އިންޓަނެޓް އަގުހެޔޮކުރުން: މަލީހް ވިދާޅުވަނީ އުފާވެރި ހަބަރުގެ ވަގުތު ކައިރިވެއްޖެ ކަމަށް

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް: އިންޓަނެޓްގެ އަގުހެޔޮ ކުރުމުގެ މަޝްވަރާތައް ނިމުނު ފަހުން ދެމަހެއްހާ ދުވަސް ވެއްޖެ ކަމަށާއި އުފާވެރި ޚަބަރުގެ ވަގުތު ކައިރި ވެއްޖެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

އިންޓަނެޓްގެ އަގުހެޔޮ ކުރުމުގެ މަޝްވަރާތައް ނިމުނު ފަހުން ދެމަހެއްހާ ދުވަސް ވެއްޖެ ކަމަށާއި އުފާވެރި ޚަބަރުގެ ވަގުތު ކައިރި ވެއްޖެ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ، ޔުނިވާސިޓީން ތައުލީމް ހާސިލް ކުރި ދަރިވަރަކު އޭނާ އިންޓަނެޓަށް ދައްކަން ޖެހުނު ފައިސާގެ އަދަދު ބޮޑުވެގެން އެކަމުގެ ޝަކުވާ ކޮށް ކުރި ޓްވީޓްއަކާ ގުޅިގެން އެ އަށް ރިޕްލައި ކުރައްވަމުންނެވެ.

އެގޮތުން އޭނާ ބުނެފައިވަނީ ޔުނިވަސިޓީ ތައުލީމްގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި އެވްރެޖް ކޮށް މަހަކު ހާހެއްހާ ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އެއީ ސައިކަލެއް ގަނެވޭހާ ފައިސާ ކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެއްވައި މަލީހް ވިދާޅުވީ، ފާޅު ކުރެއްވި ޝުއޫރަށް މަރުހަބާ ދަންނަވާ ކަމަށާއި ދަރިވަރުންނަށް އަތްފޯރާ ފަށުގައި އިންޓަނެޓް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަގު ހެޔޮކުރުމުގެ މަޝްވަރާ ނިމުނުތާ ދެމަހެއްހާ ދުވަސްވެއްޖެ. ސަރުކާރުން އަދިވެސް ރަނގަޅުކުރެވޭތޯ ކުރާ މަސައްކަތް މިހާރު ކުރިޔަށް ދަނީ. އުފާވެރި ޚަބަރުގެ ވަގުތު ކައިރިވެއްޖެ،" މަލީހް ވިދާޅުވި އެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިތާ އަށް މަސް ވެފައިވާއިރު، އަދިވެސް އިންޓަނެޓްގެ އަގު ހެޔޮ ނުވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުން ލަސްވަނީ އަގުތައް ހެޔޮ ކުރަން ޓެކްނޮލިޖީ މިނިސްޓްރީން އަދިވެސް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަނާޅާތީ ކަމަށް ރައީސް ސޯލިހް ވަނީ މީގެ މަހެއް ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް