ކުރީގެ ހޯމް މިނިސްޓަރު އަޒްލީންއަށް ހަމަލާދީފި

ކުރީގެ ހޯމް މިނިސްޓަރު އަޒްލީން ޖޭޕީއަށް ސޮއިކުރުމަށް ރޭ ކުނޫޒްގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދުއަށް ރޭ މީހަކު ހަމަލާ ދީފި ކަމަށް އޭނާ ބުނެފި އެވެ.

އަޒްލީން ރޭ "ސަން" އަށް ވިދާޅުވީ އެ ހަމަލާ ދިނީ އޭނާ ދިރިއުޅުއްވާ ގޭގެ ދޮރުމަތީ ހުއްޓާ ގާތްގަނޑަކަށް ރޭ ދަންވަރު 12:20 އެހާކަން ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ ހަމަލާ ދިން މީހާ ދެފަހަރު އޭނާގެ ގައިގައި ޖެހި ކަމަށެވެ.

"ހަމަލާ ދިން މީހާ އަޅުގަނޑަށް ގޮވީ ވަގެކޭ. މިހާރު މަސައްކަތް ކުރަނީ ގާސިމްއާ ގުޅިގެން ބަގާވާތް ކުރަންށޭ. އެމްޑީޕީގެ އެކްޓިވިސްޓެއް ސީދާ ހަމަލާ ދިނީ އަޅުގަނޑަށް" އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ އޭނާ ސަލާމަތްކުރީ އެވަގުތު އެ ސަރަހައްދުން ދަތުރުކުރި ފުލުހުންގެ ވެހިކަލެއްގައި ތިބި ފުލުހުންތަކެއް ކަމަށެވެ

އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް އަޒްލީން ވިދާޅުވި އެވެ. އެ މައްސަލައިގައި ފުލުުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ކުރިން ޕީޕީއެމްގައި މަސައްކަތް ކުރެއްވި އަޒްލީން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީއަށް ވެސް ސޮއި ކުރައްވައިފަ އެވެ.

comment ކޮމެންޓް