ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މ.ސީނާ، ޑރ.އަޒްމިރަލްދާ ޒާހިރު އަދި މ.ކޮކާހަނދުވަރު، އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް މިއަދު އެދިވަޑައިގެންފި އެވެ.
ޑރ.އަޒްމިރަލްދާ އަކީ ހައިކޯޓްގެ ކުރީގެ ފަނޑިޔާރުކަން ކުރެއްވި ބޭކަނބަލެކެވެ. އަދި ޝުޖޫން އަކީ ކުރިން ސިވިލް ކޯޓްގެ ގާޒީކަން ކުރެއްވި ބޭކަނބަލެކެވެ. އަދި އޭނާ އަކީ މިހާރު ބާ ކައުންސިލްގެ މެންބަރެއް ވެސް މެ އެވެ.
ރައީސް އިބްރާޙިމް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ އެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް އެދުނީ ގާނޫނު އަސާސީގެ 148ވަނަ މާއްދާގެ ހ ގެ ދަށުން ކަމަށެވެ.
އެ މާއްދާގައި ބުނަނީ، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީގެ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ.
މިދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖޭއެސްސީގެ ލަފަޔަކަށް ރައީސް މި އެދިވަޑައިގަތީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިން ވެސް އޮތް ގޮތަށް ހަތަކަށް އިތުރުކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކުރުމުން އެވެ.
މިއީ، ރާއްޖޭގެ އެންމެ މަތީ ކޯޓް ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަން ކުރާ ފުރަތަމަ ފަހަރެވެ. މިހާރު އެކޯޓްގެ ފަނޑިޔާރު ކަމުގައި ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އެވެ.