އަގުހުރި އިނާމުތަކަކާ އެކު އެސްޓީއޯ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

"ހޭއްޔާ" ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

"މަކީޓާ" ބްރޭންޑުގެ ހާޑްވެއާ ގަނެގެން ބޮޑެތި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން މިއަދު ފަށައިފި އެވެ.

"ހޭއްޔާ"ގެ ނަމުގައި މިއަދު ފެށި އެ ޕްރޮމޯޝަނަކީ ހާއްސަ މުބާރާތެއް ވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަން ރަސްމީކޮށް ފަށްޓަވާދެއްވާފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

އެ ޕްރޮމޯޝަން ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަމްރު ވިދާޅުވީ މިއަދުން ފެށިގެން މި މަހުގެ ހަތެއްގެ ނިޔަލަށް އެ ޕްރޮމޯޝަންގެ ދަށުން ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ހުންނާނެ ކަމަށެވެ.

"ކޮންމެ ދިވެއްސަކަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ މުބާރާތުގައި އެއްވަނަ އަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާ ފައިސާގެ އިނާމެއް ލިބިގެން ދާނެ އެވެ.

މުބާރާތުގެ ގައިޑްލައިން އެސްޓީއޯގެ ވެބްސައިޓުން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ހަތެއްގެ ނިޔަލަށް ކުރިއަށް ދިޔަ ނަމަވެސް އެ ހޭއްޔާ ޕްރޮމޯޝަން އެއް މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެ ޕްރޮމޯޝަންގެ ދަށުން މަކީޓާ ބްރޭންޑުގެ ހާޑްވެއާއިން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.

ޕްރޮމޯޝަންގައި ބައިވެރިގެން 100،000 ރުފިޔާއާ ހަމައަށް އަގުހުރި އިނާމު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޓީއޯ އިން ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް