ހާބަރުން ފުޑްކޯޓް ތަކެއް ކުއްޔަށް ދެނީ

ހާބަރު ފުޑްކޯޓެއްގައި ބަޔަކު ހިދުމަތް ހޯދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހާބަރު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ފުޑް ކޯޓުތަކުގެ ތެރެއިން މިހާރު ހިދުމަތް ނުދޭ ތިން ޔުނިޓެއް ކުއްޔށް ދޭން ނިންމަައި، ބިޑަށް ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނީ މިހާރު ހުސްކޮށް ހުރި ތިން ފުޑްކޯޓަށް ބިޑް ކުރުމުގެ ފުރުސަތު މިމަހުގެ 28ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އިއްޒުއްދީން މަގާ ވީ ފަޅިން ޔުނިޓް ނަންބަރު 26 އާއި ޔުނިޓް ނަންބަރު 22 އަދި އަމީނީމަގާ ވީ ފަޅިން ޔުނިޓް ނަންބަރު 10 އެވެ.

މީގެ ތެރެއިން އިއްޒުއްދީން މަގާ ވީ ފަޅިން ޔުނިޓް ނަންބަރު 26 ވަނަ ފުޑް ކޯޓަކީ 960 އަކަފޫޓްގެ ޖާގައިގެ ތަނެކެވެ. ޔުނިޓް ނަންބަރު 22 އަކީ 1660 އަކަފޫޑްގެ ޖާގައިގެ ތަނެކެވެ. އަދި އަމީނީ މަގާވީ ފަޅިން ޔުނިޓް ނަންބަރު 10 އަކީ 960 އަކަފޫޓްގެ ސަރަހައްދެކެވެ.

ފުޑްކޯޓު ތައް ކުއްޔަށް ދޭން ނިންމާފައިވަނީ ބޭސް ރޭޓް، އަކަފޫޓެއް 53 ރުފިޔާގެ މަގުންނެވެ. އެސްޓީއޯ އިން ބުނީ ޕްރޮޕޯޒަލް ހުށަހަޅާއިރު، އަގު ހުށަހަޅަންވާނީ އަކަފޫޓަކަށް އެންމެ ކުޑަ ރޭޓު 53 ރުފިޔާ ނުވަތަ އެއަށްވާ ޑޮލަރުގެ ރޭޓުން ކަމަށެވެ.

ކޮންމެ ފަރާތަކަށްވެސް ބިޑް ކުރެވޭނީ ގިނަވެގެން ދެ ޔުނިޓަށް ކަމަށާއި ބިޑް ކާމިޔާބު ކުރާތާ ހަތް ދުވަސް ތެރޭ އެކަން އެންގުމުން ތިން މަހުގެ ސެކިޔުރިޓީ ދައްކަން ވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ފުޑް ކޯޓުތައް ކުއްޔަށް ނަގާ ފަރާތްތަކަށް، އެތަނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެސްޓީއޯގެ ހުއްދަ ލިބިގެން ކަމަށާއި ފުޑްކޯޓުތަކުގައު ބޭނުންކުރާނެ ގޮނޑި މޭޒު ފަދަ ތަކެތި ދޭނީ އެސްޓީއޯ އިން ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. އަދި ހަލާކުވާ ގިނޑިމޭޒު ފަދަ ތަކެތި ބަދަކު ކުރުމަށް ކުއްޔަށް ނަގާ ފަރާތުން ދައްކާ ސެކިޔުރިޓީ ފައިސާ ބޭނުން ކުރާނެ ކަމަށްވެސް އެ އިއުލާނުގައި ބުންޏެވެ.

comment ކޮމެންޓް