އިންޑޮނޭޝިއާގެ ޖަލަކުން ފިލި 250 ގައިދީން ހޯދަނީ

ވެސްޓް ޕަޕުއާގައި ކުރިއަށްދާ މުޒާހަރާތަކުގައި ބަޔަކު ވަނީ ޖަލެއްގައި ރޯކޮށްލާފަ -- ފޮޓޯ: އޭއެފްޕީ

ޖަކާޓާ (އޮގަސްޓް 21): އިންޑޮނޭޝިއާގެ ވެސްޓް ޕަޕުއާ ޕްރޮވިންސުގައި ހުންނަ ޖަލަކުން ފިލި 250 ގައިދީން ހޯދުމުގެ މަސައްކަތް އެގައުމުން ފަށައިފި އެވެ.

ވެސްޓް ޕަޕުއާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ސޮރޮންގުގައި ހުންނަ ޖަލަކުން ގައިދީން ފިލީ އެޕްރޮވިންސުގައި މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ޖަލުގައި ރޯކޮށްލުމުންނެވެ. އެހާދިސާގައި ޖަލުގައި ތިބި ބައެއް މުވައްޒަފުންނަށް އަނިޔާވި ކަމަށް ޖަސްޓިސް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

"އެޖަލުގެ 258 ގައިދީން ވަނީ ފިލާފަ. އޭގެ ތެރެއިން ޖަލަށް އެނބުރި އައީ އެންމެ ފަސް ގައިދީން،" ތަރުޖަމާނު ވިދާޅުވި އެވެ.

ވެސްޓް ޕަޕުއާގައި މިދިޔަ ހޯމަ ދުވަހު ބޮޑެތި މުޒާހަރާތައް ފެށުނީ ޖާވާގައި ކިޔަވަމުން ދިޔަ އެޕްރޮވިންސުގެ ދަރިވަރުންތަކެއް ހައްޔަރު ކުރި މައްސަލައިގަ އެވެ.

އެމައްސަލަ ފެށުނީ އެދަރިވަރުން އިންޑޮނޭޝިއާގެ ދިދައިގެ ހުރުމަތް ކެނޑި ކަމަށް ބަޔަކު ތުހުމަތު ކުރުމުންނެވެ. އަދި އޭގެ ސަބަބުން އެދަރިވަރުން ދިރިއުޅެމުން ދިޔަ އިމާރާތް ކައިރިއަށް މިދިޔަ ހޮނިހިރު ދުވަހު ބަޔަކު އެއްވެ ނުރުހުން ފާޅު ކުރަން ފެށުމުންނެވެ.

އިންޑޮނޭޝިއާގެ ފުލުހުން ބުނި ގޮތުގައި އޭރު އެދަރިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުންގެ ރައްކަލަށެވެ. އަދި ހަމަ އެދުވަހު އެދަރިވަރުން ވަނީ ދޫކޮށްލާފަ އެވެ.

ނަމަވެސް އެމައްސަލައިގައި ޕަޕުއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށް މުޒާހަރާތައް ފެށި އެވެ. އަދި އެމުޒާހަރާތަކުގައި ހަމަނުޖެހުން އުފެދި އިމާރާތްތަކުގައި ރޯކޮށްފައިވެ އެވެ. އޭގެ ސަބަބުން އިންޑޮނޭޝިއާ ސަރުކާރުން ވަނީ އެޕްރޮވިންސަށް އިތުރު ސިފައިން ފޮނުވާފަ އެވެ.

ނެދަލޭންޑްސްގެ އިސްތިއުމާރުގެ ދަށުގައި 1960ގެ އަހަރުތަކުގައި އޮތުމަށް ފަހު، ވެސްޓް ޕަޕުއާ އިންޑޮނޭޝިއާގެ ސަރަހައްދަކަށްވީ 1969ގައި ބޭއްވި ވޯޓަކަށް ފަހުގަ އެވެ. އެވޯޓުގައި ބައިވެރިވި 1،000 ވަރަކަށް މީހުން ތާއިދު ކުރީ ވެސްޓް ޕަޕުއާ މިނިވަންވުމުގެ ބަދަލުގައި އިންޑޮނޭޝިއާގެ ބަޔަކަށް ވުމަށެވެ.

ނަމަވެސް އެވޯޓަށް ފަހު ވެސްޓް ޕަޕުއާގެ ގިނަ އަދަދެއްގެ މީހުން ވަނީ އެއީ އިންސާފުވެރިކޮށް ބޭއްވި ވޯޓެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެސަރަހައްދުގެ މިނިވަން ކަމަށް ގޮވާލާ ހަރަކާތްތައް އޭރުން ފެށިގެން ދަނީ ކުރިއަށްގެންދަމުންނެވެ.

ވެސްޓް ޕަޕުއާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައިވެސް ގިނަ އަދަދެއްގެ މީހުން ދަނީ އެސަރަހައްދުގެ މިނިވަންކަމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް