ޔުނިސެފްގެ އެމްބެސެޑަރުކަމުން ޕްރިޔަންކާ ވަކިކުރަން ޕާކިސްތާނުން އެދެފި

ޕްރިޔަންކާ ޔުނިސެފްގެ އެމްސެޑަރު ކަމުން ވަކިކުރުމަށް ޕާކިސްތާނުން ވަނީ އެދިފަ -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (އޮގަސްޓް 22): އިންޑިއާގެ ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުކަމުން ވަކިކުރަން ޕާކިސްތާނުން ރަސްމީކޮށް އެދިއްޖެއެވެ.

ޔުނިސެފްގައި ޑިރެކްޓަރ ޖެނެރަލް ހެންރިއެޓާ ފޯރޭއަށް ޕާކިސްތާނުގެ އިންސާނީ ހައްގުތަކާ ބެހޭ މިނިސްޓަރު ޝީރީން މަޒާރީ ފޮނުއްވި ސިޓީއެއްގައިވާ ގޮތުން ޕްރިޔަންކާ ދަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ވަތަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ނިއުކްލިއާ ހަނގުރާމައަށްވެސް ފާޅުގައި ތާއިދުކުރަމުންނެވެ.

އެހެންކަމުން އޭނާ މަގާމުން ދުރުނުކޮށްފިނަމަ އެއީ "އެމްބެސެޑާ ފޯ ޕީސް"ގެ މަގާމަށް ކުރެވޭ މަލާމާތެއް ކަމަށް މަޒާރީގެ ސިޓީގައި ވެއެވެ.

"ކަޝްމީރާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން ނެރެފައިވާ ގަރާރުތަކާއި ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ހިލާފަށް މޯދީގެ ސަރުކާރުން ކުރާ އަމަލުތަކަށާއި ނިއުކްލިއާ ހަނގުރާމައަކަށް ޕްރިޔަންކާ ތާއިދުކުރުމަކީ އދ.ގައި އޭނާ އައްޔަންކޮށްފައިވާ މަގާމުގެ އިތުބާރު ގެއްލޭ ކަމެއް،" މަޒާރީގެ ސިޓީގައި ވެއެވެ.

ޕްރިޔަންކާ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުކަމަށް އައްޔަނު ކުރީ 2016 ވަނަ އަހަރެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު އޭނާ އިންޑިއާގެ އަސްކަރިއްޔާއަށް ތާއިދުކޮށް ކުރި ޓުވީޓަކާ ގުޅިގެން އޭނާއަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

އެއީ ފެބްރުއަރީ 26ގައި އިންޑިއާ އަސްކަރިއްޔާގެ ޖެޓުތަކެއް ކަޝްމީރުގައި ޕާކިސްތާނުން ވެރިކަން ކުރާ ފަޅިއަށް ހަމަލާތަކެއް ދިން ފަހުން ޕްރިޔަންކާ ކުރީ ޓުވީޓެކެވެ.

އެ ފާޑު ކިޔުންތަކަށް ރައްދު ދެމުން ޕްރިޔަންކާ ވަނީ އޭނާ ހަނގުރާމައަކަށް ތާއިދު ނުކުރާ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާއަކީ އިންޑިއާ މީހެއް ކަމަށާއި ގައުމު ދެކެ ލޯބިވާ މީހެއް ކަމަށް ބުނެފައެވެ.

comment ކޮމެންޓް