ޔަމަންގެ ހޫތީން ސައޫދީ އަސްކަރީ އެއާބޭސްއަކަށް ހަމަލާ ދީފި

ކިންގް ޚާލިދު ވައިގެ ބޭސް

ސަންޢާ (އޮކްޓޯބަރު 24): ސައުދީ އަރަބިއްޔާގެ ދެކުނުގެ ޚަމީސް މަޝީތުގައި ހުންނަ "ކިންގް ޚާލިދު އެއާބޭސް"އަށް ބުރާސްފަތި ދުވަހު ދެ ފަހަރެއްގެ މަތިން ވައިގެ ހަމަލާތަކެއް ދީފިކަމަށް ހޫތީ ޖަމާއަތުން ބުނެފިއެވެ.

ހޫތީންގެ ތަރުޖަމާން ޔަހްޔާ ސަރީއު ބުނީ މި ދެ ހަމަލާވެސް ދިނީ ޑްރޯން ބޭނުންކޮށްގެން ކަމަށާ ފުރަތަމަ ހަމަލާދިނީ އެ އެއާބޭސްގެ އަސްކަރީ ކޮމިއުނިކޭޝަން ސިސްޓަމަށް ކަމުގައެވެ.

ދެވަނަ ހަމަލާ އަމާޒުކުރީ އެބޭހުގައިވާ ފިއުލް ޓޭންކްތަކަށް ކަމުގައެވެ. މިދެ ހަމަލާވެސް އޭގެ އަމާޒަށް ވާސިލްވި ކަމަށާ އެކަމުގެ ސަބަބުން އެތަނުގައި ގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބުނު ކަމަށްވެސް ހޫތީން ބުނެފައިވެއެވެ. ނަމަވެސް ސައޫދީންވަނީ މިކަން ދޮގުކޮށްފައެވެ.

ސައޫދީ އިސްކޮށް އޮވެގެން ޔަމަންގައި ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރާ އަރަބި ކޯލިޝަންގައި ހިމެނޭ ސައޫދީ ތަރުޖަމާނު ސްޓާފް ކާނަލް ތުރުކީ އަލްމާލިކީ ވިދާޅުވީ ހޫތީން ކިންގް ޚާލިދް އެއާބޭސްއަށް ހަމަލާދޭން ފޮނުވި ޑްރޯންތައް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓާލާފައިވާނެ ކަމުގައެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ހޫތީން ވަނީ ސައޫދީ ދެކުނުގެ ސިޓީއެއްކަމަށްވާ ޖަޒާންގައިވާ ސައޫދީ އަސްކަރީ މަރުކަޒަކަށް އިއްޔެ ބަލިސްޓިކް މިސައިލުން ދިން ހަމަލާއެއްގައި ސައޫދީ ސިފައިންގެ ބައެއް މީހުން މަރުވެ އަނެއްބައި މީހުން ޒަޚަމްވި ކަމަށްވެސް ބުނެފައެވެ. ޖަޒާންއަށް ދިން ހަމަލާއާބެހޭގޮތުން ސައޫދީ ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެއެވެ.

(އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު