިޔައިލިއެވެ.

"އަހަންނަށް އަހަރެން ކިޑްނެޕްކުރީ ކޮން ބަޔެއްކަމާއި މި ތަނުން ސަލާމަތްވާނެކަމެއް އަދިވެސް ނޭގޭ. އެކަމަކު މާތް ﷲ އަށް އިތުބާރުކުރަން. އިރާދަކުރެއްވިއްޔާ ސަލާމަތްވާނެ. މިއީ ވަރަށް ތަފާތު އެކްސްޕީރިއެންސްއެއް، އެކަމަކު އެންމެ ފަހު ނޭވައާއި ހަމަޔަށްވެސް ހިތްވަރުކުރާނަން. މަންމައާއި ބައްޕަ މާމަ ސިން އާ އާޔާ. އާރިޒްބެ ވެސް ހާދަވަރަކަށް މިސްވެއޭ. އަދި ފެމިލީ އެހެން ކުދިންނާއި ފްރެންޑުންވެސް. އައިލް ބީ ބެކް ސޫން އިންޝާﷲ......މިސިން ފްލޯރާގެ ސްވިސް ފުޑް ޚާއްސަކޮށް ފޮންޑޫ އާއި ކްރުސަންޓް. ޗޮކްލެޓް ސްމޫތީސް އައިސްކްރީމް އެންޑް މައި ކޮމްފީ ރޫމް. އާރްޔާ ފުރުގާން ފްރޮމް އާކްޓިކް އޯޝަން............."

ސަލާމަތްވުމާއިމެދު އުއްމީދު ކަނޑާނުލިޔަސް އިންސާނެއް ވެއްޖެއްޔާ ކޮންމެވެސް ދުވަހަކުން ދުނިޔެއާއި ވަކިވާން ޖެހޭނެއެވެ. ނަމަވެސް އޭނަ މިފަދަ ހާލެއްގައި އާއިލާއާއި ވަކިން ހުއްޓާ މަރުނުވުމަށް އެދި ދުއާކުރިއެވެ. އާކްޓިކްއާއި ހަމަޔަށް ފޯރުމަށް މިންވަރު ކުރެއްވިފަދައިން އޭނައަށް މިތަން ބަލައިލުމުގެ ނަސީބު އިރާދަކުރެއްވިއްޔާ ލިބޭނެއެވެ. ކިތަންމެ ކުޑަ ކުއްޖެއް ނަމަވެސް އާރްޔާގެ ވިސްނުން ހުރީ ޕޮޒިޓިވްކޮށެވެ.


***

އާކްޓިކް ކަނޑުގެ ސެފްރަން މެން އުޅޭ ސަރަހައްދުގައި އެވަގުތު ފިނިހޫނުމިން އުޅެނީ މައިނަސް ފަންސާސް ޑިގްރީ ސެންޓިގްރޭޑްގައެވެ. ސެފްރަން އެނދުގައި އޮށޯވެލައިގެން އޮތެވެ. ކޮޓަރީގެ އެތަން މިތާ ބިއްލޫރި ފާނޫޒުތައް ދިއްލާލާފައިވާއިރު އަލިފާން އަންދާތަނުގައި ޕައިން ވަކަރު އަދަމުންދާތީ މީރުވަހެއް ހިފާލާފައިވިއެވެ. ކިޑިކީތައް ލައްޕާލާފައި ހުރުމުން ފިނީގެ އަސަރުތައް ކުޑައެވެ.

"ސެފް. ނިދަނީތަ؟ " ކުއްލިއަކަށް އަޒްކީލް ކޮޓަރި ތެރެއިން ފައުޅުވިއެވެ. ކޮޓަރިތައް ލައްޕާލަފައި ހުއްޓަސް އޭނައަށް ވަދެވޭތީ ބައެއްފަހަރު ސެފްރަންގެ ހިތުގައި އެކަމާއިމެދު ކުޑަނަމަވެސް ހަސަދައިގެ އަލިފާންކޮޅެއް އަނދައެވެ. އޭނަގެ އެފަދަ ބާރެއް ނުހުންނާތީ އޭނައަކީ ޖިންނިއެއްކަމާއިމެދު ޝައްކެވެ.

"ނޫނޭ......"

"ލިބުނު ޚަބަރެއް އިއްވާނުލާ ނުނިދިގެން މިއައީ......." އަޒްކީލް އެނދުގެ މަގަތުގައި އިށީނެވެ. ސެފްރަން ބާލީސްތަކަށް ލެނގިލައިގެން ޖައްސާލިއެވެ.

"ޑޮމިނާރިއާގެ ގަބީލާއެއް ބައްޕައާއި މަޝްވަރާކުރަން އައި. ބައްޕަގެ ރައްޔިތުންނަށް ކަމަކާއި ނުލާ އަނިޔާވެރިވި މައްސަލަ ސީރިޔަސްކަމެއްގެ ގޮތުގައި ބަލާ އެކަމަށް ފިޔަވަޅު އަޅާދޭން އެމީހުން އެދުނީ. ބައްޕަ އަގުހުރި ހަދިޔާގެ އިތުރުން އެމީހުންނަށް ހުއްދައާއި ނުލާ މި ބިމަށް އެރޭނެކަމަށް ޝަރުތުކުރުމުން ސެފް ދޫކޮށްފައި ބަހައްޓަން އެއްބަސްވީ. އަހަރެން އެކަމާއި ވަރަށް ހިތްހަމަ ނުޖެހުނު. ސަބަބަކީ އެމީހުންނަށް އެހެން އައިސް ގޮސްވާން ހުއްދަދިނުމުން މިނިވަންކަމަށް ހުރަސް އެޅޭނެތީ. އަހަނަށް އިތުބާރެއްވެސް ނުކުރެވޭ. އެކަމަކު ސެފްގެ ސަލާމަތަށްޓަކާ މާރިދުންގެ ޝަރުތަށް އެއްބަސްވާން ބައްޕައަށް މަޖުބޫރުވީ............" އަޒްކީލް ކަނޑެއްފަދަ ފެހި ދެލޯ އޭނައަށް ހުއްޓިފައިވިއެވެ.

"ބައްޕަ އެކަން އެކުރެއްވީ ރަގަޅަކަށްނޫން. މިނިވަންކަމަށްޓަކާ އަމިއްލަ ނަފުސް ގުރުބާންކުރާކަށް ފަހެއް ނުޖެހޭނަން....." ސެފްރެން ތެދުވެގެން ހިނގައިގަތެވެ.

"މިގަޑީގައި ބައްޕައަކާއި ބައްދަލެއް ނުވެވޭނެ. އެހެންނޫނަސް ސެފްދެކެ ބައްޕަ އެވާ ލޯތްބެއް މަށަކަށް ނޭގޭ. ބައްޕަ އެހެން އެންމެނަށްވުރެ ސެފްއަށް އިސްކަންދޭ. ސެފްގެ ވާހަކަތަކުން ޚިޔާލު ބަދަލުކުރާވަރަށްވުރެ ބައްޕަގެ ބޯ ހަރު....." އަޒްކީލް ބުނެލިއެވެ. ސެފްރަން އިށީދެލީ ދޫލަމަތީގައެވެ. ރަނާއި ރަތްކުލައިންވާ ބޯ ދޫލައިގެ މަޑުކަމާއެކު ފިނިކަންވެސް ހިފާފައިވިއެވެ.

އަޒްކީލްއާއި ސެފްރަން ވާހަކަދައްކަމުންގޮސް އިންސިކުއްޖާގެ ހާލާއި ބެހޭގޮތުން ސެފްރަން އޮޅުން ފިލުވިއެވެ.

"އެކުއްޖާއަށް ޝައުގުވެރިވީތަ؟" އަޒްކީލް ހިނިގަނޑެއް ޖަހައިލިއެވެ.

"ނޫނޭ އެހެނެއްނޫން. ހަމަ އަހައިލީ. އެންޖެލާގެ ގާތިލުންކަމުގައިވާ އިންސީންނަށް ދުވަހަކު މާފެއް ނުދޭނަން....."

"މަންމަ އޭނަ އެބަގެންގުޅޭ....ސެފް ތިހެން ބުނީމައޭ. މަ މިހިރީ އެ އިންސިކުއްޖާގެ މަތިން ހަދާންނެތިފައި. އެކުއްޖާއަށް އިންސާނުންނަށް އިބުރަތަކަށްވާ ވަރުގެ ސަޒާއެއް ދޭނަން..................." އަޒްކީލްގެ ލޮލުގެ ފެހިކަން ގަދަވެ އަލިފާން ކުލަ ހިފައިލިއެވެ.

***

ސޯރާ އާރްޔާ ގޮވައިގެން ހިލަތައް ދުރުކުރަމުން ކުރިއަށް ގެންދިޔައެވެ. އާރްޔާގެ ލޮލުން ފެންނަ މައުސޫމްކަމާއިއެކު ޝައުގުވެރިކަމުގެ ކުލަވަރުވެސް ފެންނާން ހުއްޓެވެ. ބަންދުވެފައި އޮންނާންވުމުން އޭނަގެ ނޭވާ ހާސްވެ ނުތަނަވަސްވެފައިވިޔަސް ނުކުމެވެނީކަން ހިތަށް އަރާ ލިބުނު އުފާ ބޮޑެވެ. އޭނަ އެތައްފަހަރު ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. ސޯރާ ގަންދީޝާ ކައިރިން ހުއްދަ ހޯދީއެވެ. ހަމައެކަނި އާކްޓިކް ކަނޑު ބަލާލާފައި އަލުން މިތަނަށް ގެންނާނެކަމަށް އޭނަވަނީ ވައުދުވެފައެވެ. މިރަށުން ނުކުމެގެން ދިޔުމަކީ އާރްޔާއަށް ކުޅަދާނަވެގެން ނުވާނެކަމެއްކަން އެނގޭތީ ގަންދީޝާ އަޅާނުލީކަންނޭގެއޭ ސޯރާ ބުނެލިއެވެ.

އާރްޔާ ހިނގަ ހިނގާ ހުއްޓާ އަތުގައި އޮތް ފާނޫޒްގެ ހުޅުކޮޅަށް މީހަކު ފުމެލިހެން ހީވުމާއެކު ކަނު އަނިދިރިކަމުގެ ތެރެއަށް ގެނބިއްޖެއެވެ.

"ސޯރާ....ސޯރާ.." އާރްޔާ މަޑުމަޑުން ކިޔައިލުމުންވެސް ބިރުވެރިގޮތަކަށް އެ އަޑު ގުގުމާލައިފިއެވެ. ދެތިންފަހަރު ގޮވައިލުމުންވެސް ޚަބަރެއްނުވިއެވެ. ކަށްވަޅުފަދަ އަނދިރިކަމުގެ ތެރޭ ފާރަށް ލެނގިލައިގެން ހުރެ ފުންކޮށް ނޭވާލަމުން ހިތުގެ ހިނގުން ހަމަޔަކަށް އަޅުވަން އޭނަ މަސައްކަތްކުރިއެވެ. ކުއްލިއަކަށް އެކަތައިގެ ބާރު ހުރި އަތަކުން އޭނަ އުފުލައިލުމާއެކު އާރްޔާ ކަންފަތް ހަލާކުވާފަދަ ގޮތަކަށް މެދުކެނޑުމެއްނެތި ހަޅޭއްލަވަންފެށިއެވެ.

(ނުނިމޭ...)

https://sun.mv/123644

comment ކޮމެންޓް