ވަގަށް އެތެރެ ކުރި ކަމަށް ބެލެވޭ އުޅަނދުތަކެއް ހިފަހައްޓައިފި

ކަސްޓަމްސްއިން ހިފެހެއްޓި ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލުތަކެއް: 16 ސައިކަލު ހިފަހައްޓާފައިވޭ--

އޮޅުވާލައިގެނު ގަވައިދާ ހިލާފަށް އެތެރެ ކުރަން އުޅުނު ކަމަށް ބެލެވޭ އެއްގަމު އުޅަނދުތަކެއް ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިފެހެއްޓި މި އުޅަނދުތަކަކީ ލަކުޑި އެތެރެ ކުރަން ކަމަށް ބުނެ ގެނައި ދެ ކޮންޓެއިނަރެއްގައި ގެނައި އުޅަނދުތަކެއް ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި އުޅަނދުތައް ފެނިފައި ވަނީ ގަވައިދާ ހިލާފަށް އެ ތަކެތި އެތެރެ ކުރާ ކަމުގެ މައުލޫމާތު ލިބިގެން ކަސްޓަމްސްއާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެގޮތުން ތިން ކާރާއި، ދެ ޕިކަޕާއި، ދެ ވޭނާއި، 16 ސައިކަލު ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި އުޅަނދުތަކުގެ ކޯސްޓް އެންޑް ފްރައިޓް އަގު 586،000އަށް އަރައެވެ. އަދި މި އުޅަނދުތަކުން ޑިއުޓީގެ ގޮތުގައި 558،000 ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

comment ކޮމެންޓް