ފަހަތަށް ޖެއްސިފައިވާ ގިނަ ދާއިރާތަކުން މި ދައުރުގައި އަންހެނުން ފައިހަމަކުރާނެ: މިނިސްޓަރު

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް -- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ނިމިގެން ދިޔަ އަހަރުތަކުގައި ފަހަތަށް ޖެއްސިފައިވާ ގިނަ ދާއިރާތަކުން މި ދައުރުގައި އަންހެނުން ފައިހަމަކުރާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ އެފަދައިން ވިދާޅުވީ އަންހެނުން ބާރުވެރިކުރުމާ ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ވާހަކަތަކަށް ތާއިދުކުރައްވައި ކުރެއްވު ޓުވީޓެއްގައެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމުގެ ގޮތުން ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ %33 އަންހެނުންނަށް ހާއްސަކުރުމަށް ނިންމާފައިވާ ކަމަށެވެ.

ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ ސިޔާސަތުތައް ނެގެހެއްޓުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށް ޝިދާތާ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގައި ހޮވުނު 87 މެމްބަރުންގެ ތެރެއިން އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ކާމިޔާބުކުރުމުންވެސް ޝިދާތާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޝިދާތާ މީގެ ކުރިން ވަނީ އަންހެނުންނަށް 20 ޕަސަންޓުގެ ކޯޓާއެއް މަޖިލީހުން ހާއްސަކުރުމަށް ވެސް ގޮވާލައްވައިފައެވެ. ނަމަވެސް އެކަމާމެދު ހިޔާލުތަފާތުވެ ޕާޓީތަކުން އެކަމަށް އިޖާބަ ނުދިންކަންވެސް މިނިސްޓަރު ވަނޫ ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް