ސެފްރޯން - 3

އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

"ސެފްއަށް އެނގޭތަ؟ މަންމަމެން ސިއްރުން ދެއްކި ވާހަކައެއް މަށަށް އިވުނީ. އެންޖެލާގެ ގާތިލް ނޫނީ އެ ގަބީލާ މީހެއް ގަނޑުވަރުގެ ޖަލެއްގައި ހައްޔަރުކޮށްގެން މަންމަ އެބައުޅޭ. ސެފް ބަދަލުހިފަން ބޭނުންތަ؟ ސެފް ބޭނުމިއްޔާ އެ އިންސި ހުރިތަން ހޯދަދީފާނަން.........." މިރިއަމް ބުނެލިއެވެ.

"އިންސިއެކޯ. އަހަރެންގެ ޝައުގެއް ނެތް............."ސެފްރަން ލޯ ހަނިކޮށްލިއެވެ.

"ބަދަލު ހިފާކަށް ބޭނުމެއް ނުވޭތަ.." މިރިއަމް ހައިރާންވެފައި އެހިއެވެ.

"އޭނަގެ އާއިލާއިން ކުރި ކުށެއްގެ ބަދަލު ތިބުނާ އިންސީގެ ފަރާތުން ހޯދުން އިންސާފެއްތަ؟ މަށަކަށް ހިޔެއްނުވޭ..މަންމަމެންނަށް އިންސާފަކަށް ވަންޏާ ކުރިޔަދީ..............."

ދެމީހުން ވާހަކަ ދައްކަން ތިބެފައި އައިސްބާގުމަތިން އެރި އެއްގަމާއި ދިމާލަށް ހިނގައިގަތެވެ. ކަނޑުގެ ސަތަހައިގާ އައިސްބާގުތައް އެކިތަންތަނުގައި އުފުލިފައިވާއިރު އެމަންޒަރު ފެންނަ މީހަކު އާޝޯޚުކުރުވާނެއެވެ. މިޔޫކީ ފަހަތުން އައިސް ސެފްރަންގެ އަތުގައާ އެތަން މިތާ ބޯ ކާއްތާލާފައި ގައިގާ އުނގުޅިގަތެވެ. މާފަށް އެދޭފަދަ ގޮތަކަށެވެ. ސެފްރަންގެ ނުރުހުމުގެ ނަޒަރުގައި ކުލުނު ވިކަމީ ޔަގީންކަމެކެވެ. އޭނަ އަހުގެ ބޮލުގައި އަތް ޖައްސާ ދުރުކޮށްލާފައި ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ބޭރުފުށުން ހަރުކަށިކަން ދައްކައިގެން ހުއްޓަސް ހިތް މަޑުކަން މިރިއަމް ދަނެއެވެ. ސެފްރަން ހީކަރުވައިގެން ހުރި ވަރުން އަވަހަށް ގަނޑުވަރަށް ގޮސް ހޫނު އެއްޗެއް ބޯލަން މިރިއަމް ލަފާދިނެވެ. ދެމީހުން އެއްކޮށް ސެފްރަންގެ ގަނޑުވަރާއި ދިމާލަށް ދާން އޮންނަ މަގު ކަޑައްތުކޮށް ގުދު ލާފައިވާ ހަނިމަގުން ފަރުބަދަ މައްޗަށް އަރަން ފެށި ތަން ފެނުނީ އެގަނޑުވަރުގެ ބާލު ޚާނާގައި ހުރި ގަންދީޝާއަށެވެ. އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެ ދެލޯވެސް ދިއްލުނެވެ.

ސެފްރަންގެ އަންހެނުން އެންޖެލާގެ ކޮއްކޮ މިރިއަމް ސެފްރަންއާއިމެދު ދެކެނީ އޭނަގެ ބޭބެއެއް ހެންނެވެ. ފަހަރެއްގައިވެސް އޭނަގެ މަންމަމެންގެ ރޭވުމުގެ ހިލަމެއް ވެފައެއް ނެތެވެ. އޭނަގެ ހިތުގައި ސެފްރަންއަށްޓަކާ އިޝްގީ ލޯތްބެއް އުފެދިފައެއް ނެތެވެ.

***

އާރްޔާއަށް ސޯރާ ގެނެސްދިން ހެދުން ކޮތަޅު ފެނުމުން ހައިރާންކަމެއް ލިބުނެވެ. އެކޮތަޅުގައި ހުރީ އޭނަ ގޭގައި ލާ ފިނިމޫސުމްގެ ހެދުންތަކާއި ފަހުން ލިބިފައި ހުރި ސްކާފްތަކެވެ. ވީއިރު އޭނަ ހައްޔަރުކުރި ބަޔަކު އަދިވެސް އޭނަގެ ކޮޓަރިއަށްވަދެ އޭނަގެ ކްލޯޒެޓަށް އެބަ ވަދެވެއެވެ. ނޫނީ އޭނަ ކިޑްނެޕްކުރި މީހުން ބައްޕަމެން ލައްވާ ހެދުން ހޯދަން ބުނީބާވައެވެ. ސޯރާއާއި ސުވާލުކުރުމުން އެނގުނުކަމަކަށް ނުވިއެވެ.

"އައި މިސް... ޑޭޑް. މަންމައާއި މާމަވެސް....." އާރްޔާގެ އަޅި ދެލޯ ކުއްލިއަކަށް ފުރި ބަންޑުންވެގަތެވެ. ހިތްވަރުގަދަ ވިޔަސް ކެތްކުރެވޭނީ ވަކިވަރަކަށް ނޫންހެއްޔެވެ؟ މިތާ ހައްޔަރުވެ ތާޒާވައިކޮޅެއް އަދި އިރުގެ އަލިކަން ނުލިބި ހަފްތާތަކެއްވަނީއެވެ. ސަލާމަތްވެވޭނެ އެއްވެސް ގޮތެއްނެތެވެ. ހަމައެކަނި ދިރޭ ފުރާނައަކަށް މިފެންނަނީ ސޯރާއެވެ. ސޯރާއާއި އެކުވެރިކަން ބަދަހިކުރަން މަސައްކަތްކުރިޔަސް އޭނަގެ ފަރާތުން މިތަނާއި ބެހޭ މައުލޫމާތެއް ނުހޯދުނެވެ.

ސޯރާވެސް އަމިއްލަ ފުރާނަދެކެ ލޯބިވާނެއެވެ. އޭނަ އަށް އިންޒާރުކޮށްފައި އޮތިއްޔާ ހުންނާނީ ދޫ ހިމޭނުން ލައިގެންނެވެ.

ސޯރާ ޖަޒުބާތީވެފައި ބަލަން ހުރީ އެހީތެރިވެވޭނެ ގޮތެއް ނެތިފައެވެ. މައުސޫމް ކުޑަ ފުރާނައެއް މިތަނަށް ލައިގެން އުޅޭތީ މޮޅިވެރިވެފައެވެ. އެލޮލުން ފެނުނު ހަމްދަރުދީއާއި ކުލުނު އާރްޔާއަށްވެސް ނަގައިގަނެވުނެވެ. އެކަމަށް ހިތާހިތުން ސޯރާއަށް ޝުކުރުވެރިވިއެވެ.

"އާރްޔާ ފޯނު ގެނޭ. އަހަރެންގެ ލޯބިވެރިޔާ ގާތު ބުނެގެން މީތި ރަގަޅުކުރެވޭނެގޮތް ހަދާދޭނަން.............." ސޯރާ ބުނެލިއެވެ.

"ޗާޖުކޮށްދޭށޭ ބުނާނީ..."

"ޗާޖު؟" ސޯރާ ދެލޯ ބޮޑުކޮށްލިއެވެ. ޗާޖަކީ ކޯންޗެއްކަމެއްވެސް ސޯރާއަކަށް ނޭގުނެވެ.

އާރްޔާގެ ފިޔާތޮށިކުލަ އަރާފައިވާ ކޯތާފަތް ފޮހެލަމުން ބަލައިލިއެވެ. ސޯރާއަށް އިތުބާރުކޮށްފައި އޭނަގެ އަގުބޮޑު ފޯނު ދޫކޮށްލަންވީހެއްޔެވެ؟ ލޮކްކޯޑު ޖަހާފައި ހުރުމުން އޭގައި ހުރި އެއްޗެއް ބެލޭނެ ގޮތެއް ނުވާނެއެވެ. އެމީހުން އެހާވަރުން ބަލަން އުޅެންޏާ މަޖުބޫރުކޮށްގެން ލޮކްކޯޑުވެސް އަތުލެވިދާނެއެވެ. އާރްޔާ ބާލީސްދަށުގައި އޮތް ފޯނު ނަގާފައި ސޯރާގެ އަތަށް ލައްވާދިނެވެ.

"އެޓްލީސްޓް ސޯރާ މަސައްކަތްކުރަނީ ކޮންތާކުކަން ބުނެދީބަ....."

"ގަނޑުވަރުގެ ޚާދިމާއަކަށް...." ސޯރާ މަޑުމަޑުން ކިޔައިލިއެވެ.

"ކާކުގެ ގަނޑުވަރެއްތަ...."

"ރަސްގެފާނުގެ ދަނބިދަރިކަލުން ސެފްރަން. ރީތިކަން ހުސްކޮށްލައިގެން ހުރި ޒުވާން ކުއްޖެއް. އާރްޔާފަދައިން އޭނަވެސް ރީތި. މިތަނުން ތިހާ ރީތި އަލި މޫނުގެ މީހުންނެއް ނުފެނޭ..ހަމައެކަނި ރަސްކަމުގެ ކޮއިލުން ތިފަދަ މީހުން ފެންނަނީ.........." ސޯރާ އާރްޔާގެ މޫނަށް ބަލަން ހުރީ ތައުރީފުގެ ނަޒަރަކުންނެވެ.

"ޝުކުރިއްޔާ...އެކަމަކު ކީއްވެ ތިހެން ބުނީ؟ ސެފްރަންވެސް ދޮނީތަ؟ ނޫނީ އަޅި ލޮލެއް ހުންނަނީ؟..."އާރްޔާ ޝައުގުވެރިވިއެވެ.

"ނޫނޭ މިކުލައިގެ ލޮލެއް...." ސޯރާ އިނގިލި ޖައްސައިލީ އާރްޔާގެ ހެދުމުގައި ހުރި ކްރިމްސަންކުލަ ހުރި ބައިގައެވެ.

އާރްޔާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ޖަހައިލިއެވެ. ސެފްރަންގެ ލޮލުގައިވެސް ހުރީ އަލިފާނުގެ ކުލަކަމަށް ވެދާނެއެވެ. ރަތްކުލައާއި އޮރެންޖްކުލަ ވަކިކުރަން ސޯރާއަށް ނޭގެނީއެވެ. ކްރިމްސަން އަކީ ރަތުގެ ގަދަ ކުލައެކެވެ. އާރްޔާގެ ފެވެރިޓް ކުލައެކެވެ. އެ ކުލައިގެ ލޮލެއް ވެއްޖެއްޔާ ހާދަ ރީތިވާނެއެވެ. ސޯރާގައި "ސްޓުޕިޑް"ކަމެއް ހުންނަކަން އާރްޔާ ދަނެއެވެ. ވިސްނުން ކޮށީއެވެ. ނޫނީ ބަސް ދޭހަނުވަނީއެވެ. އާރްޔާގެ ތޫނުފިލިކަމުން އޭނަ ވަރަށް ފަސޭހައިން އެމީހުންގެ ބަހުރުވަ ދަސްކުރަމުންދިޔައެވެ. ސޯރާ ބުނިގޮތުން އެމީހުންގެ ބަހުރުވައަކީ ބެންތިކްއެވެ.

"އަހަންނަށް ގަނޑުވަރުގެ ޚާދިމާއަކަށް ނުވެވޭނެތަ؟ ބޮޑުމީހުން ކައިރީ ބުނެދެއްޗޭ. މިތާ ހުރެ ހުރެ ފޫހިވެއްޖެ. ޚާދިމާއަކަށް ހުއްޓަސް އެހެން މީހުންނަށް ފެނިއުޅެވޭނެ. މިވަރުން ދަންޏާ މޮޔަވެސް ވެދާނެ ހިތަށް އަރާ ބައްޕަމެން ހާދަ ދެރަވާނެއޭ........................" އާރްޔާގެ ލޮލަށް ކަރުނަ ނިރައިލިއެވެ.

ސޯރާ ބޯ ޖަހައިލިއެވެ.

***

ރާބިއާގައި ވަޒަންވެރިވެ އުޅުނު ޖިންނީންގެ ތެރޭގައި ހަ ގަބީލާއެއް ހިމެނުނެވެ. ޖިންނި، ޖާން، އިފްރީތު، މާރިދު، ޣޫލް އަދި ނެކްރަތާލްއެވެ. ޖިންނީން އުފެއްދެވުމަށްފަހު އަނދިރި ނުވަތަ އަލިކަން ޚިޔާރުކުރަން ޖެހުނެވެ. ޖާން ކިޔާ ޖިންނީން ތެދުމަގު ޚިޔާރުކުރިއެވެ. އެކަމުގެ ރުޅިއާއި ހަސަދައިގެ ސަބަބުން އިފްރީތުން ޣޫލުންނާއި ނެކްރަތާލް ގަބީލާ އެއްކޮށްލައިގެން މޫމިން ޖިންނިތަކާ އިންސާނުން ނައްތާލަން ހަގުރާމަފެށިއެވެ. އެކަމަށް ހުރަސްއެޅީ ކަނޑުގެ ވަޒަންވެރިންކަމަށްވާ މާރިދުންނެވެ. މާރިދުން އެދޭތެރެއަށްވަދެ ޖިންނިންނާއި އިންސިން ސަލާމަތްކޮށްދިނުމުގެ ސަބަބުން އިފްރީތުންނާއި މާރިދުންގެ ދޭތެރޭ ނަފްރަތާއި ރުޅިވެރިކަމުގެ ހުޅު ރޯވެ ދުޝްމަނުންނަށްވިއެވެ. އެކަމުގެ ސަބަބުން މާރިދުންގެ ނަސްލު އެއްކޮށް ދުނިޔެއިން ނެތިގެން ނުދިޔައީ ކިރިޔާއެވެ. މާރިދުންނަކީ އެންމެ ވަރުގަދަ އަދި އެންމެ ބޮޑާކަން ލިބިފައިވާ ކަނޑާއި އައްސޭރި ފަށުގެ އަހަލުވެރިންނެވެ. އާއްމުކޮށް އުޅުނީ ވަކިންނެވެ. ޚުސްރޫފަދަ ޝާހީ ޖިންނިން އެހެން ޕްލެނެޓެއްގައި އާބާދުވިއެވެ.


ޖަލްޖާލޫތުއަކީ ބެންތިކް ޖިންނީންގެ ގަބީލާއިން އައިސްފައިވާ ބާރުގަދަ ރަސްކަލެކެވެ. ޖަލްޖާލޫތުގެ ދުރުވިސްނޭކަމުން ޑޮމިނާރިއާގައި ވަޒަންވެރިވެގެން އުޅުނު މާރިދުންނަށް އެކުވެރިކަމުގެ އަތެއް ދިއްކޮށްލިއެވެ. އެއީ އެ ވޭލާ ޒަމާނުގައި އެޓްލާންޓިސް ކިޔާ ބާރުގަދަ ރަސްކަމެއްގެ ކައިރީގައި ކަނޑުގައި އޮތް ފުން ސަރަހައްދެކެވެ. އިންސާނުންގެ ލޯތަކަށް ފޮރުވިގެން އެ ރަށާއި ކަނޑު އަޑީގައި އެ ގަބީލާ ވަޒަންވެރިވެ އުޅޭތާ އަހަރުތަކެއް ފަހުން މާރިދުންނާއި ބެންތިކް ޖިންނީންގެ ދެމެދުގައި ހަގުރާމައެއް ފެށުނެވެ. އެތައް ފުރާނައެއް ގެއްލިދާނެތީ ޖަލްޖާލޫތު އޭނައަށް ތަބާވާ ޖިންނީންނާއި މާރިދުންނާއިގެން އާކްޓިކް ކަނޑުގެ އަޑިއަށް ހިޖުރަކުރިއެވެ.

ކަނޑުއަޑީގައި ޖަލްޖާލޫތުގެ ކޮންމެ ދަރިއަކަށް ވަކި ކިއްލާއެއް ބިނާކޮށްފައިވަނީ ރަސްގެފާނު ދިރިއުޅޭ ގަނޑުވަރާއި ކައިރިފަށުގައެވެ. ކޮންމެ ގަނޑުވަރަކަށް ޚާދިމުންނާއި ބާދީންނާއި ހަށިފާރަވެރިންގެ ފައުޖެއް އޭނަވަނީ ފޯރުކޮށްދީފައެވެ. ދަރިން އުޅެނީ އިއްޒަތުގައެވެ. ދަރިންނަށް އުފަލާއި ހިތްހަމަޖެހުން ހޯދަދޭން ޖަލްޖާލޫތަށް ވަންޏާ ފުރާނަވެސް ދީފާނެއެވެ.

އާކްޓިކް ކަނޑުނުވަތަ ނޯތު ޕޯލް ހިމެނޭ ސަރަހައްދު ގްރީންލޭންޑް ފަދަ ތަންތަނުން ވަށާލާފައިވެއެވެ. އާކްޓިކް ކަނޑަކީ ރީތިކަމާއި އަޖައިބުން ފުރިގެންވާ އެހެން ކަނޑުތަކާއި ޚިލާފުތަނެކެވެ. އެންމެ ތިލަ އަދި ފިނިގަދަ ކަނޑުވެސް މެއެވެ. ހޫނު މޫސުމްގައި ކޮންމެވެސް ވަރަކަށް ގަނޑުފެން ވިރުނަސް ފިނި މޫސުމްގައި އާއްމުކޮށް ކަނޑު އޮންނަނީ ގަނޑުފެން ފަށަލައިން ހިސާރުކޮށްފައެވެ. އެއީ ޕޯލާ ބެއާސްތަކުގެ މަކާނެވެ.

ފިނި މޫސުމްގެ ކުރީކޮޅެވެ. އާކްޓިކް ކަނޑުގެ އައްސޭރިފަށުގައިވާ ގަނޑުފެނުގެ ފަށަލަތައް އަނދިރިކަމުގެ ތެރެއިން ވިދައެވެ. މުޅި ސަރަހައްދުގައި ދުންފިނީގެ ފަރުދާއެކެވެ. ކަށިތައްވެސް ތޮރުފާލާފަދަ ގަދަ ފިނީގައި އެހިސާބުން އެދެމީހުން ފިޔަވާ އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ކިރިޔާވެސް އަލިކަމެއް ފެންނަނީ ފަރުބަދަމަތީގައިވާ ސެފްރަންގެ ގަނޑުވަރުގައި ދިއްލާފައިވާ ވޮށްތަކުންނެވެ.

ސެފްރަންއާއި އޭނަގެ ޅިޔަނު އަޒްކީލް ގަނޑުފެންމަތީގައި ހިނގަމުން ދިޔައިރު އަޒްކީލްގެ ފައި ބިންމަތީގައި ނުޖެހެއެވެ. ސެފްރަން މަސްޓަޑްކުލައިގެ ސްވެޓްޕޭންޓަކާއި ކަޅުޓީޝާޓަކާއިއެކު ބޭރުން ލައިގެން ހުރި ދިގު ލެދާ ކޯޓުން ކޮންމެވެސް ވަރަކަށް ފިނިން ރައްކާތެރިކޮށްދިނެވެ. ޖީބަށް ދެއަތް ޖަހާލައިގެން ސީދާވެލައިގެން ހުރިއިރު ހަތްފޫޓަށްވުރެވެސް އިސްކޮޅުން ދިގުކަމަށް ދައްކައެވެ. ކިތަންމެ ބިޔަވެފައި މޫނުމަތީގައި ފިރިހެންވަންތަކަން ހުއްޓަސް އޭނަގެ މިޒާޖުގައި ޅަކަމެއް ހުންނަނީ އުމުރުން ޅަވީމަކަން ނޭގެއެވެ. އަޒްކީލް ހުރީ މުޅިން ކަޅުކުލައިގެ އެއްޗެހީގައި ފޮރުވިގެންނެވެ. ފިނި ނުވިޔަސް އޭނަ ހެދުން އެޅުމުގައި ސިއްރުން ފުރިފައިވާ ގޮތެއް ހުރެއެވެ. އޭނަގެ ފެހިކުލައިގެ ކަޅި ފަނޑު އަލީގައި ވިދަމުންދާއިރު ތަރިތައް ފަދަ އަލިކަމެއް ހުއްޓެވެ.

"މިޔޫކީ ދެވަނަފަހަރަށޭ އަހަރެން ކަނޑަށް އެއްލައިލީ. ނުގެނބުނީ ހަމަ ކިރިޔާ. އަބަދުވެސް އަހަރެންގެ އަމުރަށް ކިޔަމަންވާ މަގޭ ޚާދިމެއް މިގޮތަށް ހަދާނީ ކޮންމެވެސް އެހެން ފަރާތަކުން އަންގައިގެން. އެ އަންގާ މީހަކަށްވެސް އަހަރެން ކަނޑުގެ އަޑިއަށް ނުދެވޭނެކަން އެނގޭނެ............"

"ސެފް ފެން ދެކެ ބިރުގަންނަނީ؟ " އަޒްކީލް އެހިއެވެ.

"ހެހެ......." ސެފްރަން ދަތްތައް ނުދައްކާ ހީލިއެވެ.

"އަހަރެމެންގެ ކަނޑުއަޑީގައިވާ ރަށް އެޓްލާންޓިސް އަށްވުރެ އެންމެ ތަންފުކެއްވެސް ދެރައެއް ނުވާނެ. ބިރު ކަނޑުވާލާފައި ބައްޕަގެ ކިއްލާދެކެލަން ފީނަން އުޅޭ. އަދި އެއް ވާހަކަ. ތިހިރީ މާރިދުން ރުޅިއަރުވާކަމެއް ކޮށްފައި އެކަމުގެ ޝަކުވާ ބައްޕަގެ ކަންފަތާއި ހަމަޔަށްވެސް ފޯރައިފި. ދެމާރިދުން ސެފްގެ ކަނޑީގެ ޝިކާރައަކަށްވެ ފަނާވެއްޖެ. އެކަމާއި ބައްޕަ ހުންނެވީ ފިކުރުބޮޑުވެފައި. ފިރިހެންދަރިއެއްފަދައިން ބަލާބޮޑުކުރި ދަރިއަކަށް އެކަމުގެ އަދަބުދޭކަށް ފަސޭހައެއް ނުވާނެ. އެކަމަކު ސެފް ކުށަކާ ނުލައި ބައްޕަގެ ރައްޔިތުންގެ ފުރާނަ ދުއްވައިލީ.............." އަޒްކީލްގެ ވާހަކައިން ސެފްރަން ފުން ނޭވައެއް ދޫކޮށްލިއެވެ.

"އެއީ އަލިފާނަށް އަޅުކަން ކުރާ ހުތުރު މާރިދުން. އެހާ ސިހުރުގެ ކަންތައްތަކުގައި ކުރީގައި އުޅުނީ...." ސެފްރަން ކުޑަކޮށް ކަޅި އަޅައިލިއެވެ.

"ހުރިހާ ދީނެއްގެ މީހުންނާއެކު ސުލްހައިގާ އުޅެން ބައްޕަ ލޯބިކުރައްވާ..."އަޒްކީލް ހަދާންކޮށްލަދިނެވެ.

"ނޭގޭ. އެކަހަލަ ޚަބަރެއް ގެނެސްދިނީމަ ބޭއިޚުތިޔާރުގައި ހަމަލާ ދެވުނީ"


"ސެފް. ރުޅި މަޑުކުރަން ދަސްކުރޭ. ސެފް ހަމަ ތަފާތު ދޯ. އިންސާނުންނާއި އެންމެ ގާތްކޮށް އެމީހުން ގޮތަށް ދިރިއުޅޭ ބަޔަކީ ސެފް ކަމުގައި ނޫނީ ނުވާނެ..އެ ނަސްލާއި ގުޅުމެއް އޮތީތަ. އަހަރެމެންނާއި އިންސިން ވަކިން އުޅެން އަންގަވާފައިވާ އިރުވެސް އެހެނެއް ނޫން އެކަން އޮތީ. ................" އަޒްކީލް ސެފްރަންއަށްވުރެ މާ ބޮޑުތަން ދިގުވެ ބިޔައެވެ. ފިޔަވަޅާއި ޖެހެންދެން ދިގުކޮށް އޮތް ކޯޓުގެ ބަޔަކުން އޭނަގެ މޫނު އެއްކޮށް ފޮރުވާލައިފިއެވެ.

"މަންމަ ބުނި ސެފް ހިތްމަރުވެފައޭ ހުރީ. އެބުނާހެން އަބަދަށްޓަކާ އެހިތާމައިގައެއް ނޫޅެވޭނެ ދޯ.. ސެފް މިއަދު ވަގުތެއްގައި އަހަރެން އެބަދަން ބައްދަލުކޮށްލަން............................." އަޒްކީލް ބުނެލިއެވެ. "އަހަރެންވެސް ލޯބިވާ ކޮއްކޮއެއް ވަކިވެ ދިޔައީ. އެކަމަކު......"

އަޒްކީލް ދުވަހަކުވެސް ޖަޒުބާތުތައް މޫނަކުން ފައުޅެއް ނުކުރާނެއެވެ. ހިތާމަކުރުމަކީ އޭނަ ދަންނަކަމެއް ނޫނެވެ. ނަމަވެސް އެތެރެހަށި އަނދަނީ އެކަމުގެ ބަދަލުހިފުމަށެވެ. އޭނަގެ އަތްދަށުވެފައިވާ އިންސިކުއްޖާއާއި ދޭތެރޭ ކަންތައް ކުރާނެގޮތާއިމެދު އޭނަ ވަނީ ވިސްނާފައެވެ.


***


ސެފްރަންގެ ނޫ ގަނޑުވަރު ހުރީ އެފަރަބަދައިގެ އެންމެ އުހުގައެވެ. އުޑުގައި ހިނގާ ވިލާތައްވެސް ހުޅުވާލާފައިވާ ދޮރުތަކުން ވަދެގެން ދާއިރު ފިނިކަން ގަދަވެފައި ދުންފިނިހިފާލާފައި އޮވެއެވެ. އަނެއްފަރާތުގައި އޮތް ވާދީގައި ހެދިފައިވާ ވިނަތަކާއި މޮސްތަކުގައި ކުލަކުލައިގެ މާތައް ފޮޅިފައިވާއިރު ބަލައިލަން ހިތްގައިމެވެ. އެ ދިމާލުން ތިރިއަށް ފައިބާއިރު އޮންނަނީ ކަނޑެވެ. އައިސްބާގްތަކެވެ. އެ ރަށުގެ އަނެއް ފަޅީގައި އޮތީ ހިތްގައިމު ގަނޑުފެނުގެ ވާދީއެއްފަދަ އާކްޓިކް ކަނޑެވެ. މޫސުމްގެ ގޮތުން ކަނޑު އޮތީ ގާތްގަނޑަކަށްހެން ގަނޑުވެފައެވެ. ޕޯލާ ބެއާތައް އޭގެ ދަރިންނާއެކު ޝިކާރަކުރަން ގަނޑުފެންމަތީ އުޅޭތަން ފެނުމަކީ އާއްމުކަމެކެވެ.

އަޒްކީލްއާއި ސެފްރަން ގަނޑުވަރުގެ ބާލްޚާނާގައި ތިބެ ކެއުމަށް އިންސާފުކުރިއެވެ. އެއަށްފަހު ކޮފީ ހިފައިގެން ދެމީހުން އެގަނޑުވަރުގެ ހޯލެއްފަދަ ތަނަކަށްގޮސް ބާލީސްތަކުގައި އިށީދެ ހަމަޖެހިލިއެވެ. ރީިތި ޅަ ޖާރިޔާއިންތައް ބަޑިލައްވަމުން ނަލަކޮށް ނަށާއިރު ސެފްރަންއަކަށް އެއީ ބަލައިލަން ހިތްހަމަޖެހޭ މަންޒަރަކަށް ނުވިއެވެ. އަޒިކީލް އިނީ މަޖާވެފައެވެ.

"މި ކޮފީ ވަރަށް މީރު. ސެފް ހަމަ އިންސާނަކަށްވާން މަސައްކަތްކުރަނީ..........." އަޒިކީލް ސެފްރަންގެ މޫނުގައި ހިފާ އޭނައާއި ދިމާލަށް އަނބުރުވައިލިއެވެ.

"އަހަންނަށް އިންސާނުން ތައްޔާރުކުރާ ކޮފީގެ ރަހަ ވަރަށް މީރު އޭގެ މާނައަކީ އިންސާނަކަށް ވުމެއް ނޫން......" ސެފްރަން ދިގު އެސްފިޔަތައް ތިރިކޮށްލިއެވެ.

"ސެފްގެ ބައްޕަ އިންސާނުންގެ ދުނިޔެއަށް ނުފޮނުވީ ހަމައެކަނި ފުރާނައަށް ގެއްލުމެއް ވެދާނެތީއެއް ނޫންކަން މަށަށް އެނގިއްޖެ. އިންސާނުންނާއި އިންސާނުންގެ ކެއުމާއި ބުއިމާއި ވައްޓަފާޅިއަށްވެސް ލޯބިކޮށްފާނެތީކަން ޔަގީން.........." އަޒްކީލް ހިނިގަނޑެއް ޖަހައިލިއެވެ.

"އިންސާނުންގެ ދުނިޔެއޭ ނުކިޔަބަލަ. މިއީ ވަކި ދުނިޔެއެއްނޫން. ބައްޕަ ބުނުއްވާގޮތުން މިސަރަހައްދުގައި މަދުން ނަމަވެސް އިންިސިން އެބައުޅޭ. ކައިރީގައި މިއޮތީނު ގްރީންލޭންޑާއި އައިސްލޭންޑް. އެމީހުންގެ ލޮލަށް އަހަރެމެން ނިވާވެގެން ވިޔަސް މިއީ އަހަރެމެންގެވެސް ދުނިޔެ........."ސެފްރަން އަޒިކީލްގެ ކުށް ރަގަޅުކޮށްލަދިނެވެ.

"އެކަން އެނގޭ. ކޮންމެ ކަމެއްގެ ލަފުޒީ މާނައެއް ނޫން ނަގާނީ. އެމީހުން ދިރިއުޅޭ ސަރަހައްދަށް ވަނަސް އަހަރެމެން ބުނަނީ އިންސާނުންގެ ދުނިޔެއަށް ދިޔައީއޭ އަހަރެމެން މިއުޅެނީ ވަކިރަށެއްގެ ވަކި ސަރަހައްދެއްގައި. އިންސީންނާއި ވަކިން. އަހަރެމެންގެ މިރަށް އެމީހުންނަށް ޣައިބުވެފައިވާނީ. މިހިސާބަކަށް ނާދެވޭނެ....." އަޒްކީލް ޖާރިޔާއަކަށް ގޮވާލާފައި އެދުނީ ކޮފީ ގެނެސްދިނުމަށެވެ. އިރުކޮޅެއްނުވެ ޖާރިޔާއަކު ދޮލަގެއް ހިފައިގެން ގެނެސް ކުރިމަތީ ބެހެއްޓިއެވެ. ހޫނުކަމުން އާވިއަރައަރާހުރި ކޮފީއާއި ކުލަކުލައިގެ މަކަރުންއެވެ. އެތެރެއަށް ވަންނަމުން ދިޔަ ވިލާކޮޅުތައް ސެފްރަންއާއި އަޒްކީލްގެ ހަށިގަނޑުގާ ބީހިލުމުގެ ޝަރަފު ލިބިގަތެވެ.

"ސެފް. ތިއީ ހަމައެކަނި މަގޭ ޅިޔަނެއް ނޫން. އަހަރެންގެ ގާތް އެކުވެރިޔާ. މަ ބުނިކަމެއް ކޮށްފާނަންތަ؟ " އަޒްކީލް އެހިއެވެ.

(ނުނިމޭ...)

https://sun.mv/123322

comment ކޮމެންޓް