ގައުމީ ބޮޑީ ބިލްޑިންގް ޓީމަށް ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗެއް

ގައުމީ ބޮޑީބިލްޑިން ޓީން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

ރާއްޖޭގެެ ގައުމީ ބޮޑީ ބިލްޑިންގ ޓީމަށް ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗެއް މިއަދު ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ހަމަޖައްސައިފި އެވެ.

މިއަދު ޔޫތް މިނިސްޓްރީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޅިވަރާއި ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފާއި ބީބީއެމްގެ އިސްވެރިންގެ އިތުރުން ގައުމީ ބޮޑީބިލްޑިންގް ޓީމަށް އަލަށް ގެނައި އިންޑިއާގެ ކޯޗު އަނޫރާގް އަނިލްކުމާރް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ބައްދަލުވުމުގައި މަހްލޫފް ވަނީ ކޯޗް އަނޫރާގް އަށް މަރުހަބާ ދަންނަވާފައެވެ.

ގައުމީ ބޮޑީބިލްޑިން ޓީން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

އަނޫރާގް އަކީ އިންޑިއާގެ ފިޓްނެސް ޓްރެއިނަރެއްގެ މަގާމް ފާއިތުވި ފަސް އަހަރުގައި އަދާކޮށްފައިވާ ބޭފުޅެކެވެ. އޭނާ ރާއްޖޭގެ ބޮޑީ ބިލްޑިންގް ކޯޗަކަށް ގެންނަން ބީބީއެމުން ނިންމީ ދާދި ފަހުން ނޭޕާލުގެ ކަތަމަންޑޫގައި އޮތް ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެތުލީޓުން ތިން ރަން މެޑެއްޔާއި ދެ ލޯ މެޑަލް ހޯދުމާ ގުޅިގެން ބީބީއޭއެމްއާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ބޭއްވި ބައްދަލުވުމުގައި ވެވުނު އެއްބަސް ވުމެއްގެ ތެރެއިންނެވެ.

އެދުވަހު ބީބީއެމްއާއި މިނިސްޓަރާ ދެމެދު އެއްބަސްވެވުނު އެއް ކަމަކީ ގައުމީ ބޮޑީބިލްޑިން ޓީމަށް އިތުރު ކާމިޔާބީ ހޯދަން ބިދޭސީ ކޯޗެއް ހަމަޖެއްސުމެވެ.

"މިއީ އަޅުގަނޑުމެން މީގެ ކުރިން ވެދާނެކަމަށް ގަބޫލުކުރި ކަންތައްތަކެއް ވެސް ނޫން. ނިސްބަތުން ފުޓްބޯޅަ ކަހަލަ ކުޅިވަރާ އަޅާބަލާއިރު ކުދިކޮށް ފެންނަން ހުރި ކުޅިވަރުތަކަށް އަޅުގަނޑުމެން ވަރަށް އުފާވޭ މިހެން ކަންތައް ކޮށްދެވޭތީ" މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވި އެވެ.

ގައުމީ ބޮޑީބިލްޑިން ޓީން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

މަހްލޫފް ވިދާޅުވީ މިއީ ހަގީގަތުގައި ވެސް ތާރީހީ ދުވަހެއް ކަމަށެވެ. ސަބަބަކީ ބޮޑީބިލްޑިންގަށް ގެނެވުނު ކޯޗަކީ ގައުމީ ޓީމު އަނެއް ހަރުފަތަށް ގެންދިއުމުގެ ގާބިލުކަން ހުރި ކޯޗެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޯޗު އަނުރާގް ބުނީ އޭނާގެ ތަޖުރިބާގެ އަލީގައި ދުނިޔޭގެ ފެންވަރުގެ ރަނގަޅު އެތުލީޓުން ރާއްޖޭގައި ތަމްރީނުކުރަން ބޭނުންވާ ކަމަށެވެ.

"ރާއްޖޭގައި އެބަތިބި މިކަން ކުރެވިދާނެ އެތައް ޒުވާން ކުދިންނެއް. އަހަރެން ބޭނުންވަނީ އަހަރެންގެ އެހީތެރިކަމާ އެކު އެކުދިން ދުނިޔޭގެ އެއްވަނައަށް ގެންނަން. އެކަން އަހަރެން ކުރާނަން. އެއީ މިވަގުތު ވިސްނުމަކީ ވެސް. ކުރިއަށް ދާނީ ވެސް އެ އަޒުމުގައި." އޭނާ ބުންޏެވެ.

މީގެ އިތުރުން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނާއިބުރައީސް އަލީ ރިފާއު ވިދާޅުވީ ގައުމީ ޓީމަށް ރާއްޖެއިން ބޭރުގެ ކޯޗެއް ހަމަޖެއްސުމުން އެކަމުން ދޭހަވަނީ މި ސަރުކާރުން ވަކި ކުޅިވަރަކަށް ތަފާތު ނުކުރާކަނެކަން ކަމަށެވެ.

"ބައެއް މީހުން ހީކޮށްފާނެ ބޭރު ކޯޗެއް ލިބުނީމަ މިއީ ފަސޭހައެކޭ. އެކަމަކު ހަގީގަތަކީ މިއީ ހާސިލްކުރަންޖެހޭ ކަންތައްތަކަށް ލިބިގެންދިޔަ ބުރައެއް. އެއީ ރައްޔިތުން ސުވާލުކުރާނެ ކޮބާތޯ ތިމަންނަމެން ކުރި ހަރަދުގެ ބަދަލު. އެހެންވީމަ އަޅުގަނޑުމެން ކޮންމެ ފަހަރަކު ރާއްޖޭން ބޭރަށް ދަތުރެއް ކޮށްފައި އަންނައިރު ރިސިޓެއްގެ ބަދަލުގައި ގެންނަން ބޭނުންވަނީ މެޑަލް،" ރިފާއު ވިދާޅުވި އެވެ.

ގައުމީ ބޮޑީބިލްޑިން ޓީން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

އަދި ރާއްޖެއިން ބޭރު ކޯޗެއް ލިބުމާއެކު ކުރިއަށް އޮތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕަށް ކުރިމަތިލާނީ ތިން ރަން މެޑަލް ހޯދުމުގެ އަމާޒުގައި ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަހަރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވާނީ ރާއްޖޭގަ އެވެ. ޖުމްލަ 400 އެތުލީޓުންނާ އެކު މި މުބާރާތް ރާއްޖޭގައި ބާއްވާނީ މާލޭން ބޭރުގައި ކަމަށް މިނިސްޓަރު މަހްލޫފް ވަނީ މީގެ ކުރިން ބުނެފަ އެވެ.

comment ކޮމެންޓް