ބްރެޒިލް މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ލޯން އުސޫލުން ޖަރުމަނުގެ ބަޔާން މިއުނިކަށް ދޫކޮށްލަން ސްޕެއިނުގެ ބާސެލޯނާ އިން އެއްބަސްވި އެއްބަސްވުމަކީ ޕީއެސްޖީގެ ތަރި ނޭމާ ގެންނަން ހުސްކުރި ޖާގައެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކޮށްފި އެވެ.
ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ބާސެލޯނާ ބަލިވި މެޗުގެ ސްކޮޑުގައި ވެސް ކުޓީނިއޯ ހިމަނާފައިނުވާއިރު އެ ކްލަބުގެ ޑިރެކްޓަރު ހުއިލެމް އަމޯރް ވަނީ އެ މެޗަށް ފަހު އޭނާ ބަޔާނަށް ބަދަލުވާނެކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ކުލަބުގެ ރެކޯޑް އަގަކަށް ގެނެސް އެންމެ ދެ ސީޒަންގެ ތެރޭގައި ލޯނަށް ކުޓީނިއޯ ފޮނުވާލަން ނިންމީ އެކުލަބަށް ކުރިން ކުޅުނު ނޭމާ އެނބުރި ގެނައުމަށް ޖާގަ ހުސްކުރުމަށް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ވޭތުވެ ދިޔަ ސީޒަނުގައި ކުޓީނިއޯގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ބާސެލޯނާގައި އޭނާ އަށް ދެއްކިފައި ނުވި ނަމަވެސް ބްރެޒިލްގެ ގައުމީ ޓީމާ އެކު އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުޓުބޯޅަ ދިރާސާ ބައެއް އެނަލިސްޓުން ބުނާ ގޮތުގައި ކުޓީނިއޯއަށް ބާސެލޯނާގައި ކުޅެން އުނދަގޫ ވަނީ އޭނާގެ ޕޮސިޝަންގެ ގޮތުންނެވެ. ބާސާގައި ކުޓީނިއޯ ގިނައި ކުޅެން ޖެހެނީ ކުރިއަށެވެ. ނަމަވެސް ބްރެޒިލްގައި އޭނާ ބޮޑަށް ކުޅެނީ މެދުތެރެއަށެވެ.
ކުޓީނިއޯ ބަޔާނަށް ދިއުމުގެ އެއްބަސްވުމުގައިވާ ގޮތުން، ބަޔާންއިން ބޭނުންވެއްޖެ ނަމަ އޭނާގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ކުޓީނިއޯގެ ފެންވަރު ބަޔާންގައި އޭނާ ސާބިތު ކޮށްދީފި ނަމަ އޭނާ ލައްވައި ދާއިމީ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބަޔާންގެ ވެރިން ބޭނުންވެ އެވެ.
މީގެ އިތުރުން ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް އަނިޔާގެ އެކި އެކި ސަބަބުތަކާ ގުޅިގެން އެންމެ އެދެވޭ ކުޅުމެއް ޕީއެސްޖީގައި ދެއްކިފައި ނުވާ ނޭމާ ބާސެލޯނާއާ އަލުން ގުޅުމަށް ޓަކައި މުސާރައިން 15 މިލިއަން ޔޫރޯ ކުޑަކުރަން ވެސް އޭނާ ހުރީ ތައްޔާރަށް ކަމަށް ސްޕެނިޝް ފުޓްބޯޅައިގެ ތަޖުރިބާކާރު ހުއިލަމް ބަލަގޫ ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ.
އަދި ކުޓީނިއޯ ކުލަބު ދޫކޮށްލުމާ އެކު ނޭމާ ބާސެލޯނާއަށް ގެންނާނެ ކަމަށް މިހާރު މިވަނީ ގައިގަނޑަކަށް ޔަގީންވެފަ އެވެ. ނަމަވެސް ބާސެލޯނާ އިން ނޭމާ ހޯދުމަށް މިހާތަނަށް ރަސްމީ ބިޑެއް ހުށައަޅާފައި ނުވާ ކަމަށް ޕީއެސްޖީން ބުނެފައިވާ އިރު ފަހަރުގައި، ޓްރާންސްފާ މާކެޓުގެ ފަހު ވަގުތު ކޮޅަށް ބާސެލޯނާ އިން ބިޑު ކުރަން މަޑު ޖައްސާލަނީ ކަމަށް ބެލެވެ އެވެ.
އެއީ ޓްރާންސްފާ ބާޒާރު ބަންދުވުމާ ގާތަށް ގޮސްފައިވާތީ އާއި ނޭމާ ވެސް ކްލަބުގައި ދެމި ހުންނަން ބޭނުން ނުވާތީ ޕީއެސްޖީ އަށް އޭނާ ވިއްކާލަން މަޖުބޫރުވާނެތީ އެވެ.