ކޮޅިގަނޑެއްގައި މާލެ ފެންބޮޑުވެ، އިތުރު ގެއްލުންތަކެއް

މާލެއަށް ވެހުނު ބާރޭގައި އައިޖީއެމްއެޗް ސަރަހައްދު ފެންބޮޑުވެފައިވާ އިރު ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އެމްއެންޑީއެފް

މާލެއަށް މެދުނުކެނޑި ވާރޭވެހި މާލޭގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެ އެހެނިހެން ވެސް ގެއްލުންތައް ވެއްޖެ އެވެ.

ބޯ ވާރެއާ އެކު މޫސުން ގޯސްވީ ރޭ ދަންވަރު 1:30 އެހާކަންހާއިރު އައި ކޮޅިގަނޑެއްގަ އެވެ.

އެމްއެންޑީއެފްއިން ބުނީ ދަންވަރު ވެހެން ފެށި ވާރޭގެ ސަބަބުން މާލޭގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި އެ ފެންގަނޑު ހިންދުމުގެ މަސައްކަތް ޕަމްޕް ޖަހައިގެން ކުރަމުން އަންނަ ކަމަށް ވެސް ސިފައިން ބުންޏެވެ.

ކުރިއެކޭ ވެސް އެއްގޮތަށް މިފަހަރުވެސް އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ، އައިޖީއެމްއެޗް އާއި ގިޔާސުއްދީން ސްކޫލް ހިމެނޭ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގެ ގޭތަކާއި ފިހާރަތަކަށް ވެސް ފެން ނުވަންނަނާނެހެން ވަނީ ވެލިބަސްތާ ވެސް ޖަހައިފަ އެވެ. މީގެ އިތުރުން ވެސް އަމީނީ މަގާއި މަޖީދީ މަގުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވެ އެވެ.

ރޭ އައި ކޮޅިގަނޑުގައި ފަރީދީ މަގުގައި ހުރި ގެއެއްގެ ބެލްކަނި މަގު މައްޗަށް ވެއްޓިފައި: ކުރިއަށް މި އޮތީ މޫސުން ގޯސް ދުވަސްކޮޅެއް -- ފޮޓޯ/ އެމްވީ ކްރައިސިސް

ސިފައިން ގެންދަނީ އެ ސަރަހައްދުގައި އޮތް ފެންގަނޑު ހިންދުމުގެ މަސައްކަތް އަދިވެސް ކުރަމުން އެވެ.

ފެންބޮޑުވުމުގެ އިތުރަށް، ބާރު ވަޔާ އެކު އައި ކޮޅިގަނޑުގެ ސަބަބުން ފަރިދީ މަގުގައި ޑީބްލޫ މެރިން ފިހާރަ ހުންނަ ގޭގެ ބެލްކަނިން ބައެއް ކުދިކުދިވެ ވަނީ ރޭ ދަންވަރު މަގުމައްޗަށް ފައިބައިފަ އެވެ.

ބޯކޮށް ވާރޭވެހުމުގެ އިތުރަށް، މުޅި މާލެއިން ރޭ 4:00 އެހާކަންހާއިރު ވަނީ ކަރަންޓް ވެސް ކެނޑިފަ އެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ސްޓެލްކޯއިން ވަނީ ކަރަންޓް ދީފަ އެވެ.

މާލޭގެ ޓްރެކް ސަރަހައްދުގައި ފެންބޮޑުވެފައި: ސިފައިން ގެންދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ/ އެމްއެންޑީއެފް

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކުރާ ގޮތުގައި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ބައެއް ރަށްރަށަށް އުދަ އެރުވެސް އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މިއަދުގެ މޫސުން:

  • ވައި: ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލް. ވިލާގަނޑުގައި ގަޑިއަކު 40 މޭލު.
  • ކަނޑު: އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ.
  • ރާޅުގެ އުސްމިން: 5-3 ފޫޓް
  • އިހުސާސް ކުރެވޭ ފިނިހޫނުމިން: 29.8 ޑިގްރީ ސެލްސިއަސް

މިއަދަކީ ހުޅަނގު މޫސުމުގެ 11 ވަނަ ނަކަތް ކަމަށްވާ ފުރަ ނަކަތުން ހަވަނަ ދުވަހެވެ. ފުރަ ނަކަތުގައި ކޮންމެވެސް ވަރަކަށް ވާރޭ ވެހޭނެ އެވެ. އެހެން ނަމަވެސް މިއީ ވިއްސާރަ މޫސުން ނިމޭ ނަކަތެވެ. މި ނަކަތް ނިމޭނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.

comment ކޮމެންޓް