ހއ. ކެލަޔަށް ޒިޔާރަތް ކުރާ ކޮންމެ މީހެއްގެ ލޮލުގައިވެސް އެ މަންޒަރު އަޅައިނުގަނެ ނުދެ އެވެ. ކެލާގެ ތުނޑިމަތިންނާއި އެ ރަށުގެ ބަނދަރުގެ އިރުމަތިން ފެންނަ މަންޒަރަކީ ރާއްޖޭގެ އެހެން ރަށަކުން އަދި ފެނިފައިވާ މަންޒަރެއް ނޫނެވެ. ރަށުގެ ފަޅުތެރޭގައި ދަނޑިން ހަދާފައި ހުންނަ އަށިތަކުގެ ބޭނުމަކީ ކޮބައިތޯ އެރަށް ޒިޔާރަތްކުރާ ގިނަ ބަޔަކު އަބަދުހެންމެ ސުވާލު ކުރެ އެވެ.

އެ އަށީގެ އަސްލު "މަންޒަރު" ގިނަ ބަޔަކަށް ފެންނަނީ ހަމައެކަނި ހުޅަނގު މޫސުމުގަ އެވެ. ހުޅަނގު މޫސުމުގައި އެރަށުގެ ފަޅު ގަދަ ކަނޑަށްވެސް ދޫނުކުރެ އެވެ. އެ ފަޅު ހަމަ އެހާމެ ގަދައީ އެވެ. އެ ގަދަ ފަޅުގައި ދޯނިތައް ނިކުމެ ހެދުމަކީވެސް އެހާމެ ދަތި އުނދަގޫ ކަމެކެވެ. ކެލާގެ މަސްވެރިންގެ ހިތްގައިމު މަންޒަރު އެ އަށިތަކުން ފެންނަނީ މިދުވަސްވަރު އެވެ.

ކެލާގައި ފަޅުތެރެއަށް ޖަހާފައިވާ ކަނިތަކެއް--- ފޮޓޯ: އައިލެންޑް އޮފް ބިއުޓީ ކެލާ/ ފޭސްބުކް
ރާއްޖޭގެ އެހެނިހެން މަސްވެރިންނާ ހިލާފަށް ކެލާގެ ބައެއް މަސްވެރިން މިސްރާބު ޖަހަނީ އެމީހުން ކިޔާގޮތުންނަމަ ކަނި މަސްވެރިކަމާ ދިމާއަށެވެ. އަވައްޓެރި ސްރީލަންކާއާއި އިންޑިއާގެ ކޮޗިން ފަދަ ހިސާބުތަކުން ފެންނަ މި މަސްވެރިކަމަށް ސްޓިލްޓް ފިޝިންއޭވެސް ކިޔައި އުޅެއެވެ.
"މީ ހަމަ ކާބަފައިންގެ ޒަމާނުއްސުރެވެސް ކޮށްއުޅޭ ކަމެއް. އަޅުގަނޑުމެންނަށްވެސް ނޭނގޭ ކޮން އިރަކުކަމެއް މިކަން ފެށުނީކީ. އެެހެން އެއްވެސް ރަށެއްގައި ކަނި މަސްވެރިންކަން ކުރަނިކޮށް އަދި ނުދެކެން." ކެލާގައި ކަނިމަސްވެރިކަން ކޮށްއުޅޭ މުހައްމަދު ވަހީދު ބުންޏެވެ.
ތާރީހީ ބައެއް ލިޔުންތަކުން އެނގޭގޮތުގައި ކަނި މަސްވެރިކަމަކީ އެހާ ދުވަސްވީ ވައްތަރެއްގެ މަސްވެރިކަމެއް ނޫނެެވެ. އެފަދަ ލިޔުންތަކުގައި ބުނާގޮތުން އެކަން ފެށިފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެވެ. ކެލާއަށްވެސް ކަނި މަސްވެރިކަން ތައާރަފްވީ އޭގެ ފަހުން ކަމަށް ބެލެވިދާނެ އެވެ.
ކޮޗިން އަދި ސްރީލަންކާގައި ކަނި މަސްވެރިކަމުގައި ކަނިތައް ޖަހާފައި ހުންނަ ގޮތާ ކެލާގެ ކަނިތައްވެސް ތަފާތެވެެ. މި ސަރަހައްދުގެ ގައުމުތަކުގައި ކަނިތައް އެއް ދަނޑިގަނޑަކުން ހަދާ ޖަހާފައި ހުއްޓަސް ކެލާގައި ކަނިތައް ޖަހާފައި ހުންނަނީ ދުނބުރި ގަހާއި އުނި ގަހުގެ އޮފިތައް ބޭނުންކޮށްގެން ތަފާތު ގޮތަކަށެވެ. އެކަނިތައް ވައްތަރީ އަށިގަނޑުތަކަކާ އެވެ.

ކެލާގައި ފަޅުތެރެއަށް ޖަހާފައިވާ ކަނިތަކެއް--- ފޮޓޯ: އައިލެންޑް އޮފް ބިއުޓީ ކެލާ/ ފޭސްބުކް
ދުނބުރި ގަހުގައިވެސް އުނި ގަހުގަވެސް މައި ގަހުގަ ވަށައިގެން ކަނިތަކެއް ހުންނާނެ. އެކަނިތަކުގެ މަތީގައި އަޅުގަނޑުމެން އަތިރިމަތީގައި ނުވަތަ ގޭދޮށުގައި އަށިގަނޑޭ މިކިޔާ ގޮތަށް ރީތިކޮށް ހުންނާނެ ދަނޑިން ރޯނުން ގަތާފަ. އެ އަށިގަނޑު މަތީގަ ހަމަ ރީތިކޮށް އިނދެގެން މަސްވެރިކަން ކުރާނީ" ވަހީދު
" އެހެން ނަމަވެސް އިންޑިއާ ލަންކާގައި އަޅުގަނޑަށް ފެނިފައި ހުރިގޮތުން އެއް ގަހުގަ ދަނޑިބުރިއެއް ޖަހާފަ ދަނޑިބުރި މަތީގައި ދެފައި ލާފައި އިނދެގެން މި މަސްވެރިކަން ކުރަނީ ވަރަށް އުނދަގޫ ގޮތެއް އެއީ. މިގޮތަށް މަސްވެރިކަން ކުރަން އެހާ ފަސޭހައެއް ނުވާނެ. ރާއްޖޭގައި ހަދާފައި އިން ގޮތް ފަސޭހަވާނީ. ރީތިކޮށް ގޮނޑިއެއްގައި އިށީނުމެކޭ އެއްގޮތްވާނެ،"
މި މަސްވެރިކަމުން ތަފާތު ބާވަތްތަކުގެ މަސްތައް ކެލާގެ މަސްވެރިން ބާނަ އެވެ. އެގޮތުން އެންމެ އާންމުކޮށް ބާނާ އުޅެނީ މީމަހާއި އަދި އުނިއަ ކަމަށް ވަހީދު ބުންޏެވެ. އަދި ބައެއް ފަހަރު ފިލޮޅާއި ހަނދިވެސް ބާނާ ހަދަ އެވެ. އެ މަސްތައް ބޭނުމަށްފަހު މަސްތައް އަޅަނީ ދާގަނޑަކަށެވެ. މި ދާގަނޑަކީވެސް ރާއްޖޭގެ އެހެން ރަށްރަށުން ނުފެންނަ ވައްތަރެއްގެ ދާގަނޑުތަކެކެވެ.

ކެލާގައި ފަޅުތެރެއަށް ޖަހާފައިވާ ކަނިތަކެއް--- ފޮޓޯ: އައިލެންޑް އޮފް ބިއުޓީ ކެލާ/ ފޭސްބުކް
" ދާގަނޑު ހަދާފައި މިހުންނަނީ ނައިލޯންވާ ބޭނުންކޮށްގެން. ގަތާފަ ޖޫސްޕެޓީ ކޮތަޅުގަ ލައްވާލަން މި ހުންނަހެން މައްޗަށް އެމުނި ލައްވާފަ ވާންކޮށްލުމާއެކު ދާގަނޑުގެ މަތި އެއްކޮށް ބަންދުވާ ކަހަލަ ގޮތަކަށ. ގާތް ގަނޑަކަށް ދާގަނޑުގެ ދިގުމިން ގަތާފަ ހުންނައިރު ދެ ފޫޓު ނުވަތަ ދޮޅު ފޫޓުވެސް ހުރޭ." ވަހީދު ކިޔައިދިނެވެ.
ކަނީގެ މަސްވެރިކަން ކޮށްގެން ކެލާގެ ބައެއް މަސްވެރިންނަށް ފުދޭ ވަރެއްގެ ރަނގަޅު އާމްދަނީއެއްވެސް ނަގަ އެވެ. މިދިޔަ ރޯދަ މަހު އެކަނިވެސް ކަނީގެ މަސްވެރިކަން ކޮށްގެން ބޭނި އުނިއަ ވިއްކައިގެން 5000 އެއްހާ ރުފިޔާ ލިބުނުކަމަށް މަސްވެރިޔަކު ބުންޏެވެ. އެއީވެސް ހަމައެކަނި އިރު އޮއްސޭއިރާއި އިރު އަރާއިރު ކަނި މަސްވެރިކަންކޮށްގެންނެެވެ.
ކެލާގެ ކަނި މަސްވެރިކަމުގެ ހިތްގައިމު ރީތި މަންޒަރުތައް މިހާރު ވަނީ އެރަށް ފަހަނަ އަޅައި މުޅި ރާއްޖޭގެ ސަމާލުކަމަށް އައިސްފަ އެވެ. ސޯޝަލް މީޑިއާގައި ކަނި މަސްވެރިކަމުގެ ފޮޓޯތައް ވައިރަލްވެފައިވާއިރު ގިނަ ބަޔަކަށް ކަނި މަސްވެރިކަން ގައިމުވެސް ވަރަށް ބޮޑަށް ކަމުގޮސްފި އެވެ.

ކެލާގައި ފަޅުތެރެއަށް ޖަހާފައިވާ ކަނިތަކެއް--- ފޮޓޯ: އައިލެންޑް އޮފް ބިއުޓީ ކެލާ/ ފޭސްބުކް
މިއީ ކެލާގެ ތަފާތު ސަގާފަތެކެވެ. މިއީވެސް ރާއްޖޭގެ މުއްސަނދި ސަގާފަތުގެ ތަފާތު މަންޒަރެކެވެ. މިއީ އެތައް ގޮތަކުން ހުނަރުވެރިންތަކެކެވެ. މިއީ ރާއްޖެއިން މަދުން ނޫނީ ނުފެންނަ ތަފާތު ޒާތެއްގެ މަސްވެރިކަމެކެވެ.
comment މަގޭ / މަތިއުތުރު
6 year 7 month ago
ޒަމާންވީ އެއްޗެތި ތަކެއް އެކަމަކު މިހާރު ބޭނުން ނުކުރާކަމުގެ ހެއްކަކީ އެއްވެސް ފޮޓޯއެއްގަ މީހަކު ނެތްކަން.
reply އައިޝާ
6 year 7 month ago
މެންދުރ ގަދަ ހޫނު އަވީގަ ނުކުރާނެ ބްރޯ.. ހަވީރާ އިރު އަޜާއިރޯ ދޯ އެބުނީ...
reply ކާމްޑައުން
6 year 7 month ago
ކީކޭ ބުނާނީ. އަދި އެއްފަހަރު ކަވާ ފޮޓޯއަށް ބަލާލަބަލަ. ކަނިތައް މަތީގަ އެތިބީ މީހުންނޫންތަ ނޫނީ ޖިންނިތަ؟
reply ކެލާ
6 year 7 month ago
އެންމެ ފުރަތަމަ އިން ތަސްވީރު ބައްލަވާލައްވާ..