ދަތުރުވެރިން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަނުގެ ޒިންމާއެއް: ޓްރާސްޕޯޓް އޮތޯރިޓީ

ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދަތުރުވެރިން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަނުގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފިއެވެ.

މިއަދު ހެނދުނު ހދ. ނޯޅިވަރަންފަރުން ފުރައިގެން އެއަތޮޅު ހަނިމާދުއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އެ ލޯންޗުން ދަތުރުކުރި 10 މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ. ކޯސްޓް ގާޑުން ބުނެފައިވަނީ، ލޯންޗުން ދަތުރުކުރި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައި ނުވާ ކަމަށެވެ.

މިރޭ ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ބުނީ، އާދަޔާ ހިލާފަށް ވައި ބާރުވެ، މޫސް ގޯސް ދުވަސްތަކުގައި ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރުގައި ދަތުރުކުރުމަކީ، ނުރައްކާތެރި އަދި ހިތާމަވެރި ހާލަތްތައް މެދުވެރިވާނެ ކަމެއް ކަމަށެވެ. އެގޮތުން މޫސުން ގޯސްވެ، ކަނޑުގަދަވާ ދުވަސްތަކުގައި ދަތުރު ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

"[އެފަދަ] ހާލަތްތަކުގައި، މީހުން އުފުލާ އުޅަނދުފަހަރުގައި ދަތުރުކުރާއިރު، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ، ކެޕްޓަންގެ ޒިންމާއެއްކަން ހަދާންކޮށްދެން،" ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓްރާސްޕޯޓު އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

ކަނޑުދަތުކުރާ އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކާއި އުޅަނދުފަހަރުގެ ވެރިން އަދި އުޅަނދުފަހަރުގެ ކެޕްޓަން ދަތުރަށް ފެށުމުގެ ކުރިން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބަޔާނުގައި ސަމާލުކަން ދިނުމަށް ފާހަގަކޮށްފައިވާ ކަންތައް:

  • ފަސިނަޖަރުން އުޅަނދަށް އަރުވާފައިވަނީ އެކަށީގެންވާ މިންވަރަށްތޯ ޔަގީންކުރުން.
  • ލައިފް ޖެކެޓް އަޅުވަން ޖެހޭ ގޮތް ބުނެދީ، ފަސިންޖަރުން ލައިފްޖެކެޓް އެޅުވުން.
  • އުޅަނދުގައި ސަލާމަތީ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީން ކުރުން.
  • މުވާސަލާތީ އާލާތްތައް ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުން ކުރެވޭ ގޮތަށް އެ އާލާތްތައް ހުޅުވާފައި ހުރުން.
  • ދަތުރަށް ބޭނުންވާވަރަށް ތެލާއި، ހަކަތަ އަދި ފެން ހުރި ކަން ކަށަވަރު ކުރުން.
  • ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ބެލުން.
  • މުސުމާ ގުޅޭ މައުލޫމަތު ކަމާގުޅުން ހުރި ފަރާތްތަކުން ހޯދުމަށްފަހު، މޫސުމަށް ބަލައިގެން ދަތުރުކުރުން.
  • ފަސިންޖަރުން ތިބީ އެކަށީގެންވާ ރައްކާތެރިކަމެއްގައިކަން ކަށަވަރުކުރުން.
  • ފަސިންޖަރުންގެ މެނިފެސްޓް ބެލެހެއްޓުން.

މިއަދު ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މުއަސަސާގެ ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ އުތުރުގެ ސަރަހައްދުގެ މޫސުންގޯސްވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައި އޮއްވައި ދަތުރުކުރި އެ އުޅަނދުގެ ސަލާމަތީ ކަންތައް ފުރިހަމަވެފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ހާއްސަކޮށް ކުދި އުޅަނދުތަކުގައި ދަތުރުކުރާ އިރު މޫސުމަށް ބެލުމަށް ފަހު ނޫނީ ދަތުރުނުކުރުމަކީ ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެއް،" ކާނަލް ސަލީމް ވިދާޅުވީ ކިތަންމެ ކުރު ދަތުރެއް ނަމަވެސް ދަތުރުވެރިން ލައިފް ޖެކެޓް އަޅައިގެން ދަތުރުކުރުމަށެވެ.

ކަނޑުމަތީގެ ހިތަމަވެރި ހާދިސާއެއް މިއަދު ހިނގާފައިވާއިރު ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

https://sun.mv/123618

comment ކޮމެންޓް