ސުޕްރީމް ކޯޓް ފަނޑިޔާރުންނާ ގުޅޭ "ބޮޑު ރިޕޯޓެއް" މަޖިލީހަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން (ކ-ވ) އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފު، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނު އަސާސީއާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ބަޔާންކޮށް އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ފާސްކޮށް މަޖިލީހަށް ފޮނުވާފައިވާ އެ ރިޕޯޓުގައި، ގާނޫނު އަސާސީއާ ޚިލާފަށް އެ ކޯޓުގެ ފަނޑިޔާރުން ކޮށްފައިވާ 20 އަށް ވުރެ ގިނަ މައްސަލަ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން އެ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހާއި އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން އެކަން ދިރާސާކުރުމަށް އެކުލަވާލެވުނު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ކޮމިޓީން ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު، އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް މީގެކުރިން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް