ޒަހަމްތަކަކާއި އެކު އައްޑޫ އިން ފެނުނު މީހާ އައިސީޔޫގައި، އިތުރު ފަރުވާއަށް މާލެއަށް

އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް: އައްޑޫ ސިޓީ މަރަދޫއިން ޒަހަމްތަކަކާއި އެކު ފެނުނު މީހަކު ވަނީ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޒަހަމްތަކަކާއި އެކު އައްޑޫ ސިޓީ މަރަދޫ ފުއްޓަރު ފަރާތުން އިއްޔެ ފެނުނު މީހާ އޮތީ އައިސީޔޫގައި ކަމަށާއި އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިން ބުނެފި އެވެ.

ފުލުހުން އިއްޔެ ބުނީ، ޒަހަމްތަކަކާ އެކު އޮތް މީހާ ފެނިފައި ވަނީ، އައްޑޫ މަރަދޫ ފުއްޓަރުފަރާތުން އިއްޔެ ހަވީރު 3:30 އެހާކަންހާއިރު ކަމަށެވެ. އަދި އެ މީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފުއްސާދާތު ވިދާޅުވީ، ޒަހަމްތަކަކާއި އެކު އިއްޔެ ގެނައި އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އިންޓާނަލް ބްލީޑިންއަކަށް ޝައްކު ކުރެވޭތީ އެ މީހާއަށް ފުރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އިތުރު ފާރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަން ޝަރަފް ފާހަގަ ކުރެއްވި އެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، ފެންނަ ފެނުމަށް އޭނާޔަަށް ބަޔަކު ވަނީ އަނިޔާކޮށްފަ އެވެ. އަދި އޭނާގެ ގައިގެ އެތަން މިތަނުން ޒަހަމްތައް ފެންނަން ހުއްޓެވެ.

މައްސަލައިގައި ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް