ރާހުލް ގާންދީ ކަޝްމީރަށް ވަޑައިގަތުމުން އަނބުރާ ފޮނުވާލައިފި

ކޮންގްރެސްގެ ކުރީގެ ރައީސް ރާހުލް ގާންދީ ސްރީނަގަރަށް ވަޑައިގަންނަވަނީ -- ފޮޓޯ: ޓުވިޓާ

ސްރީނަގަރު (އޮގަސްޓް 25): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިއަށް ކޮންގްރެސް ޕާޓީގެ ކުރީގެ ރައީސް ރާހުލް ގާންދީ އާއި އެހެން ބައެއް އިދިކޮޅު ޕާޓީތަކުގެ ލީޑަރުން އިއްޔެ ވަޑައިގެންނެވުމުން އެޑެލިގޭޝަން އަނބުރާ ފޮނުވާލައިފި އެވެ.

ރާހުލް ގާންދީ އާއި އިތުރު 11 ލީޑަރުން ހިމެނޭ ޑެލިގޭޝަނެއް އިއްޔެ ޖައްމޫ އެންޑް ކަޝްމީރުގެ ސްރީނަގަރު އެއާޕޯޓުން ފޮނުވާލީ، އެސަރަހައްދުގެ ހާލަތު ބެލުމަށް އެމީހުން ދިޔުމުންނެވެ. އަދި ސްރީނަގަރު އެއާޕޯޓުގައި ނަގާފައިވާ ވީޑިއޯއަކުން ގާންދީ އެއާޕޯޓުގެ އޮފިޝަލުންނާ ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ.

ގާންދީ ވިދާޅުވި ގޮތުގައި އޭނާ ސްރީނަގަރަށް ވަޑައިގެންނެވީ ކަޝްމީރުގެ ގަވަރުނަރު ސަތުޔާ ޕަލް މާލިކްގެ ދައުވަތަކަށެވެ.

"އަޅުގަނޑަށް ދައުވަތު އެރުވީ ގަވަރުނަރު. އަދި މިހާރު އަޅުގަނޑު [ސްރީނަގަރަށް] އައުމުން ތިވިދާޅުވަނީ މިތަނަށް ނާދެވޭނެ ކަމަށް. ސަރުކާރުން ބުނާ ގޮތުގައި ކަޝްމީރުގައި ހުރިހާ ކަމެއްވެސް ރަނގަޅު އަދި މިހާރު އޮތީ އާއްމު ހާލަތަށް ރުޖޫއަވެފައި. އެހެންވީމާ ކީއްވެތޯ އަޅުގަނޑުމެންނަށް [އެއާޕޯޓުން ބޭރަށް] ނުދެވެނީ؟" ގާންދީ ސުވާލު ކުރެއްވި އެވެ.

އަދި ގާންދީ އާއި އެހެން ލީޑަރުންނަށް ކަޝްމީރުގެ ހާލަތު ބަލާ، ރައްޔިތުންނާ ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން އެޑެލިގޭޝަން ވަނީ އަނބުރާ ދިއްލީއަށް ގޮސްފަ އެވެ. ގާންދީ ވިދާޅުވި ގޮތުގައި ކަޝްމީރުގެ އޮފިޝަލުންގެ އަމަލުތަކުން އެނގިގެންދަނީ އެ ސަރަހައްދުގެ ހާލަތު އަދި ވެސް ހަމަޔަކަށް އެޅިފައި ނުވާ ކަމެވެ.

ރާހުލް ގާންދީ ސްރީނަގަރަށް ވަޑައިގަތުމަށް ގަވަރުނަރު މާލިކް ދައުވަތު އެރުވީ މިމަހުގެ 11ގަ އެވެ. އެއީ ކަޝްމީރުގައި ހަމަނުޖެހުންތައް ހިނގައި، މީހުން މަރަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށް ގާންދީ ޓުވީޓު ކުރެއްވުމުންނެވެ. އަދި ގާންދީ އެދައުވަތު ގަބޫލު ކުރެއްވީ އެހެން އިދިކޮޅު ލީޑަރުންނާ އެކު ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް އޭގެ ފަހުން ގަވަރުނަރު މާލިކު ވަނީ ގާންދީ "އެއީ ސިޔާސީ ކަމަކަށް ހަދައި، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާ" ކަމަށް ވިދާޅުވެ، ދައުވަތު އަނބުރާ ގެންދަވާފަ އެވެ.

މި މަހުގެ ފަހެއްގައި އިންޑިއާ އިން ވަނީ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައި އެސަރަހައްދުގައި ސިފައިން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފަ އެވެ. އަދި ކަޝްމީރުގެ ގިނަ އަދަދެއްގެ ލީޑަރުން ގޭ ބަންދުގައި ބައިތިއްބައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ޗީފް މިނިސްޓަރުން ކަމަށްވާ މެހެބޫބާ މުފްތީ އާއި އުމަރު އަބްދުﷲ ހިމެނެ އެވެ.

މީގެ އިތުރުން އިންޑިއާއިން ވަނީ ކަޝްމީރަކީ މައި ސަރުކާރުގެ ސީދާ ބާރު ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލަން ނިންމައިފަ އެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އާއި ލަޑާކް އެވެ.

comment ކޮމެންޓް