ބިލްތައް ނިންމަން އާދިއްތަ، ބުރާސްފަތީގައި މަޖިލީހުގެ ޖަލްސާ ބާއްވަނީ

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: މިރޭގެ އިތުރުން ކުރިއަށް އޮތް ބުރާސްފަތި އަދި އާދިއްތަ ދުވަހު ވެސް މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައި -- ފައިލް ފޮޓޯ، މަޖިލިސް

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލްތައް ނިންމުމަށް މިރޭގެ އިތުރުން ކުރިއަށް އޮތް ބުރާސްފަތި އަދި އާދިއްތަ ދުވަހު ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ނިންމައިފި އެވެ.

ބޮޑު އީދު ބަންދަށް ފަހު މިއަދު ޖަލްސާތައް ފަށާފައިވާއިރު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާ ތެރޭ މިހާރު ހުށަހެޅިފައި ހުރި ބިލްތައް ނިންމަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހަ ބިލް ވެސް ކުރިއަށް މި އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާ އެ ހަ ބިލް ތަސްދީގް ކުރުމަށް ފޮނުވޭ މިންވަރަށް އަޅުގަނޑުމެނަށް މަސައްކަތް ކުރިއަށް ގެންދިޔުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން މަސްވެރިކަމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ބިލަކީ މި ދައުރުގައި ކުރާނެ އެންމެ ބޮޑު މަސައްކަތްކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ، އެ މަސައްކަތް އަވަސް ކުރުމަށް މިރޭ ވެސް ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މިރޭގެ އިތުރުން ކުރިއަށް އޮތް ބުރާސްފަތި ދުވަހާއި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ވެސް ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ޖަލްސާތައް ބާއްވަން ޖެހެނީ ހޯމަ އަންގާރަ އަދި ބުދަ ދުވަހު އެވެ. ނަމަވެސް އިތުރު ޖަލްސާތައް ބޭއްވުމުގެ ބާރު މަޖިލީހުގެ ރައީސްއަށް އޮވެ އެވެ.

އީދު ބަންދަށް މަޖިލިސް މެދު ކަނޑާލުމުގެ ކުރިން ވެސް ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ވަނީ ރޭގަނޑު ބައެއް ޖަލްސާތައް ބާއްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް