އާ އިދާރާތަކަށް ސަޕްލިމެންޓްރީ ބަޖެޓްގައި 18.7 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު --- ސަން ފައިލް ފޮޓޯ

އާ ގާނޫނުތަކުގެ ދަށުން އުފައްދާފައިވާ އިދާރާތަކަށް ސަޕްލިމެންޓްރީ ބަޖެޓްގައި 18.7 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ސަޕްލިމެންޓްރީ ބަޖެޓުގައި ބުނެފައި ވަނީ އަހަރުގެ ތެރޭގައި ހަރަދުތައް އިތުރުވެފައިވާ ގޮތަށް ބަލާއިރު، ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމަށް ކުރެވުނު ބައެއް ހަރަދުތަކާއި އަލަށް އުފެދުނު ގާނޫނުތަކާ ގުޅިގެން ދައުލަތުން ކުރުމަށް ލާޒިމްކުރާ އިތުރު ހަރަދުތައް ހިމެނޭ ކަމަށެވެ.

އެހެންކަމުން ބަޖެޓު ސަޕްލިމެންޓް ކުރާއިރު، އަލަށް އުފެދުނު ގާނޫނުތަކުން އުފެދިފައިވާ އިދާރާތަކަށް ހިނގާނެ ކަމަށް ލަފާކުރެވޭ 18.7 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރޭގައި ބާ ކައުންސިލް އާއި މޯލްޑިވްސް ނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީއިން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުވައި މިއަދު ތަޅުމަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓްގައިވާ ގޮތުން ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަނީ، މިއަހަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ 30.2 ބިލިއަން ރުފިޔާއަށް ވުރެ ހަރަދުތައް އިތުރުވާނެތީ އެވެ. ސަރުކާރުން އިތުރަށް ހަރަދު ކުރަން ހުށަހެޅީ 1.7 ބިލިއަން ރުފިޔާ އެވެ.

މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 32 ބިލިއަން ރުފިޔާއަށް އިތުރުވެ، ބަޖެޓް ޑެފިސިޓް 4.9 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

މިހާތަނަށް މިއަހަރުގެ ބަޖެޓުން 15.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އާމްދަނީގެ ގޮތުގައި ވަނީ 14.5 ބިލިއަން ރުފިޔާ ލިބިފަ އެވެ.

comment ކޮމެންޓް