އަތްދަބަސް މި ބުނަނީ ކީކޭތަ؟

އަތްދަބަސް މި ބުނަނީ ކީކޭތަ؟

އަތްދަބަހަކީ އަންހެނެއްގެ އެންމެ ގާތް އެކުވެރިޔާ އެވެ. ގެންގުޅޭ ކޮންމެ ކުލައެއްގެ ހެދުމަކަށް ހާއްސަ އަތްދަބަހެއް އޮންނާނެ އެވެ. ކޮންމެ މޫޑަކަށް ވަކި ހާއްސަ ސްޓައިލްގެ ދަބަހެއް އޮންނާނެ އެވެ. ފާހަގަކުރާ ކޮންމެ މުނާސަބަތަކަށް ވަކި ސައިޒެއްގެ ދަބަހެއް އޮންނާނެ އެވެ. ނުވިތާކަށް ހަދިޔާއަކަށް ވެސް އެންމެ ގިނައިން ބޭނުންވާނެ އެކައްޗަކީ މޮޅު އަތްދަބަހެކެވެ.

އެކި މީހުންގެ ވިސްނުމާއި މިޒަޖާއި އަދި ޚިޔާލު ވެސް ތަފާތުވާ ފަދައިން އެކި މީހުންނަށް ކަމުދާ ވައްތަރުތަކުގެ ދަބަސް ވެސް އެބަތަފާތުވެ އެވެ. މިއީ 'ރީޑާރސް ޑައިޖެސްޓް' އިން އަތްދަބަހުގެ ސްޓައިލްތަކާއި އަދި އެ ދަބަސްތައް ކަމުދާ މީހުންގެ ޕާސަނަލިޓީއާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއްގެ ކުޑަ ތަރުޖަމާއެކެވެ.

ރީދޫ ކުލައިގެ ބެކްޕެކެއް

ބެކްޕެކް - އެޑްވެންޗަރަސް

ބެކްޕެކް ނުވަތަ ދެ ކޮނޑުގައި އަޅުވާ މި ދަބަހަކީ ޓީނޭޖް ކުދިންނާ އަދި ބައެއް ޒުވާނުން ވެސް ބޭނުންކުރަމުން އަންނަ ދަބަހަކެވެ. މަޝްހޫރު ގުނަސް ބޭގްސްގެ ފައުންޑާ އަދި ޑިޒައިނާ ސުގަންދް ޖީ. އަގަރްވަލް ބުނާ ގޮތުން މި ސްޓައިލްގެ ދަބަހަކީ އެޑްވެންޗަރަސް މީހުން އަޅާ ދަބަހެކެވެ. އެމީހެއްގެ ފެޝަން ސްޓައިލް ގެއްލުވާނުލާ ފަސޭހައިން އުޅެލަން ބޭނުންވާ މީހުންނަށް މި ދަބަސް ކަމުދާއިރު، މިފަދަ މީހުންގެ ދަބަސް އެތެރެ ވަރަށް ތަރުތީބުވާނެ ކަމަށް ވެސް އޭނާ ބުނެ އެވެ.

ފޮރެސްޓް ބައުންޑްގެ ޓޯޓް ބޭގް އެއް

ޓޯޓް ބޭގްސް - އޮޕީނިއަނޭޓެޑް

އަގްރަވަލް ބުނާ ގޮތުން ޓޯޓް ބޭގްސްއަކީ ޚިޔާލުފާޅުކުރަން ދަންނަ އަޑުުހަރު، އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ އަންހެނުންގެ ދަބަހެކެވެ. އާންމުކޮށް ބިޒީ ޝެޑިއުލްއެއްގައި އުޅޭ އިރު، އެ ހުރިހާކަމެއްގައި ބޭނުންވާ ސާމާނުތައް ފަސޭހަކަމާ އެކު އަޅައިގެން އުޅެވޭ އިރު، އަމިއްލައަށް އިސްނަގައިން ކަންކަން ކުރާ ލީޑާރޝިޕް ރަނގަޅު މީހުންނަށް މި ދަބަސް ކަމުދާނެ އެވެ.

ކްރޮސް ބޮޑީ ބޭގްސް

ކްރޮސް ބޮޑީ - ފަންކްޝަނަލް

މިފަދަ ފަރާތްތަކަށް ގެއިން ބޭރަށް ނުކުންނަ އިރު ގެންދިއުން މުހިންމުވާނީ ހަމައެކަނި އެންމެ 'ނެސެސަރީ' ދެތިން އެއްޗެކެވެ. ވޮލެޓާއި ގޭގެ ތަޅުދަނޑި އާއި ފޯނެވެ. މިފަދަ ފަރާތްތަކަށް އެންމެ ކަމުދާނީ ކްރޮސް ބޮޑީ ދަބަހެކެވެ. މި ދަބަސް ގެންގުޅޭ މީހުން އާންމުކޮށް ބަލާނީ އެންމެ ރީތިކޮށް ހުރުމުގެ ބަދަލުގައި އެންމެ ޕްރެކްޓިކަލް ގޮތަކަށެވެ. މަދު އެއްޗެއް ގެންގުޅުމަކީ އުޅެލަން ފަސޭހަ ގޮތަކަށްވާ އިރު، މިފަދަ ދަބަހަކުން އެމީހެއްގެ އިމްޕްރެޝަން ގެއްލުވާނުލާ އަދި ހައްޓަށް ލުއިކޮށް އުޅެލެވޭނެ އެވެ.

ވޮލެޓެއް ހިފައިގެން ބޭރަށް ނުކުންނަ ނަމަ ތިއީ އައިޑިއަލިސްޓެއް

ވޮލެޓް - އައިޑިއަލިސްޓް

ބޭރަށް ނުކުންނަ އިރު، އަބަދުވެސް ކުޑަ ވޮލެޓަކުން ފުއްދާލާ ނަމަ ތިއީ އަބަދުވެސް ހުރިހާ ކަމެއް ވަރަށް ޕާފެކްޓްކޮށް ކުރަން ބޭނުންވާ މީހެކެވެ. އެމީހެއްގެ ހުންނަ ޕޮޒިޓިވްކަމާއި އަޕްބީޓް ވައިބްގެ ސަބަބުން އެކީގައި އުޅެލަން އެހެން މީހުން ވެސް ގަޔާވާއިރު، ކުއްލި ކަމެއް ދިމާވާ އިރު ފަހަރެއްގައި ތައްޔާރު ވެވިފައި ނުހުރެދާނެ ކަމަށް އަގަރްވާލް ބުނެ އެވެ.

ހާޑް ޝެލް ކްލަޗް އެއް

ހާޑް ޝެލް ކްލަޗް - އައުޓްގޮއިންގް

މިކަހަލަ ދަބަސްތައް މި ގެންގުޅެނީ ވަރަށް އައުޓް ގޮއިންގް މީހުންނެވެ. ގިނަގިނައިން ބޭރަށްގޮސް، ސޯޝަލްވެލާ، މީހުންނާއި އެކީގައި ގިނަވަގުތު ހޭދަކުރާ މީހުން ކަމަށް އަގަރްވާލް ބުނެ އެވެ. ބޯލްޑް އަދި ފެޝަނަބަލް ލުކްސްތަކާ އެކު މިފަދަ ދަބަސްތައް ވަރަށް ކަމުދާނެ އެވެ.

ކޮންމެއަކަސް، އެމީހަކު ގެންގުޅޭ ދަބަހަކުން އެމީހަކާ ބެހޭ ގޮތުން ލައްކަ ވާހަކައެއް އެބަކިޔާދޭތާ އެވެ. އެހެންކަމުން ދެންފަހަރަކުން ބޭރަށް ނުކުންނަ އިރު، އަޅާހެދުމާ އެއްވަރަށް އެ ދަބަހާ ގުޅޭ ގޮތަށް ތިޔަ ޚިޔާރުކުރާ ދަބަހާ ދޭތެރޭ ވެސް ވިސްނާލާށެވެ.

comment ކޮމެންޓް