އިއްބެގެ އާއިލާގެ ހަތަރު މަރާ އެކު ފުޓުބޯޅަ އާއިލާ ހިތާމައިގައި

އިބްރާހިމް ވަހީދު (އިއްބެ) ސާފް ޗެމްޕިއަންޝިޕުގެ ތަށްޓާ އެކު ---

ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ގެ އާއިލާގެ ހަތަރު މެންބަރެއްގެ ކުއްލި މަރާ އެކު މުޅި ފުޓުބޯޅަ އާއިލާ ވެސް އެކަމުގެ ފުން ހިތާމަ ފާޅުކޮށް ހަމްދަރުދީގެ ޕޯސްޓްތަކާއި އުދާސްތަކުން މުޅި ސޯޝަލް މީޑިއާ ފުރާލައިފި އެވެ.

މިއަދު ހެނދުނު 11:30 ހާއިރު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމަދޫ އަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި އިއްބެގެ އާއިލާގެ ހަތަރު މެންބަރުން ހިމެނެ އެވެ. މި ހާދިސާއާ ގުޅިގެން ސްރީ ލަންކާގައި މިވަގުތު ތަމްރީން ހަދަމުން އަންނަ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ވެސް ކެންސަލް ކޮށްފައިވާ އިރު، އިއްބެ މިވަގުތު ހުރީ އޭނާގެ އާއިލާއާ އެކު ރާއްޖޭގަ އެވެ.

ލަންކާގައި ގައުމީ ޓީމު ތިބީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް ދިއުމަށް ވިސާ ނެގުމަށެވެ. ޔޫއެސް ވިސާ ނަގަން ދިގު މުއްދަތެއް ނަގާތީ ގައުމީ ޓީމުގެ ތަމްރީންތައް ލަންކާގައި ކުރިއަށްގެންދަނީ އެވެ. ނަމަވެސް އިއްބެއަށް މި ލިބުނު ހިތާމައާ އެކު އޭނާ އެނބުރި ގައުމީ ޓީމާ ގުޅުމަށް މިވަގުތު އަނބުރާ ލަންކާއަށް ދިއުމާ މެދު ޝައްކެވެ.

މިހާދިސާގައި ނިޔާވެފައިވަނީ އިއްބެގެ ބޮޑުބޭބެ އާއި އޭނާގެ އާއިލާގެ 3 މެންބަރުންނެވެ. އިއްބެގެ ބޮޑުބޭބެގެ އާއިލާގެ މެމްބަރުންގެ މަރާ އެކު ކުރިމަތިވި ހިތާމަވެރި ހާދިސާގައި ބައިވެރިވެ ހިތާމަ ފާޅުކުރުމުގެ ގޮތުން ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހަމްދަރުދީ ފާޅު ކުރަމުން އެވެ.

"އިއްބެއާއި އިއްބެގެ އާއިލާއަށް މި ކުރިމަތިވި ހިތާމައިގައި މުޅި ފުޓުބޯޅަ އާއިލާގެ ނަމުގައި އެންމެ ފުންމިނުން ތައުޒިޔާ ރައްދު ކުރަން. އާއިލާއަށާއި ހެޔޮއެދޭ ފަރާތްތަކަށް ކެތްތެރިކަން ދެއްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރަން." އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.

"އިއްބެއަށް ކެތްތެރިކަން ދެއްވާށި." ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގުގެ ޓްވީޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފާއި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު އަދި އެފްއޭއެމްގެ އިސްވެރިންނާއި ގައުމީ ޓީމުގެ އެކި އެކި ކުޅުންތެރިން ވެސް ވަނީ އިއްބެގެ އާއިލާއަށް ކުރިމަތިި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މީސްމީޑިއާގައި ޕޯސްޓްތައް ޝެއާ ކޮށްފަ އެވެ.

comment ކޮމެންޓް